ހުޅުޖަހައި ލޫޓުވުމަށް ހިތްވަރުދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްޓު އަލީ ޖުމާންގެ ބަންދަށް 15 ދުވަސް ކުރިމިނަލް ކޯޓުން މިއަދު ޖަހައިފިއެވެ.

ފުލުހުން ޖުމާން ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ފުލުހުން އޭނާއަށް ކުރަނީ ޓެރަރިޒަމްގެ ތުހުމަތެވެ.

ފުލުހުން އިއްޔެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖެހުމަށާއި ފިހާރައެއް ލޫޓުވުމަށް ހިތްވަރުދީ ގޮވާލި މައްސަލައިގެ ތުހުމަތަށް ކަމަށެވެ.

އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

ރާއްޖޭގެ ސްޕްރީމް ކޯޓާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަދި ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ހުޅުޖެހުމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ޕޯސްޓެއްކުރި މައްސަލައިގައި ފުލުހުން ވަނީ ކުރީގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނެންޓް އަދި މި ސަރުކާރުގައި ކުރިން ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައިވާ ހަސަން ޒިހާން ވެސް ދާދި ފަހުން ހައްޔަރުކޮށްފައެވެ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.