ގެދޮރު އިމާރާތްކުރުމަށާއި، ގަތުމަށް ބޭންކުތަކުން ދޫކުރާ ލޯނުތަކަށް ދައްކަންޖެހޭ ޑައުންޕޭމަންޓް ނުވަތަ އިކުއިޓީ ހަމަޖެއްސުމަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފުކޮށްފައިވާ "ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި" ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލާނެކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ހައުސިން މިނިސްޓްރީން ހިންގާ ނެޝަނަލް ހޯމް އޯނާޝިޕް ޕްރޮގްރާމުގެ ދަށުން ތައާރަފުކޮށްފައިވާ މި ދެ ސްކީމަކީ، އަމިއްލަ ބޯހިޔާވަހިކަން ހޯދުމުގައި އާއިލާތަކަށް ކުރިމަތިވާ އެންމެ ބޮޑު ހުރަސް ކަމަށްވާ އިކުއިޓީ ހަމަޖައްސައިދިނުމަށް އެކުލަވާލާފައިވާ ހިލޭ އެހީގެ ދެ ސްކީމެވެ.
މި މަޝްރޫއު ތަންފީޒުކުރުމަށްޓަކައި ސަރުކާރުން ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަދި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.
މުއްތަލިބު އިއްޔެ ލިންކްޑިންގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގިނަ އާއިލާތަކަށް ގެދޮރު މިލްކުކުރުމުގައި އޮތް އެންމެ ބޮޑު ދައްޗަކީ މަހުން މަހަށް ދައްކަންޖެހޭ އިންސްޓޯލްމަންޓް ފައިސާއެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ލޯނު ހޯދުމަށް އޮތް ބޮޑު ހުރަހަކީ ފުރަތަމަ ބޭންކަށް ދައްކަންޖެހޭ ބޮޑު އިކުއިޓީ ފައިސާ އެއްފަހަރާ ދެއްކުން ކަމަށެވެ.
ވޯލްޑް ބޭންކުގެ އެހީތެރިކާއެކު އެފޯޑަބަލް ހައުސިން އިންސްޓިޓިއުޓުން އެކުލަވާލި ދިރާސާއަކަށް ހަވާލާދީ މިނިސްޓަރު ވިދާޅުވީ ދިރާސާގައި ބައިވެރިވި އާއިލާތަކުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ގޭބިސީތަކުގައި އެއްވެސް ވަރަކަށް ރައްކާކުރެވިފައިވާ ފައިސާއެއް ނެތް ކަމަށެވެ. އަދި މަހަކު 3،000 ރުފިޔާއަށް ވުރެ އިތުރަށް ފައިސާ ރައްކާކުރެވެނީ ސާވޭކުރި އާއިލާތަކުގެ ތެރެއިން 10 ޕަސަންޓަށް ވުރެ މަދު ބަޔަކަށްކަމަށް މުއްތަލިބު ވިދާޅުވިއެވެ.
އެކަމުގެ މިސާލެއް ދައްކަވަމުން މުއްތަލިބު ވިދާޅުވީ މަހަކު 3،000 ރުފިޔާ ރައްކާކުރާ އާއިލާއަކަށްވެސް، ދެ މިލިއަން ރުފިޔާގެ އެޕާޓްމަންޓަކަށް ބޭނުންވާ 20 ޕަސަންޓުގެ އިކުއިޓީ ކަމަށްވާ 400،000 ރުފިޔާ އެއްކުރަން ގާތްގަނޑަކަށް 10 އަހަރު ދުވަސް ނަގާނެ ކަމަށެވެ.
ސަރުކާރުން ތައާރަފުކުރާ ދެ ސްކީމަކީވެސް ލޯނެއްގެ ގޮތުން އަނބުރާ ދައްކަން ނުޖެހޭ، ސީދާ އިކުއިޓީ ކަވަރުކުރުމަށް ދެވޭ ހިލޭ އެހީގެ ދެ ސްކީމެވެ. ފުރަތަމަ ސްކީމަކީ "ހެލްޕް ޓު ބިލްޑް" އެވެ. މިއީ އަމިއްލަ ބިން އޮވެ، އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތި، ގެދޮރު އިމާރާތްރުމަށް ލޯނު ނަގަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ ސްކީމެކެވެ. މި ސްކީމުގެ ދަށުން 1 މިލިއަން ރުފިޔާގެ ލޯނަކަށް ބޭނުންވާ 20 ޕަސަންޓުގެ އިކުއިޓީ ހަމަޖެއްސުމަށް، ކޮންމެ މީހަކަށް ގިނަވެގެން 200،000 ރުފިޔާ ސަރުކާރުން ދޭނެއެވެ.
އަދި މާލޭގައި އެއް ގޯއްޗެއްގައި ގިނަ ވާރުތަވެރިންތަކެއް ގުޅިގެން އިމާރާތް ކުރާ ނަމަ، ޝަރުތު ހަމަވާ ކޮންމެ މީހަކަށް 200،000 ރުފިޔާގެ މަގުން، އެއް ބިމަކަށް ޖުމްލަ 1 މިލިއަން ރުފިޔާއާ ހަމައަށް އެހީ ލިބޭނެއެވެ.
ފުރަތަމަ ފިޔަވަހީގައި މި ސްކީމް ހިންގާނީ މާލެ އަދި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށުގައެވެ. ނަމަވެސް، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅު ފުރަތަމަ ފިޔަވަހީގައި ނުހިމެނެއެވެ. މި ސްކީމްގެ ދަށުން އިމާރާތްކުރަން ބޭނުންވާ ބިން ވާންޖެހޭނީ އެދޭ ފަރާތުގެ އަމިއްލަ މިލްކަކަށެވެ.
ދެވަނަ ސްކީމަކީ "ހެލްޕް ޓު ބައި" އެވެ. މިއީ އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ހާއްސަ ސްކީމެކެވެ. މި ސްކީމްގެ ދަށުން އެފޯޑަބަލް ހައުސިން މަޝްރޫއުތަކުގެ ދަށުން ޕްރައިވެޓް ޑިވެލޮޕަރުން އަޅާ 1.5 މިލިއަން ރުފިޔާގެ ޔުނިޓުތަކަށް ސަރުކާރުން 250،000 ރުފިޔާއާ ހަމައަށް ހިލޭ އެހީ ދޭނެއެވެ.
މި އެހީ ސީދާ ޖަމާކުރާނީ ލޯނު ދޭ މާލީ އިދާރާ މެދުވެރިކޮށް ޑިވެލޮޕަރަށެވެ. މީގެ ސަބަބުން އަމިއްލަ ޖީބުން ޑިޕޮސިޓަށް ދައްކަންޖެހޭ 300،000 ރުފިޔާ 50،000 ރުފިޔާއަށް ކުޑަވެގެންދާނެއެވެ. އަދި ކުރިއަށް އޮތް ފިޔަވަހިތަކުގައި މާލެ ސަރަހައްދުން ފުރަތަމަ ފަހަރަށް ފްލެޓް ގަންނަ ފަރާތްތަކަށް މި އެހީ ފުޅާކުރުމަށް ވަނީ ރޭވިފައެވެ.
މިނިސްޓަރު ވިދާޅުވީ މި ސްކީމްތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ވެސް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ދައުލަތުން އެއް ގެ ބިނާކޮށްދިނުމަށް ކުރަންޖެހޭ ހަރަދުން، މި މޮޑެލްގެ ދަށުން ގާތްގަނޑަކަށް ފަސް އާއިލާއަކަށް ގެދޮރު އެޅުމުގެ އިކުއިޓީ ފޯރުކޮށްދެވޭނެކަމަށް މުއްތަލިބު ވިދާޅުވިއެވެ.
އަދި ބޭންކުތަކުން ލޯނު ނެގޭ ފެންވަރުގެ އާއިލާތަކަށް މި އެހީ ދިނުމުން، ސަރުކާރުން ސީދާ އަޅާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ފްލެޓްތައް އެންމެ ނިކަމެތި އާއިލާތަކަށް ދިނުމަށް ޖާގަ ތަނަވަސްވެގެންދާނެކަމަށް މުއްތަލިބު ވިދާޅުވިއެވެ.
މި ސްކީމުން ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި ހަރުދަނާ ޝަރުތުތަކެއް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން، މި އެހީގެ ދަށުން ހަދާ ނުވަތަ ގަންނަ ގެދޮރު 20 އަހަރު ދުވަހުގެ ތެރޭގައި ވިއްކާލައިފި ނަމަ، ސަރުކާރުން ދިން ހިލޭ އެހީ އެއްކޮށް އަނބުރާ ދައުލަތަށް ދައްކަން ޖެހޭނެއެވެ.
އަންނަ މަހު ސްކީމަށް ފޯމު ހުށަހަޅަން ހުޅުވާލުމުގެ ކުރިން ތަފްސީލީ އުސޫލުތައް މިނިސްޓްރީން ވަރަށް އަވަހަށް އާންމުކުރާނެ ކަމަށާއި، އެހެންކަމުން ބިންތަކުގެ ލިޔެކިޔުންތަކާއި ބޭންކުތަކާ ވާހަކަދައްކައިގެން ލޯނު ލިބޭނެ މިންވަރު ދެނެގަނެ ތައްޔާރުވެ ތިބުމަށް މިނިސްޓަރު ވަނީ އެދިފައެވެ.
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮމެންޓް