އީރާނާ ދެކޮޅަށް އެމެރިކާއިން އަނެއްކާވެސް އަސްކަރީ އޮޕަރޭޝަނެއް ހިންގައިފާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެއްޖެއެވެ.
ފްލޮރިޑާގެ ފޯޓް މަޔާސްގައި ބޭއްވި އެއްވުމެއްގައި ހަނގުރާމައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، “އަހަރެމެން އަނެއްކާވެސް ކުޑަ އީޕިކް ފިއުރީއެއް ހިންގަފާނަން” ކަމަށެވެ. މިއީ ފެބްރުއަރީ މަހުގެ ފަހުކޮޅު އީރާނާއެކު ހަނގުރާމަ ފެށުމަށް މެދުވެރިވި، އެމެރިކާއާއި އިސްރާއީލް ގުޅިގެން ހިންގި “އޮޕަރޭޝަން އީޕިކް ފިއުރީ” އަށް އިޝާރާތްކުރައްވައި ޓްރަމްޕް ދެއްކެވި ވާހަކަފުޅެއް ކަމަށް ފްރާންސް 24 އިން ރިޕޯޓުކޮށްފައިވެއެވެ.
މި އެއްވުމުގައި ޓްރަމްޕް ވަނީ ކުރިން ހިންގި “އޮޕަރޭޝަން މިޑްނައިޓް ހެމާ” އަދި “އޮޕަރޭޝަން އީޕިކް ފިއުރީ” ގެ ސަބަބުން އީރާނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މަޝްވަރާގެ ތެރެއިން އެއްބަސްވުމަކަށް އައުމަށް ތެހެރާނުން ދެކޮޅުހަދައިފި ނަމަ، އިތުރު އަސްކަރީ ފިޔަވަޅުތަކެއް އަޅާފާނެ ކަމުގެ އިންޒާރުވެސް ދެއްވިއެވެ. ނަމަވެސް، އަލަށް އަޅާނެ ވަކި އަސްކަރީ ފިޔަވަޅުތަކެއްގެ އެއްވެސް ތަފްސީލެއް ޓްރަމްޕް ހާމަކުރައްވާފައި ނުވާ ކަމަށް ޖެރޫސަލަމް ޕޯސްޓުން ރިޕޯޓުކޮށްފައިވެއެވެ.
ޓްރަމްޕް އިއްޔެ ދެއްކެވި މި ވާހަކަފުޅުތަކާ ގުޅިގެން އީރާނުގެ ރަސްމީ ފަރާތްތަކުން އަދި އެއްޗެއް ބުނެފައިވާކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ. ނަމަވެސް، ބުރާސްފަތި ދުވަހު އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވެފައިވަނީ، ޑިޕްލޮމަސީގެ ބަދަލުގައި އެމެރިކާއިން ހަނގުރާމަ އިހުތިޔާރުކޮށްފި ނަމަ، އެ ގައުމަށް ކުރިއަށްވުރެ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައިއާރުޖީސީ) ގެ ތަރުޖަމާނު ހުސައިން މޮހެބީ ބުދަ ދުވަހު ވިދާޅުވީ، އެ ގައުމުގެ ދިފާއީ ސިޔާސަތު މިހާރު ބަދަލުކޮށްފައިވާ ކަމަށާއި، ގައުމަކުން ހަމަލާއެއް ދީފި ނަމަ ރައްދު ދިނުމުގެ އިތުރުން އިސްވެ ހަމަލާދޭނެ ކަމަށެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް