ޗައިނާގައި މުޅިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފެއްދި ފުރަތަމަ ފީޗާ ފިލްމު، “ސަންޝިންގޑުއީ: ފިއުޗަރ ޕާސްޓް” އިއްޔެ އެ ގައުމުގެ ސިނަމާތަކުގައި ރިލީޒްކޮށްފިއެވެ.
ސައިންސް ފިކްޝަން ތުރިލާ ބާވަތުގެ މި ފިލްމުގެ 10،000 އަށް ވުރެ ގިނަ ޝޯ އިއްޔެ ދެއްކުމަށް ތާވަލުކޮށްފައިވާ ކަމަށް ޓިކެޓް ވިއްކާ ޕްލެޓްފޯމް، މާއޮޔާންގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މި ފިލްމު އުފެއްދުމަށް ގާތްގަނޑަކަށް 100 މީހުން ދެ އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ކަމަށް އޭއެފްޕީން ރިޕޯޓުކޮށްފައިވެއެވެ.
ފިލްމު އެޅުވުމުގެ ކުރިން ޓިކެޓް ވިކުނު މިންވަރު ދަށްވެ، ބެލުންތެރިންގެ ފަރާތުން ފިނި ތަރުހީބެއް ލިބިފައިވާ ކަމަށް ހިންދުސްތާން ޓައިމްސްއިން ރިޕޯޓުކޮށްފައިވެއެވެ. އެ ނޫހުގައި ބަޔާންކޮށްފައިވާ ގޮތުގައި، 1.5 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބުރާސްފަތި ދުވަހުގެ ރެއާ ހަމައަށް ޕްރީ-ސޭލްސް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ގާތްގަނޑަކަށް 10،000 ޑޮލަރު ނުވަތަ 65،000 ޔުއާންއެވެ.
މާއޮޔާންއިން ހާމަކޮށްފައިވާ ގޮތުގައި، އިއްޔެ ހެނދުނާ ހަމައަށް ޕްރީ-ސޭލްސް އާމްދަނީ 80،000 ޔުއާން (11،980 ޑޮލަރު) އަށް އެރި ނަމަވެސް، މުޅި ފިލްމަށް ބޮކްސް އޮފީހުގައި ލިބޭނެ ކަމަށް ލަފާކުރެވެނީ 150،000 ޔުއާންއަށް ވުރެ ދަށް އަދަދެކެވެ. ޓިކެޓެއްގެ އަގު 20 ޔުއާންއާއި 90 ޔުއާންއާ ދެމެދުގައި ހުރިއިރު، މިހާތަނަށް ވިކިފައިވަނީ މަދު ހާހެއްހާ ޓިކެޓެވެ.
މި ފިލްމު އުފެއްދި ބޯނާ ފިލްމް ގްރޫޕްގެ ސީއީއޯ ޖިއާންގް ޑެފޫ ދެއްވި އިންޓަވިއުއެއްގައި ވަނީ ފިލްމަށް ލިބެމުން އަންނަ ތަރުހީބު ކުޑަކަމަށް ގަބޫލުކުރައްވައިފައެވެ. އެހެންނަމަވެސް، މި ފިލްމަކީ އާ ހަރުފަތްތަކެއް ގިރާކުރާ އުފެއްދުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މިއީ މިފަދަ މަސައްކަތެއް ތަޖުރިބާކޮށް، ސިނަމާތަކުގައި ދެއްކުމުގެ ހުއްދަ ހޯދައި، ބެލުންތެރިންގެ ކުރިމަތީގައި އިމްތިހާނުކުރެވޭ ފުރަތަމަ ފަހަރު ކަމަށްވެސް ޖިއާންގް ޑެފޫ ވިދާޅުވިއެވެ.
ޗައިނާ
ޗައިނާ
ޗައިނާ
ޗައިނާ
ކޮމެންޓް