ދިވެހި ވަތަނީ ހިދުމަތުގެ "ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިން" ޕްރޮގްރާމްގެ ހަތަރުވަނަ ބެޗު ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.

ނޭޝަނަލް ސާވިސް އިނީޝަލް ޓްރޭނިންގެ ހަތަރުވަނަ ބެޗުގެ ތަމްރީނުތައް 352 ޒުވާނުންނާއެކު މިއަދު ރަސްމީކޮށް އިފުތިތާހު ކުރުން ފާހަގަކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 125 ރަށަކަށް ނިސްބަތްވާ 288 ފިރިހެން އަދި 64 އަންހެން ޒުވާނުން މި ތަމްރީނުގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ހުރިހާ ބައިވެރިންނަށް ވެސް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

އެމަނިކުފާނު ވަނީ ޕްރޮގްރާމް ފުރިހަމަކުރުމަށް ހިތްވަރާ އަޒުމާއެކު މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެ ހިތްވަރު ދެއްވައިފައެވެ.

ރައީސް ވިދާޅުވީ ދިވެހި ގައުމިއްޔަތަށް ލޯބި ކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން މިއަދު މިކުރާ މަސައްކަތް މާތް ﷲ ގެ ވާގިފުޅާއެކު ވެގެންދާނީ މި ގައުމުގެ ޒުވާނުންގެ ކުރިމަގު ބައްޓަން ކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ ބިންގަލަކަށް ކަމަށެވެ.

ޅ. މާފިލާފުށީ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި މިކަމަށްޓަކައި ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމް އިފުތިތާހުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ސާދަ ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނުގައި ދަރިވަރުން މާފިލާފުއްޓަށް ރިޕޯޓްކޮށްފައި ވަނީ އޮކްޓޫބަރު 13 ވަނަ ދުވަހުއެވެ.

އެމްއެންޑިއެފުން ބުނީ މި ތަމްރީނުގައި، ދިވެހި ގައުމިއްޔަތާއި ޒިންމާދާރު ރައްޔިތުކަމާއި ދީނީ ތައުލީމާއި ލީޑަޝިޕް އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައިދޭނެ ކަމަށެވެ. އަދި ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީނުތައް ހިމެނޭނެ ކަމަށާއި އަހުލާގާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ފަސްޓް އެއިޑާއި ފަޔާ ފައިޓިން އަދި ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ހަރަކާތްތަކާއި އަސްކަރީ ތަމްރީނުގެ ހަރަކާތް ތައާރަފުކޮށްދިނުން ވެސް މި ތަމްރީނުގައި ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.