އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވަމުންދާ ފަލަސްތީނުގެ ޒުވާން ޓީމުން ރާއްޖޭގައި ކޭމްޕް ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފައި ވަނީ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމުން ތަމްރީނު ކޭމްޕަށް ރާއްޖެ އަންނަން ނިންމާފައި ވަނީ މިމަހުގެ 27 ވަނަ ދުވަހު ކަމަށެވެ. އަދި އެޓީމުން ގުރައިދޫގައި ކޭމްޕް ކުރަން ހަމަޖެހިފައިވާ އިރު، އެ ކޭމްޕްގެ ތެރެއިން ރާއްޖޭގެ 17 އަހަރުގެ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެމެޗު ކުޅެން ހަމަޖެހިފައިވާ ކަމަށްވެސް އެފްއޭއެމްއިން ބުންޏެވެ. ރާއްޖޭގެ ޓީމުންވެސް ދަނީ ކޮލިފިކޭޝަނަށް ތައްޔާރުވަމުންނެވެ. މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ މިމަހުގެ 30 ވަނަ ދުވަހާއި ނޮވެމްބަރު މަހު ދެވަނަ ދުވަހުއެވެ.

އެފްއޭއެމްއިން ބުނެފައި ފަލަސްތީނު ގައުމީ ޓީމުގެ ކޭމްޕް އިންތިޒާމުކުރުމުގައި ސަރުކާރާއި ކ. ގުރައިދޫ ކައުންސިލުން ދެއްވާ އެއްބާރުކުމަށް ޝުކުރު އަދާކޮށްފައެވެ. އެ އިދާރާއިން ބުނީ ފަލަސްތީނުގެ ކޭމްޕާއެކު ދެގައުމުގެ ދެމެދުގައި އޮތް ކުޅިވަރުގެ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށާއި، އެކުވެރިކަމުގެ މެޗުތައް ވެގެންދާނީ ދެޓީމަށްވެސް ލިބިގެންދާ ރަނގަޅު ތަޖުރިބާއެއް ކަމަށެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ރާއްޖޭގައި ކޭމްޕް ކުރުމަށްފަހު ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު ފަސްވަނަ ދުވަހުއެވެ. ފަލަސްތީނު ޒުވާން ޓީމުން މިދިޔަ އަހަރުވެސް އޭއެފްސީ ކަޕްގައި ކުޅުމުގެ ކުރިން ރާއްޖެ އައިސްފައިވެއެވެ.