އދ. އަކީ އިހްތިރާމްކުރުމުގެ މަތީގައި ސާބިތުވެ އޮންނަ މުއައްސަސާ އަކަށް ވާންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މި ފަދައިން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުންދާ އދ.ގެ 81 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވީ އދ. ގެ އިތުބާރު ބިނާވެފައިވަނީ، އެއްގައުމު އަނެއްގައުމަށް ކުރާ އިތުބާރާއި ޒިންމާދާރުކަމުގެ މައްޗަށް ކަމަށާއި އެކަން ހާސިލު ކުރެވޭނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ފުރިހަމަޔަށް އިހްތިރާމްކޮށް، ބައިނަލްއަގުވާމީ އުސޫލުތަކާ އެއްގޮތަށް އަމަލުތައް ބަހައްޓައި، ގައުމުތަކުގެ މެދުގައި ކުރެވިފައިވާ މުއާހަދާތައް ފުރިހަމައަށް ތަންފީޒު ކުރެވިގެން ކަމަށެވެ.

ރައީސް ވިދާޅުވީ، ސަރަހައްދީ ސިޔާސީ ނުވަތަ ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން އިތުރުވުމާއި ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒުކުރުމުގައި ހަމަހަމަކަން ނެތުމާއި ދުނިޔެއަށް އަންނަ ބަދަލުތަކާ އެއްވަރަށް، ގައުމުތައް ކުރިއަށްދިއުމުގައި ހުރި ގޮންޖެހުންތަކަކީ، އެ އިތުބާރު ގެއްލިގެންދާ ސަބަބުތަކެއް ކަމަށެވެ.

ރައީސްގެ މެސެޖުގައި ވަނީ މިފަދަ ބައިބައިވުންތަކުގެ ސަބަބުން، ހާއްސަކޮށް ފަލަސްތީނު ފަދަ ގައުމުތަކުގެ އިންސާނިއްޔަތަށް ލިބެމުންދާ ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައިފައެވެ.

މީގެ އިތުރުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސްގެ ކުރިއެރުމަށާއި ވިލުންތެރިކަމަށް ދިމާވެފައިހުރި ހުރަސްތަކުގެ ގޮތުގައި، މާލީ އެހީތެރިކަމާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ހަމަހަމަކަމާއެކު ނުލިބުމާއި ދެމެހެއްޓެނިވި ނޫންގޮތުގައި ނެގޭދަރަނި ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ މުސްތަގުބަލު ކަނޑައެޅުމުގެ މިނިވަންކަމާ އެއްވަރަށް، ގައުމީ އަމާޒުތަކާއި އުންމީދުތައް ހާސިލުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި މަގުތައް ފަހިވެފައި އޮތުމަކީ، 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްގީވެފައިވާ ގައުމަކަށް ވުމަށް، ރާއްޖެއިން ކުރާ އުންމީދު ހާސިލުކުރުމަށް ލިބިގެންދާނެ އިތުރު ބާރެއް ކަމަށެވެ.

ރައީސް ވިދާޅުވީ އެ އަމާޒަށް ވާސިލު ވުމަށްޓަކައި، ރައްޔިތުންގެ ކުރިއެރުމަށް ވުނަކުރުމަށާއި އިގްތިސީދު ވަރުގަދަކުރުމަށް، އަދި ރާއްޖެއިން ބޭރުން ކުރިމަތިވާ ގޮންޖެހުންތަކާ ދެކޮޅަށް، ވިލުންތެރިކަމާއެކު މަސައްކަތް ކުރުމަށް މަގުފަހިކޮށްދިނުމަކީ ބޭނުންތެރިކަމެއް ކަމަށެވެ.

‎އދ. އަކީ ހުރިހާ ދައުލަތްތަކެއްގެ ހައްގުތަކަށް އިހްތިރާމްކުރާ، ހުރިހާ ގައުމެއްގެ އަޑުއަހާ، އަދި އެއްވެސް ގައުމެއްގެ މުސްތަގުބަލު، އެހެން ގައުމެއްގެ ނުފޫޒުން ކަނޑަނޭޅޭނެ ގޮތަކަށް މަގުފަހިކޮށްދޭ، ޖަމާޢައައްގެ ގޮތުގައި ދެމިއޮތުމަކީ މުހިންމު ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސުލްހަ މަސަލަސްކަމަށް އިހްތިރާމްކުރުމާއި، އަދުލުއިންސާފު ގާއިމުކުރުމާއި އަދި ކޮންމެ ދައުލަތަކަށްވެސް އެ ދައުލަތެއްގެ މުސްތަގުބަލު އަމިއްލައަށް ބައްޓަންކުރުމުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ބައިނަލްއަވުވާމީ މުޖުތަމައާ ގުޅިގެން މަސައްކަތްކުރުމުގައި ރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.