އިސްރާއީލްގެ އާންމު އިންތިހާބުގެ ނަތީޖާއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އިސްރާއީލުގެ ސެންޓްރަލް އިލެކްޝަންސް ކޮމިޓީގެ ވެރިޔާ ނޯއަމް ސޯލްބާގް އިއްޔެ ވިދާޅުވެއްޖެއެވެ.

އެ ގައުމުގެ އެޓާނީ ޖެނެރަލްއާއި އެތެރޭގެ ސަލާމަތީ އިދާރާ (ޝިން ބެޓް)ގެ ވެރިޔާއާ އެކު އާންމުކުރެއްވި ވީޑިއޯ ބަޔާނެއްގައި ސޯލްބާގް ވިދާޅުވީ، އިންތިހާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ކުރެވޭ ތުހުމަތުތައް ސާބިތުވި ނަމަވެސް، އިންތިހާބީ ނިޒާމުގެ ސައްހަކަމަށާއި މުޅި ނަތީޖާއަށް އޭގެ ސަބަބުން އަސަރެއް ނުކުރާނެ ކަމަށެވެ.

ސޯލްބާގް އިތުރަށް ވިދާޅުވި ގޮތުގައި، މިހާތަނަށް އެ ކަންކަން އޮތީ ހަމައެކަނި ތުހުމަތުތަކެއްގެ ގޮތުގައެވެ. ނަމަވެސް އެ ތުހުމަތުތަކުގެ ސީރިއަސްކަމުން، އެކަން ތަހުގީގުކޮށްދިނުމަށް ސޯލްބާގް އެދިވަޑައިގަތުމުން ޝިން ބެޓުން މިދިޔަ ހަފުތާގައި ވަނީ ތަހުގީގެއް ފަށައިފައެވެ.

ދަ ހިންދޫ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ތަހުގީގުގައި ބަލަމުން އަންނަނީ އިސްރާއީލުގެ އަރަބި ސިޔާސީ ޕާޓީއެއް ކަމަށްވާ ރާއަމްއަށް ގަތަރުން ފައިސާ ލިބުނު ކަމަށް ބުނާ މައްސަލައެވެ. ނަމަވެސް ގަތަރުންނާއި ރާއަމް ޕާޓީން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

މި ތަހުގީގު ފަށާފައިވަނީ އިންތިހާބުގެ ފަހު ނަތީޖާއިން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޯލިޝަނަށް ގާނޫނުހަދާ މަޖިލީހުގެ (ކްނެސެޓް) އަގުލަބިއްޔަތު ގެއްލުމާ ގުޅިގެން، އިންތިހާބު ވަގަށް ނަގާފައިވާ ކަމަށް ބުނެ ނަތަންޔާހޫއާއި އޭނާގެ ލިކޫދު ޕާޓީން ހެކި ނެތް ތުހުމަތުތަކެއް ކޮށްފައިވަނިކޮށެވެ.

ބުދަ ދުވަހު ލިކޫދު ޕާޓީން ނެރުނު އަދި ނަތަންޔާހޫ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ބަޔާނެއްގައި ބުނީ، އަރަބި ރައްޔިތުން ހިންގި ވޯޓު އޮޅުވާލުމުގެ އަމަލުތަކުގެ ސަބަބުން ސާފު ކާމިޔާބީއެއް ހޯއްދެވުމަށް ނަތަންޔާހޫއަށް ހުރަސްއެޅުނު ކަމަށެވެ. އަދި ބުރާސްފަތި ދުވަހު ލިކޫދު ޕާޓީން ނެރުނު ބަޔާނެއްގައި، އިންތިހާބު ވަގަށް ނަގާފައިވާ ކަމަށާއި އެއީ ކްނެސެޓް ބޭރުގެ ބާރުތަކުގެ ދަށަށް ގެންދިއުމަށް ޑިމޮކްރަސީއަށް ދިން ހަމަލާއެއް ކަމަށް ބުނެފައިވެއެވެ.