ޝާހްރުކް ހާން އޭނާގެ ކުރިއަށް އޮތް ފިލްމު "ކިންގް" ގެ ފުރަތަމަ ލަވަ "ތޫ މިލް ޖާއޭ" ނެރެފިއެވެ.

ޝާހްރުކް ހާންގެ 61 ވަނަ އުފަންދުވަހާ ދިމާކޮށް ނެރުނު މި ލަވައިގައި އޭނާއާއެކު ދީޕިކާ ޕަދުކޯން ފެނިގެންދާއިރު، މިއީ މި ދެ ތަރިން އެކުގައި މަސައްކަތްކުރާ ހަވަނަ ފިލްމެވެ. މީގެ ކުރިން ސެޕްޓެންބަރު 15 ގައި އެކްސް މެދުވެރިކޮށް ސަޕޯޓަރުންނާ ވާހަކަދައްކަމުން ޝާހްރުކް ހާން ވަނީ މި ފިލްމުގައި އަރިޖީތު ސިންގްގެ ލަވައެއް ހިމެނޭނެކަން އިއުލާންކޮށްފައެވެ.

https://youtu.be/BPZkZpGMpXA?si=JRGH66MT2efhQeOO

ދަ އިކޮނޮމިކް ޓައިމްސްގައި ބަޔާންކޮށްފައިވާ ގޮތުގައި، ކަށަވަރުވެފައިވާ ރަސްމީ މައުލޫމާތުތަކަށް ބަލާއިރު "ތޫ މިލް ޖާއޭ" ކިޔާފައިވަނީ އަރިޖީތު ސިންގްއާއި އެޑް ޝީރަން އަދި މަދޫބަންތީ ބާގްޗީ އެވެ.

ސަޗިން-ޖިގަރު މިޔުޒިކް ތައްޔާރުކޮށްދީފައިވާ މި ލަވައިގެ ޅެން ކުމާރު ލިޔެފައިވާއިރު، ލަވައިގައި ހިމެނޭ އިނގިރޭސި ރެޕް ބައި ލިޔެފައިވަނީ އެޑް ޝީރަން އެވެ. އަދި މި ލަވައިގެ ނެށުންތައް ތައްޔާރުކޮށްދީފައިވަނީ ޕިޔޫޝް-ޝާޒިއާ އެވެ.

ސިދާތު އާނަންދު ޑައިރެކްޓްކުރާ "ކިންގް" ސިނަމާތަކަށް އަންނާނީ ޑިސެންބަރު 24ގައި ކަމަށާއި، ފިލްމު ނެރުން ލަސް ނުވާނެ ކަމަށް ޝާހްރުކް ހާން ވަނީ ބުނެފައެވެ.

މި ފިލްމުގެ ކަށަވަރުވެފައިވާ ތަރިންގެ ތެރޭގައި ސުހާނާ ހާން އާއި އަބީޝެކް ބައްޗަން ހިމެނެއެވެ. ނަމަވެސް ރަސްމީކޮށް ކަށަވަރު ނުވާ ރިޕޯޓުތަކާ ހަވާލާދީ ބޮލީވުޑް ހަންގާމާއިން ބުނެފައިވަނީ، ރެޑް ޗިލީޒްއާއި މާފްލިކްސް ގުޅިގެން އުފައްދާ މި ފިލްމަކީ 450 ކުރޯޑު ރުޕީސްގެ ބަޖެޓަކުން ހަދާ ފިލްމެއް ކަމަށާއި، މިދިޔަ އޮކްޓޫބަރު މަހު ދެކުނު އެފްރިކާގައި މަންޒަރުތަކެއް ނެގުމަށް ރޭވި ކަމަށެވެ. އަދި ފިލްމުގެ ރަސްމީ ޓްރެއިލާ ނެރޭނެ ސީދާ ތާރީހެއް މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.