ކަންގަނާ ރަނޯއަތު ވަނީ ވަރަށް ފާޅުގައި ތާޕުސީ ޕަންނޫ އަށް ފާޑު ކިޔައި ޓުވީޓް ކޮށްފައެވެ. އެގޮތުން 2017 ވަނަ އަހަރު ތާޕުސީ ވަނީ ބޮލީވުޑްގެ މަޝްހޫރު ފިލްމީ އާއިލާތަކުން އައިސް ތިބި ތަރިން ދިފާއުކޮށް، ކަންގަނާ އަށް ފިލްމު ނުލިބެނީ އެހެން މީހުންނާ ހެދި ނޫން ކަމަށް ބުނެފައެވެ.

މިދުވަސްކޮޅު ބޮލީވުޑްގައި ނެޕްޓިޒަމް އޮތް މިންވަރާ ގުޅޭގޮތުން ގިނަ ތަރިން ވާހަކަ ދައްކަމުން ދާތީ، ތާޕުސީ ވެސް ވަނީ ބޮލީވުޑްގެ މަޝްހޫރު އާއިލާތަކަށް ނިސްބަތްވާ ތަރިންނާއި ދެކޮޅަށް ވާހަކަ ދައްކައިފައެވެ. އެކަމާ ގުޅިގެން ކަންގަނާ އިއްޔެ ބުނީ ތާޕުސީ އުޅެނީ ފިލްމު ހޯދަން ވެގެން މަޝްހޫރު ތަރިންނާ ގުޅިގެން ކަމަށެވެ.

ކަންގަނާގެ އެވާހަކަތަކަށް ތާޕުސީ ވަނީ ވަރަށް ނުސީދާކޮށް ރައްދު ދީފައެވެ. އެގޮތުން ބައެއް މީހުންނަށް އަބަދުވެސް ފެންނާނީ މީހުން ކުރާ ގޯސް ކަންތައް ކަމަށާއި، މީހުން ކުރާ ރަނގަޅު ކަންތައްތަކުންވެސް ގޯސް ކަންކަން ހޯދަން މަސައްކަތް ކުރާ މީހުން އުޅޭ ކަމަށެވެ.

ތާޕްސީ އިތުރަށް ބުނީ މިދުވަސްކޮޅު އޭނާގެ ދިރިއުޅުމުގައި ވަރަށް ގިނަ ކަންކަން ހިނގާފައިވާ ކަމަށާއި، ވަރަށް ގިނަ ކަންކަން ދަސްވި ކަމަށެވެ.

ނެޕޮޓިޒަމް އާއި ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލާ އެއް ތަރިޔަކީ ކަންގަނާ ރަނޯއަތުއެވެ. އެގޮތުން ކަންގަނާ ވަނީ ބޮލީވުޑްގައި އުޅޭ މަޝްހޫރު އާއިލާތަކަށް ނިސްބަތްވާ ތަރިންނަށް ފާޅުގައި ފާޑުކިޔައިފައެވެ.