މެޑިކަލް ސެޓްފިކެޓް ހުށަނާޅުއްވައި، ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ސަލާމުގައި ތިއްބެވޭނީ އަހަރަކު 15 ދުވަސް ކަމަށް ކަނޑައަޅަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މަޖިލިސް ގަވާއިދަށް ގެންނަ އިސްލާހެއްގެ ގޮތުގައި އެ އިސްލާހު ހުށަހެޅުއްވީ، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމެވެ.

އެ އިސްލާހުގައި ބުނެފައިވަނީ، މެޑިކަލް ސެޓްފިކެޓް ހުށަނާޅުއްވައި، ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ސަލާމުގައި ތިއްބެވޭނީ އަހަރަކު 15 ދުވަސް ކަމަށާއި އެއަށްވުރެ އިތުރުވާނަމަ މެޑިކަލް ސެޓްފިކެޓް ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

އެހެންކަމުން އެ އިސްލާހު މަޖިލީހުގެ ގަވާއިދަށް ގެނަސްފިނަމަ، މަޖިލިސް މެންބަރުންނަށް ސަލާމުގެ ގޮތުގައި ލިބިވަޑައިގަންނަވާނީ އަހަރަކު 30 ދުވަހެވެ.

އިސްލާހުގައި އިތުރަށް ބުނެފައިވަނީ، ބޮޑު ބައްޔަކަށް ފަރުވާ ކުރައްވަން ޖެހިވަޑައިގެންނެވުން ނޫނީ އެކްސިޑެންޓެއްގެ ސަބަބުން އަނިޔާވުމަކީ މެޑިކަލް ސެޓްފިކެޓެއް ނެތި ސަލާމް ބުނުމަށް އޮތް އިސްތިސްނާ ހާލަތެއް ކަމަށް ބުނެފައިވެ އެވެ.

މަޖިލިސް މެންބަރުން މެޑިކަލް ސެޓްފިކެޓް ހުށަހަޅަންޖެހޭ ގޮތަށް، މަޖިލިސް ގަވާއިދަށް އިސްލާހު ހުށަހަޅާފައިވާއިރު ވަރަށް ގިނަ ދުވަހު ސަލާމުގައި ތިއްބަވާ މެންބަރުން ފާހަގަކުރެވިފައިވާ ކަމަަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު އަދި ވެރިކަން ހިންގާ ކޯލީޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް މިދިޔަ 2020 ވަނަ އަހަރު މުޅިންހެން ހުންނެވީ ޗުއްޓީގައި ކަމަށް މަޖިލިސް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި މިހާރު އޮޮންނަ ގޮތުން މަޖިލިސް ރައީސްގެ ހުއްދައާއެކު، ސަލާމާއި ޗުއްޓީގައި ތިބޭ މެންބަރުން ފިޔަވައި، މެމްބަރުން މަޖިލީހުގެ މަސައްކަތަށާއި ޖަލްސާތަކަށް ހާޒިރުވާންވާން ޖެހޭނެ އެވެ.

ސަލާމާއި ޗުއްޓީގައި ތިބޭ މެންބަރުން ފިޔަވައި، އެ މަހެއްގެ ތެރޭގައި ބޭއްވޭ ޖަލްސާތަކުގެ ދެބައިކުޅަ އެއްބައި ޖަލްސާތަކަށް މެމްބަރަކު ހާޒިރުނުވެއްޖެނަމަ، އެ މެމްބަރެއްގެ މުސާރައިގެ 50 ޕަސެންޓަށްވާ މިންވަރު ކަނޑަންވާނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެއެވެ.