ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް އާއި އޭނާގެ އަނބިކަނބަލުން ޝަޖާން މުއާޒް ޝަހީމްއާ މަގުމަތިން ދިމާކޮށް އިންޒާރުދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ހައިތަމް މިރޭ "ވަން" އަށް ވިދާޅުވީ މިއަދު ހަވީރު 4:00 ހާއިރު، އޭނާ އާއި އަނބިކަނބަލުން ގެއަށް ވަޑައިގަންނަވަނިކޮށް، އެ ގޭ ކައިރިން ބަޔަކު ދިމާކޮށްލި ކަމަށެވެ. އަދި އެ މީހުންގެ ތެރެއިން އެއް ބަޔަކު އެ ގޭގެ ލިފްޓު ތެރެއަށް އަރައި، އަޑުގަދަކޮށް، އިންޒާރުދިން ކަމަށްވެސް ވިދާޅުވިއެވެ.
"ގެ ކައިރިން އެމީހުން ދިމާކޮށްލީ. ފަސް މީހުން ތިބި. ވަރަށް ހަޑި އެއްޗެހިވެސްކި އެމީހުން. އަޅުގަނޑުމެން ގެއަށް ވަނުމަށްފަހު ލިފްޓަށް އެރުމުން އޭގެ ތެރެއިން ދެ މީހަކު ވަނީ ލިފްޓަށްވެސް އަރައި، އިންޒާރުދީފަ. ހަޑިހުތުރު ބަހުން ވަރަށް އެއްޗެހި ކިޔާފަވަނީ،" ހައިތަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އަނބިކަނބަލުން ބަލިވެ އިނުމުން ވަރަށް ބޮޑަށް އަސަރުކޮށް، ބަނޑުގައި ރިއްސާފައި، އަނބުރައި ގަނެގެން ވެއްޓުނު ކަމަށެވެ.
"މާބަނޑު ދުވަސްވަރުވީމަ ވަރަށް ސެންސިޓިވްވާނެ ދެއްތޯ. ހާއްސަކޮށް އެފަދަ ހާލަތެއް ދިމާވީމަ. އަންހެނުން ބަނޑުގައި ރިއްސާފަ އެނބުރުން އަރައިގަނެގެން ވެއްޓުނީ. ދެން އަވަހަށް ހޮސްޕިޓަލަށް ގެންދިޔައީ. މިހާރު ސްކޭން ހައްދާފައި ޑޮކްޓަރަށް ދައްކަން އަދިވެސް އީއާރުގައި މަޑުކޮށްލައިގެން މި ތިއްބެވީ،" ހޮސްޕިޓަލުގައި ހުންނަވައިގެން ހައިތަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގެއަށް ވަދެވުމާއެކު ޝަޖާން ވަގުތުން ފުލުހަށް ގުޅައި މައްސަލަ ހުށަހެޅި ކަމަށެވެ. އަދި ފުލުހުންވެސް ވަރަށް އަވަހަށް އެޓެންޑުވެފައިވާ ކަމަށް ވިދާޅުވިއެވެ. މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު