ހއ. ތުރާކުނުން މުހައްމަދު ޖަމްޝަތު (ވަން އޮންލައިން)
ތުރާކުނު ރައްޔިތުން އެދުނު ގޮތަށް ރަށުގެ ބަނދަރު ބޮޑުކޮށްދީ މިރަށް ކައިރީގައި އޮންނަ ވަނގާރު ނަމަކަށް ކިޔާ ފަޅުރަށް، ރަށުގެ އިހުތިސާސު ތެރޭގައި ހިމަނައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި ރަށަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވި ކަންމަތީ ޖަލްސާގައި ރައީސް ވިދާޅުވީ ތުރާކުނުގެ ތަރައްގީއަށްޓަކައި ރައްޔިތުން ބޭނުންވާ ބަދަލު ގެނެސްދެއްވާނެ ކަމަށެވެ.
އެގޮތުން މި ރަށު ކައުންސިލުން އެދުނު ގޮތަށް ރަށާ ކައިރީގައި އޮންނަ ވަނގާރު، ޓޫރިޒަމްގެ ލިސްޓުން އުނިކޮށް ރަށުގެ އިހުތިސާސު ތެރޭގައި ހިމަނައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ވަނގާރަކީ ކުރިން މި ރަށު މީހުން ދަނޑުވެރިކަމަށް ބޭނުންކުރަމުން އައި ރަށެކެވެ. ނަމަވެސް އެރަށް މިހާރު އޮންނަނީ ފަތުރުވެރިކަމުގެ ބޭނުމަށް ސަރުކާރުން ލިސްޓުކޮށްފައެވެ.
ރައީސް އިތުރަށް ވިދާޅުވީ މިރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބަނދަރުގެ ދަތިކަން ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ކުރިއަށް އޮތް ތަނުގައި ބަނދަރު ބޮޑުކޮށްދެއްވާނެ ކަމަށެވެ. އަދި ރަށުގެ ޒުވާނުން ބޭނުންވާ ގޮތަށް ރަށު ފުޓުބޯޅަ ދަނޑުގައި ބައްތި ޖަހައި ރޭގަނޑު ދަނޑުގައި ކުޅެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން ރަށުގެ ބިމުގެ ދަތިކަން ހައްލުކުރުމަށް ރަށް ހިއްކުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށާއި ދާދި އަވަހަށް އެ މަސައްކަތްވެސް ފެށިގެން ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު