ދައުލަތުގެ ބައެއް އިދާރާތަކުން އެދުނުގޮތަށް، އަންނަ 2026 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް ފައިސާ އިތުރުކޮށްދެވެން ނެތްކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށް، ބަޖެޓް ދިރާސާކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެެވެ.
ބަޖެޓް ދިރާސާކުރާ ކޮމީޓީގެ މިއަދުގެ ބައްދަލުުވުގައި ސަލީމް ވިދާޅުވީ، ބަޖެޓް ދިރާސާކުުރުމުގެ މަސައްކަތް ކޮމިޓީން ކުރަމުންދިޔައިރު، ހާޒިރުކުރި ބައެއް އިދާރާތަކުން، އެ އިދާރާތަކަށް ކަނޑައަޅާފައިވާ ބަޖެޓަށް ފައިސާ އިތުރުކޮށްދޭން އެދުނު ކަމަށެވެ.
"ފިނޭންސް މިނިސްޓްރީއަށް ބައެއް އިދާރާތަކުން އަދަދުތައް އިތުރުކުރަން ހުށަހެޅި ނަމަވެސް އިތުރު ކުރެވެވެން ނެތްކަމަށް ބުނީ، އެއީ ބަޖެޓުން އަންނަ އަހަރު ވަރަށްބޮޑެތި ހަރަދުތަކެއް ހިނގާނެތީ، އިތުރަށް ހަރަދުތަކެއް ހިނގާނެތީ ބަޖެތަށް އިތުރުފައިސާ ދެވެންނެތީ،"
ނަމަވެސް ސަލީމް ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ފިނޭންސްއަށް ލިއުމުން އެ މުއައްސަސާތަކުގެ މަސަކަތްތަކަށް ދަތި ނުވާވަރަށް ހާއްސަ ބަޖެޓުން ފައިސާ ދޫކުރާނެކަމަށް ފިނޭންސްއިން ބުނެފައިވާ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
އަންނަ 2026 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ކަނޑައަޅާފައިވާ ބަޖެޓަކީ ގާނޫނުއަސާސީންނާއި އެންޓި ކޮރަޕްޝަންގެ ގާނޫނުން އެ ކޮމިޝަނާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރަން ފުދޭވަރުގެ ބަޖެޓެއް ނޫން ކަމަށް އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވަނީ ކޮމިޓީގައި ވިދާޅުވެފައެވެ.
ޝާމިލް ވިދާޅުވީ، 2026 ވަނަ އަހަރަށް އެ ކޮމިޝަނަށް ދޭން ފިނޭންސް މިނިސްޓްރީން ކަނޑައެޅި ސީލިންއަކީ 49.84 މިލިޔަން ރުފިޔާ ކަމަށެވެ. އޭސީސީއަށް ބޭނުންވެގެން އެދިފައިވަނީ 84 މިލިއަންގެ ބަޖެޓަކަށެވެ. ނަމަވެސް މަޖިލީހަށް ހުށަހެޅި ބަޖެޓުގައި އޭސީސީއަށް ދޭން ކަނޑައަޅާފައިވަނީ 47.37 މިލިޔަން ރުފިޔާ ކަމަށްވެސް ވިދާޅުވިއެވެ. އެއީ ދެ މިލިޔަނަށްވުރެ މަދު އަދަދެކެވެ.
އަދި ބަޖެޓްގައި ޖުޑީޝަރީއަށް މިހާރު ހިމަނާފައިވާ ބަޖެޓަށް 233.9 މިލިޔަން ރުފިޔާ އިތުރުކޮށްދޭން އެ ފަރާތުންވެސް ކޮމިޓީގައި ވަނީ އެދިފައެވެ. މީގެ އިތުރުން އެެހެން ބައެއް މުއައްސަސާތަކާއި އިދާރާތަކުން ވަނީ ބަޖެޓަށް އިތުރުކޮށްދިނުމަށް އެދިފައެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހަށް އިތުރަށް ބޭނުންވާ 3.5 މިލިއަން ރުފިޔާ ލިބޭނެގޮތަށް ހިމަނައި، ސަރުކާރުން މަޖިލީހަށް ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓު ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ.
"2026 ވަނަ މާލީ އަހަރަށް ހުށަހަޅާ ބަޖެޓަކީ 64,202,565,720 (ފަސްދޮޅަސް ހަތަރު ބިލިއަން ދުއިސައްތަ ދެ މިލިއަން ފަސް ލައްކަ ފަސްދޮޅަސް ފަސް ހާސް ހަތް ސަތޭކަ ވިހި ރުފިޔާ). މި ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާ،" މިދިޔަ މަހުގެ 30 ގައި މަޖިލީހަށް ބަޖެޓް ބަޔާން ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ވިޔަފާރި
އިޖުތިމާއީ ހިދުމަތް
އިޖުތިމާއީ މައްސަލަތައް
އައިފޯން