ރަށެއްގެ ސްކޫލެއްގައި ދަރުވަރުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލަތަކަކާ ގުޅިގެން ދެ ބިދޭސީ ޓީޗަރުން ހައްޔަރުކޮށްފިއެވެ.

މި ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައި ވަނީ ސައުތު ސެންޓަރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި، ސުކޫލު ޓީޗަރަކު 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް، މިމަހުގެ 11 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިމަހުގެ 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން، 52 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ދެވަނަ މީހާ ހައްޔަރުކުރީ، ހަމަ ސައުތު ސެންޓަރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި، ސުކޫލު ޓީޗަރަކު 12 އަހަރާއި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކޮށް، މިމަހުގެ 17 ވަނަ ދުވަހު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ދުވަހު ކޯޓު އަމުރެއްގެ ދަށުން، 52 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

މިއީ އެއް ރަށެއްގެ ސްކޫލުގައި ހިނގި ދެ މައްސަލައެވެ. މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.