ފިނޭންސް މިނިސްޓަރުގެ މަގާމުން މޫސާ ޒަމީރު އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކާ ހެދި ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މުންދު މިގޮތަށް ވިދާޅުވެފައި މިވަނީ ޒަމީރު، ފިނޭންސް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ ރައީސް އަންގަވައިގެން ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އެވާހަކަތައް ދައްކަމުންދާތީއެވެ.

މުންދު "ވަން" އަށް މިއަދު ވިދާޅުވީ ޒަމީރު އިސްތިއުފާ ދެއްވީ ރައީސް އަންގަވައިގެން ނޫން ކަމަށެވެ. އޭނާ އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަކާ ގުޅިގެން ކަމަށާއި އެކަން އިސްތިއުފާގެ ސިޓީގައި ވެސް ފާހަގަކުރައްވާފައިވާ ކަމަށެވެ.

މި ސަރުކާރުގައި ޒަމީރު އެންމެ ފުރަތަމަ ހުންނެވީ ފޮރިން މިނިސްޓަރުގެ މަގާމުގައެވެ. އެ މަގާމުން ފިނޭންސް މިނިސްޓަރަކަށް ބަދަލުކުރީ ސެޕްޓެމްބަރު 30، 2024 ގައެވެ.

އޭގެ ފަހުން ސަރުކާރުގެ ކެބިނެޓަށް ގެނައި ބަދަލާ އެކު ޒަމީރު ފެނިގެން ގޮސްފައިވަނީ މި ސަރުކާރުގެ ވަރަށް އިސް ބޭފުޅެއްގެ ގޮތުގައެވެ.

އެގޮތުން މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތައް ދެނެގަނެ، އެކަމާ ގުޅިގެން އަޅާނެ ފިޔަވަޅުތައް ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ވަޒީރުންގެ ހާއްސަ ކޮމިޓީގެ ޗެއާއަކަށް ވެސް ފަހުން ހަމަޖައްސާފައިވަނީ ޒަމީރުއެވެ.

އޭގެ އިތުރުން ލޯކަލް ގަވަރުނަމެންޓް މިނިސްޓްރީ އުވާލުމަށްފަހު ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސަކަށް ވެސް ފަހުން ހަމަޖައްސާފައިވަނީ މޫސާ ޒަމީރެވެ.