ރާއްޖޭގެ ތާރީހަކީ ކަނޑާއި ކަނޑުގެ ދަތުރުފަތުރާ ނުހަނު ބޮޑަށް ގުޅިފައިވާ ތާރީހެކެވެ. އިގްތިސޯދުގައި މުހިންމު ދައުރެއް މަސްވެރިކަން އަދާކުރަމުން ދިޔަނަމަވެސް، ދިވެހި އާއިލާތަކަށް ތަނަވަސްކަމާއި ބޭރު ފައިސާގެ މުއްސަނދިކަން ގެނެސްދިން އެންމެ ފާހަގަކޮށްލެވޭ ދާއިރާއަކީ ބޭރުގެ ބޮޑެތި މުދާ އުފުލާ ބޯޓުފަހަރުގައި ދިވެހިން ކުރި ދަތުރުތަކެވެ. މިއީ އެތައް ޒުވާނުންނެއްގެ ދިރިއުޅުން ބަދަލުކޮށްލި، ބުރަ، ނަމަވެސް ފަހުރުވެރި މަސައްކަތެކެވެ.

މުދާ އުފުލާ ބޯޓުފަހަރުގައި ދިވެހިން ރަސްމީ ސިފައެއްގައި މަސައްކަތް ކުރަން ފެށީ 1940 ގެ އަހަރުތަކުގެ ފަހުކޮޅުގައެވެ. މި ދާއިރާއަށް ދިވެހިން ނުކުތުމަށް މަގުފަހިވެގެންދިޔަ އެންމެ މުހިންމު ފިޔަވަޅަކީ 1948 ވަނަ އަހަރު ސްރީ ލަންކާގެ، ކޮލަމްބޯގައި "މޯލްޑިވްސް ނޭޝަނަލް ޓްރޭޑިން ކޯޕަރޭޝަން" އުފެދުމެވެ. މި ކުންފުނި އުފެދުމާއެކު، ބޭރުގެ ބޯޓުފަހަރު ކުއްޔަށް ހިފައިގެން ރާއްޖެއަށް ބޭނުންވާ މުދާ އުފުލުމުގެ މަސައްކަތް ފުޅާވެގެން ދިޔައެވެ. 1950 ގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖެއަށް ފުރަތަމަ ފަހަރަށް ސްޓީމް ޝިޕް (އާވިން ދުއްވާ ބޯޓު) ތައާރަފުވުމަކީ ދިވެހި ފަޅުވެރިންނަށް އާ ތަޖުރިބާއަކަށްވިއެވެ. އޭގެ ކުރިން ރިޔަލުދޯނީގައި ދަތުރުކުރި ދިވެހިން، އިންޖީނުލީ ބޮޑެތި ބޯޓުފަހަރުގެ މަސައްކަތްތައް ދަސްކޮށް، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކުގައި ފައިތިލަ ސާބިތުކުރަން ފެށިއެވެ.

މީގެތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ ރައްޔިތުންތަކެއް ދިރިއުޅޭ އެއް ރަށަކީ ތ. ކަނޑޫދޫގައެވެ. ކަނޑޫދޫ މިރުހަށް އެ ރަށް ހާއްސަވެ، މަޝްހޫރުވެފައިވީ ނަމަވެސް އެ ރަށަކީ ބޯޓުދަތުރުކުރި އެތައް ދިވެހިންނެއް ނިސްބަތްވާ ރަށެކެވެ. ރަށުގެ އާބާދީގެ ވަރަށް ބޮޑު ބައެއް ބޯޓުދަތުރުކުރުމުގެ ވަޒީފާ އަދާކުރިއެވެ.

"ވަން ރަށަށް" ޕްރޮގްރާމުގެ ތެރެއިން މި ނޫހުން ކަނޑޫދޫއަށް ކުރި ދަތުރުގައިވަނީ ޒުވާން އުމުރުގައި ބޯޓުދަތުރުކުރަން ދިޔަ އެ ރަށު ސަމަރުބޫލޫގެ، ސުލައިމާން އިބްރާހިމްއާ ބައްދަލުކޮށްފައެވެ.

"ވަން ރަށަށް" މައުލޫމާތު ދެމުން ސުލައިމާން ބުނީ އޭނާ އުމުރުގެ ބޮޑު ބައި ހޭދަކޮށްފައިވަނީ ބޯޓުދަތުރުކުރުމުގައި ކަމަށެވެ. މުދާ އުފުލާ ބޯޓުތަކުގައި ދަތުރުކުރުމުގެ އިތުރުން އޭނާވަނީ އިނގިރޭސިވިލާތު މީހެއްގެ ޔޮޓެއްގައިވެސް މަސައްކަތް ކޮށްފައެވެ. ސުލައިމާން އޭނާގެ ކަނޑުމަތީގެ ދަތުރުތައް ފަށާފައިވަނީ 1980 ގެ އަހަރުތަކުގެ ތެރޭގައެވެ. އޭނާ ބޯޓުދަތުރުކުރަން ދިޔައީ ދަރިޔަކު ލިބުމުން، އާއިލާއަށް މާލީ ގޮތުން ދިމާވެދާނެ ދަތިތަކަށް ފަސޭހަކޮށްދިނުމުގެ މަގުސަދުގައެވެ.

"ބޯޓުދަތުރުކުރަން ދިޔައީ އަސްލު ދަރިޔަކު ލިބުނީމަ، ފިރިހެން ދަރިޔަކު ފުރަތަމަ ލިބުނީމަ، ތަންކޮޅެއް ރަނގަޅު ގޮތަކަށް އެކަން ގެންދާންވެގެން، ބޭސްފަރުވާއަށް ރުފިޔާ ތަންކޮޅެއް ރަނގަޅަށް ހޯދަން. ދެން މިތަނުގަ ދޯނިފަހަރުގަ އުޅެގެން ލިބޭ އެއްޗަކަށްވުރެ އިތުރު އެއްޗެއް ހޯދަންވެގެން އަސްލު ބޯޓު ދަތުރުކުރަން ދިޔައީ" ސުލައިމާން ބުންޏެވެ.

ބޯޓުދަތުރުކުރުމަކީ އޭރު ވަރަށް ގަދަރުވެރި ކަމެކެވެ. ބޯޓުދަތުރުކޮށްފައި އަންނަ މީހާގެ އަތުގައި ޑޮލަރު ހުންނާނެކަމަށް އެންމެން ވެސް ގަބޫލުކުރެއެވެ.

"ބޯޓުން އަންނަ މީހާއަށް މީހުން ވަރަށް ގަދަރުކުރާނެ. އެއީ ތަނަވަސް މީހެއްގެ ގޮތުގައި ބަލާނީ،" ސުލައިމާން ބުންޏެވެ.

ތަމްރީނާއި ބުރަ މަސައްކަތެއް ކުރަންޖެހޭ ބޯޓުދަތުރުކުރުމަކީ ހަމައެކަނި ފުރައިގެން ދިއުމެއް ނޫނެވެ. އެކަމަށްޓަކައި "ސީމަން ކޯސް" ފަދަ ހާއްސަ ތަމްރީނުތަކެއް ހަދަންޖެހެއެވެ. މި މަސައްކަތުގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރުމުގެ ފުރުސަތު ލިބެއެވެ.

"އެންމެ ފުރަތަމަ ބޯޓަށް އެރީ ގްރީކުން. ދެން ތުރުކީ، ޖަރުމަނު ފަދަ ގައުމުތަކަށް ދެވުނު. ބައެއް ފަހަރު ބްރިޓިޝް މީހުންގެ ޔޮޓްފަހަރުގައިވެސް މަސައްކަތް ކުރިން،" ސުލައިމާން ބުންޏެވެ.

އޭނާ ބުނީ، ބޯޓުގައި އާންމުކޮށް މަސައްކަތް ކުރަންޖެހެނީ ހެނދުނު 6 އިން ހަވީރު 6 އަށް ކަމަށެވެ.

"މަސައްކަތް ބުރަވަނީ ކަނޑުގަދަވާ ދުވަސްވަރު. ބޯޓު ވަރަށް ބޮޑަށް ރޯލް ކުރާނެ. އެކަހަލަ ވަގުތުތަކުގައި ކާން ތިބޭއިރު ތަށިތައްވެސް މޭޒުމަތީގައި ހަރުލައެއް ނުހުންނާނެ. އެއްޗެހިތައް އުކާލައި ކަނޑާތަކަށް ލާން ޖެހޭ ފަހަރުވެސް އާދޭ،" ސުލައިމާން ބުންޏެވެ.

ބޯޓުފަހަރަށް މީހުން ފޮނުވުމުގައި އެޖެންސީތަކުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. ސެންކޯ ޝަރީފް ހިންގި "ގުޑްވިލް" އަކީ މިކަމުގައި ފާހަގަކޮށްލެވޭ އެޖެންސީއެކެވެ. ސުލައިމާން ބުނި ގޮތުގައި ކަނޑޫދޫގެ ގިނަ ބަޔަކު ބޯޓުދަތުރުކުރަން ދިޔައީ ސެންކޯ ޝަރީފާ އޮންނަ ގާތް ގުޅުމެއްގެ ސަބަބުންނެވެ. ސުލައިމާންވެސް އޭނާގެ ބޯޓުދަތުރުކުރުމުގެ ހަޔާތް ފެށީ މި އެޖެންސީ މެދުވެރިކޮށެވެ.

"އަޅުގަނޑު ދިޔައީ ގުޑްވިލް އޭޖެންސީ މެދުވެރިކޮށް. އެއީ ވަރަށް ގާތް ގުޅުމެއް އޮންނަ ބައެއް. އެމީހުން ޖާގަ ހޯދައިދީގެން، ހުރިހާ ތައްޔާރީތަކެއް ވުމުން ބޯޓަށް ފޮނުވަނީ،" ސުލައިމާން ބުންޏެވެ.

"ދެން މިރަށުން ވަރަށް ގިނަ ކުދިން ވަރަށް ރައްޓެހިވާނެ ޝަރީފުއާ. އެގޮތުން އަހަރެންވެސް ވަރަށް ރައްޓެހިވާނެ ޝަރީފުއާ"

އިހުގައި ދިވެހިންގެ މެދުގައި ބޯޓުދަތުރުކުރުން އާންމުވެފައި އޮތް ނަމަވެސް، މިއަދު އެ މަންޒަރު ވަނީ ބަދަލުވެފައެވެ. ބޭރު ފައިސާ ހޯދުމަށް މިއީ އަދިވެސް ރަނގަޅު ދާއިރާއެއް ކަމަށްވީ ނަމަވެސް، މިހާރު މި މަސައްކަތަށް ނުކުންނަ ދިވެހިން ވަރަށް މަދެވެ.

"މިހާރު ރާއްޖޭގައި ވަޒީފާތައް ގިނަވީމަކަންނޭނގެ ބޯޓަށްދާ މީހުން މަދުވީ. މަސްވެރިކަމާއި އެހެނިހެން މަސައްކަތްތަކުން މިހާރު ރަނގަޅު އާމްދަނީ ލިބޭތީ އެ ދިގު ދަތުރުތަކަށް ދާން ބޭނުން ނުވަނީ. އަޅުގަނޑުވެސް ފަހުން މަސްވެރިކަމަށް ބަދަލުވީ،" ސުލައިމާން ބުންޏެވެ.

އޭނާ ދެކޭގޮތުގައި ގެދޮރު އެޅުމާއި، ދޯނިފަހަރު ހޯދުމަށް ބޯޓުދަތުރުން ލިބުނު ފައިސާ ބޮޑު އެހީއަކަށް ވިއެވެ.

ބޯޓުދަތުރުކުރުމަކީ ދިވެހި ތާރީހުގެ ރަން ސަފުހާއެކެވެ. އެއީ ދިވެހި ފިރިހެނުންގެ ހިތްވަރާއި، ކެތްތެރިކަމާއި، އާއިލާއަށްޓަކައި ވީ ގުރުބާނީގެ ނަމޫނާއެކެވެ. މިއަދު ދާއިރާގެ ބައްޓަން ބަދަލުވި ނަމަވެސް، އެ ދުވަސްވަރު ދިވެހި އިގްތިސޯދަށް ލިބުނު ދިރުމާއި، އާއިލާތަކަށް ލިބުނު އުފާވެރިކަމުގެ އަސްލަކީ ބޯޓުދަތުރުކުރި މީހުންގެ ބުރަ މަސައްކަތެވެ.

ދިވެހި ސީމަނުންގެ ރަންޒަމާނަކީ 1967 ވަނަ އަހަރު މޯލްޑިވްސް ޝިޕިން ލިމިޓެޑް އުފެދުނު ހިސާބެވެ. މި ކުންފުނީގެ ދަށުން ރާއްޖޭގެ އަމިއްލަ ގިނަ އަދަދެއްގެ ބޯޓުފަހަރު ގެންގުޅުނު އިރު، 2,000 އަށްވުރެ ގިނަ ދިވެހިން އެކި ފަންތީގެ ވަޒީފާތަކުގައި މަސައްކަތް ކުރިއެވެ. ބޯޓުގެ ކެޕްޓަންކަމުން ފެށިގެން، އިންޖިނިއަރުންނާއި، ފަޅުވެރިންނާ ހަމައަށް ހުރިހާ ދާއިރާއެއްގައި ދިވެހިން ހަރަކާތްތެރިވިއެވެ.

މިއަދު މި ސިނާއަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ނަމުގައެވެ. ނަަމަވެސް އިހުގައި ދިވެހިން މި ދާއިރާއަށް ދިން ލޮތޯބެއް މިހާރަކު ފެންނާކަށް ނެތެވެ. ނަމަވެސް އެމްއެސްއެސް އަދި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އިހުގައި އޮތް ފަދަ ފަހުރުވެރި ސީމަނުންގެ ރާއްޖެއެއް ބިނާ ކުރުމަށެވެ.