ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ނޭޕާލްގެ ފުޓުބޯޅަ އިދާރާ، އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަން (އަންފާ) ސަސްޕެންޑް ކޮށްފިއެވެ.
ފީފާއިން އަންފާ ސަސްޕެންޑް ކުރަން ނިންމާފައި ވަނީ ތިންވަނަ ފަރާތުގެ ނުފޫޒު އެ އިދާރާއަށް ވަދެފައިވާތީ ކަމަށް އަންފާގެ ޖެނެރަލް ސެކްރެޓަީ ކިރަން ރާއީ ވަނީ ވިދާޅުވެފައެވެ.
ނޭޕާލް ފުޓުބޯޅައިގެ ތެރޭގައި އެތައް ސިޔާސީ ހަލަބޮލި ކަމެއް ހިނގަމުންދާތާ މިހާރު ވަނީ ދުވަސްތަކެއް ވެފައެވެ. އެގޮތުން މިއަހަރު ޖެނުއަރީ މަހުން ފެށިގެން ސްޕޯޓްސް ކައުންސިލާއި އަންފާއާ ދެމެދު މައްސަލަތައް ގޯސްވެފައިވާ އިރު، އެ މައްސަލަ ގޯސްވީ އަންފާގެ އިންތިހާބުގެ މައްސަލައިގައެވެ.
އަންފާގެ އިންތިހާބު ހުއްޓުވަން ނޭޕާލްގެ ޕަޓާން ހައި ކޯޓުން އަންގާފައިވާ އިރު، އަންފާގެ އިލެކްޓޯރަލް ކޮމިޓީން އެފަހަރު އެކަން ނިންމީވެސް އެހެންނެވެ. އެއާއެކު ނޭޕާލްގެ ސްޕޯޓްސް ކައުންސިލް އެގައުމުގެ ފުޓުބޯޅަ އިދާރާ، ތިން މަހަށް ސަސްޕެންޑް ކުރަން ނިންމާފައި ވަނީ މާޗް 25 ވަނަ ދުވަހުއެވެ.
އެއީ އިދާރީ ކަންކަން ބޮއްސުންލައިގެން ގޮސްފައިވާ ކަމަށް ބުނެއެވެ. އެ ސަސްޕެންޝަނުގެ ސަބަބަބުން އަންފާއަށް މާޗް 27 ގައި ބާއްވަން އުޅުނު ހިންގާ ކޮމިޓީގެ އިންތިހާބު ބޭއްވިފައެއް ނުވެއެވެ.
ސްޕޯޓްސް ކައުންސިލް ފުޓުބޯޅަ އިދާރާ ސަސްޕެންޑް ކުރުމާއެކު ފީފާއާއި އޭއެފްސީންވެސް ވަނީ ނޭޕާލް ސަސްޕެންޑް ކުރާނެކަމުގެ އިންޒާރު ދީފައެވެ. އެއީ ތިންވަނަ ފަރާތެއްގެ ނުފޫޒު ފުޓުބޯލައިގެ ތެރެއަށް ވަންނަ ކަމަށް ބުނެއެވެ. އެފަހަރު ކަންކަން ރަނގަޅުކުރަން އެކި ފުރުސަތު ދެމުން އައިސް ފީފާއިން ނޭޕާލް ސަސްޕެންޑް ކުރީ ކަންކަން ރަނގަޅު ނުވުމުންނެވެ.
ފީފާއިން އަންގާފައިވަނީ ސަސްޕެންޑްކޮށްފައިވާ މިމުއްދަތުގެ ތެރޭގައި، ނޭޕާލްގެ ގައުމީ ޓީމާއި އެއްވެސް ކްލަބަކަށް ބައިނަލްއަގުވާމީ އެއްވެސް މުބާރާތެއްގައި ނުކުޅެވޭނެ ކަމަށެވެ. މިސަސްޕެންޝަނުގެ މުއްދަތުގެ ތެރޭގައި، ފީފާއާއި އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީގެ ފަރާތުން ނޭޕާލްގެ ފުޓްބޯޅައަށް ލިބެމުން އަންނަ އެއްވެސް އެހީތެރިކަމެއް ނުލިބޭނެކަންވެސް ފީފާއިން ނޭޕާލަށްވަނީ އަންގައިފައެވެ.
ފީފާގެ އެންގުންތަކާ އެއްގޮތަށް އަންފާ ހިންގަން ފުރުސަތު ލިބި، ހުރި މައްސަލަތަކަށް ހައްލެއް އައިސްފިނަަމަ ސަސްޕެންޝަން އުވާލާނެކަން ފީފާއިން ވަނީ އަންގައިފައެވެ.
މައްސަލަތަކުގެ ތެރެއިން ސްޕޯޓްސް ކައުންސިލުން އަންފާއާ ގުޅުންހުރި 24 އޮފިޝަލަކު އެގައުމު ދޫކޮށް ފުރުން މަނާކޮށްފައިވެސް ވެއެވެ. ހަބަރުތައް ބުނެފައި ވަނީ ފުރުން މަނާކުރި އޮފިޝަލުންގެ ތެރޭގައި އިސް އޮފިޝަލުންނާއި އެކްސްކޯ މެމްބަރުންގެ އިތުރުން އެކިއެކި ކޮމިޓީ މެމްބަރުންވެސް ހިމެނޭ ކަމަށެވެ. އޭގެ އިތުރުން އެ އިދާރާގެ ޗީފް އެގްޒެކެޓިވް އޮފިސަރުވެސް ޕާސްޕޯޓް ހިފެހެއްޓި އޮފިޝަލުންގެ ތެރޭގައި ހިމެނޭ ކަމަށް ނޫސްތައް ބުނެއެވެ.
ނޭޕަލް
ނޭޕަލް
ނޭޕަލް
ނޭޕަލް
ކޮމެންޓް