ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ނޭޕާލްގެ ފުޓުބޯޅަ އިދާރާ، އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަން (އަންފާ) ސަސްޕެންޑް ކުރީ މިއަހަރު ޖޫން މަހުއެވެ. އެގައުމުގެ ފުޓުބޯޅަ މިވަގުތު އޮތީ ނާޒުކު ހާލަތެއްގައެވެ. އެގައުމުގެ އެއްވަނަ ޑިވިޝަނުގެ ލީގު މެޗުތައް ރަނގަޅަށް ކުރިއަށް ނުދާތާ، 1200 އަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. 2023 ވަނަ އަހަރުން ފެށިގެން މެޗުތައް ރަނގަޅަށް ކުރިއަށް ނުގޮސް އޮވެ، މިއަހަރު ޖެނުއަރީ މަހު ކުޑަ ދުވަސްކޮޅަކަށް ލީގު ކުރިއަށް ދިޔަ ނަމަވެސް، އޭގެފަހުން ހާލަތުވީ އިތުރަށް ގޯހެވެ.

ފީފާގެ ސަސްޕެންޝަނާއެކު ނޭޕާލަށް ސާފް ޗެމްޕިއަންޝިޕް ގެއްލޭނެކަން ޔަގީންވީ މިދިޔަ ސެޕްޓެމްބަރު މަހު 30 ގައެވެ. ސާފްގެ ގްރޫޕްތަކުގެ ޝެޑިއުލް އާންމުކުރިއިރު ނޭޕާލްގެ ނަން ހިމެނިފައި ނުވި ނަމަވެސް، ސާފުން ވަނީ އެންމެ ފަހުވަގުތާ ހަމައަށްވެސް ނޭޕާލަށް އިންތިޒާރުކޮށްފައެވެ. އެހެން ނަމަވެސް މައްސަލަ ހައްލު ނުވެ، ސަސްޕެންޝަނުން ސަލާމަތް ނުވެވި، ނޭޕާލަށް ފުރަތަމަ ފަހަރަށް ސާފް ގެއްލުނީއެވެ.

ސާފް ޗެމްޕިއަންޝިޕްގެ 15 ވަނަ މުބާރާތް އަންނަ މަހު ބަންގްލަދޭޝްގައި ފަށާނީ ފަސްވަނަ ދުވަހުއެވެ. އެ މުބާރާތަކީ ނޭޕާލްގެ ތާރީހުގައިވެސް ގެއްލޭ ފުރަތަމަ ސާފް ޗެމްޕިއަންޝިޕެވެ. 1993 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ފެށި ފަހުން ނޭޕާލުން ވަނީ މިދިޔަ 14 މުބާރާތެއްގައި ވާދަކޮށްފައެވެ. އެގައުމަށް މިހާތަނަށް ސާފް ޗެމްޕިއަންޝިޕް ލިބިފައި ނެތް ނަމަވެސް، ސާފް ޗެމްޕިއަންޝިޕަކީ އަބަދުވެސް ނޭޕާލްގެ ކުޅުންތެރިންނަށް ފަހިވާ އެންމެ ބޮޑު އެއް ޕްލެޓްފޯމެވެ. މި ރީޖަންގެ އެހެން ގައުމުތަކުގެ ލީގުތަކުގައި ކުޅުމަށްވެސް ފަހިވާ އެންމެ ބޮޑު ފުރުސަތެވެ. މީގެ ކުރިން އެކަން ސާފުވެސްވެފައިވެއެވެ.

ނޭޕާލުން ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ކުޅުނު އިރު، އެއީ އެގައުމަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއެވެ. އެ ކާމިޔާބީއަކީ އުންމީދެއް ނަމަވެސް، 2023 ވަނަ އަހަރު އެންމެފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލް އަނެއްކާވެސް ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އޭރު އޮތީ ފުޓުބޯޅައިގެ ބަނަ ދުވަސްތަކަކާ ކުރިމަތިލާން ޖެހިފައެވެ. ހަމައެކަނި ތިންވަނަ ފަރާތެއްގެ ނުފޫޒާއެކު އައި ފީފާ ސަސްޕެންޝަނެއް ނޫނެވެ. އެގައުމުގެ ފުޓުބޯޅައިގައި ކޮރަޕްޝަނާއި، މެޗު ވިއްކުމުގެ އިތުރުން ނުފޫޒުގެ އެތައް ހަޑި ކަންތައްތަކެއް މި އަހަރު ތެރޭގައިވެސް ހިނގައިގެން ގޮސްފައިވެއެވެ.

މިދިޔަ 33 އަހަރު ތެރޭގައި ނޭޕާލާ ނުލައި ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ޖެހުން އެއީ އޭގެ ނަތީޖާއެވެ. ނޭޕާލަށް މި ގެއްލެނީ ހަމައެކަނި ސާފްގެ މުބާރާތެއް ނޫނެވެ. އެތައް ކުޅުންތެރިންނެއްގެ އުންމީދީ ފުރުސަތެކެވެ.

ނޭޕާލް ފުޓުބޯޅަ މުޅިން ހަރާބުވެފައި، އެތައް ދުވަހެއްގެ ގޯސްތަކެއް

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ނޭޕާލްގެ ސަރުކާރުގެ ސްޕޯޓްސް ކައުންސިލުން އަންފާއާ ދެމެދު ގިނަ މައްސަލަތަކެއް ދިޔައީ ކުރިމަތިވަމުންނެވެ. އެންމެ ބޮޑު މައްސަލައަކަށްވީ އަންފާގެ އިންތިހާބު މައްސަލައެވެ. އަންފާގައި ހުރި ރައީސް ޕަންކަޖް ބިކްރަމް ނެމްބާގު، އެގައުމުގެ ޑިސްޓްރިކް އަދި ޕްރޮވިންޗިއަލް އިންތިހާބުތައް ނުބާއްވައި މައި އިންތިހާބު އަވަސް އަރުވާލާފައި ބާއްވަން އުޅުމުން އެގައުމުގެ ސްޕޯޓްސް ކައުންސިލުން އެކަމަށް ވަނެވެ. އަދި އަންފާގެ އިންތިހާބު ހުއްޓުވަން ނޭޕާލްގެ ޕަޓާން ހައި ކޯޓުން އެންގި އެންގުމާ އެއްގޮތަށް އަންފާގެ އިލެކްޓޯރަލް ކޮމިޓީން އެކަން ހުއްޓުވާލިއެވެ.

އޭގެ ފަހުން، މިދިޔަ މާޗް މަހުގެ 24 ވަނަ ދުވަހު ނޭޕާލް ސްޕޯޓްސް ކައުންސިލުން ވަނީ ތިން މަހަށް އަންފާ ސަސްޕެންޑްކޮށްފައެވެ. އެއާއެކު އޭޕްރީލް ތެރޭގައި ފީފާއާއި އޭއެފްސީންވެސް ވަނީ ނޭޕާލަށް އިންޒާރު ދީފައެވެ. އެއީ އިންތިހާބުގެ ކަންކަން ހައްލުކޮށް، ކުރިއަށް ގެންދިޔުމަށެވެ. އެއާއެކު މޭ މަހުގެ 15 ވަނަ ދުވަހު ސްޕޯޓްސް ކައުންސިލްގެ ސަސްޕެންޝަން އުވާލި ނަމަވެސް، އަންފާގެ އިންތިހާބު ކުރިއަކަށް ނުދިޔައެވެ. އެހިސާބުން ފީފާއިން ނިންމީ މައްސަލަ ހައްލު ވާންދެން ނޭޕާލް ސަސްޕެންޑް ކުރާށެވެ.

ފީފާގެ ޝަރުތުތަކަކީ ކުރިން އޮތް ހިންގާ ކޮމިޓީއަށް ބާރު ދީ، އަލުން އިންތިހާބުގެ މަސައްކަތް ކުރުމެވެ. އޭގެ ތެރޭގައި ސަރުކާރާ ޖެހިފައި އޮތް މައްސަލަ ހައްލުކުރުންވެސް ހިމެނެއެވެ.

ނޭޕާލްގެ ދަޝަރަތު ސްޓޭޑިއަމްގައި ވިނަ ކޮށަނީ --- ފޮޓޯ/ ގެޓީ

ސަސްޕެންޝަނާ ގުޅުމެއް ނެތް ނަމަވެސް، ނޭޕާލްގެ ފުޓުބޯޅައިގެ އެހެން އެތައް މައްސަލައެއްވެސް ފެންމަތިވެފައިވެއެވެ. މިދިޔަ އޮކްޓޯބަރު މަހު ނޫސްތަކުން ރިޕޯޓު ކޮށްފައި ވަނީ އެގައުމުގެ އެތައް އޮފިޝަލުންނެއްގެ މައްޗަށް މައްސަލަ ބަލަން ފެށި ކަމަށެވެ. އެއީ 9.3 މިލިއަން ނޭޕާލް ރުޕީސްގެ މައްސަލަތަކެކެވެ. އޭގެ އިތުރުންވެސް ބައެއް ހިޔާނާތްތަކުގެ މައްސަލަ ބަލަން ފަށާފައިވެއެވެ. ވޯލްޑް ކަޕް ހުޅުވި މެޗަށް ދާން ދަނިކޮށް، ނޭޕާލް އެފްއޭ ރައީސް ޕަންކަޖް ބިކްރަމް އަދި ޖެނެރަލް ސެކްރެޓަރީ ކިރަން ރާއީގެ ޕާސްޕޯޓްވެސް ހިފެހެއްޓިއެވެ.

އޭގެ އިތުރުން ރައީސާއި ޖެނެރަލް ސެކްރެޓަރީވެސް ހައްޔަރަށް ގެންދިޔައެވެ. މިހާރު ވަނީ ފަސް ލައްކަ ރުޕީސްގެ ކަފާލާތުގެ ދަށުން ދޫކޮށްލައިފައެވެ. އޭގެ އިތުރުންވެސް އެތައް އޮފިޝަލުންނެއްގެ މައްސަލަ އަންނަނީ ބަލަމުންނެވެ.

ގެއްލުނު ފުރުސަތާއެކު ކުޅުންތެރިންނަށް މާޔޫސްކަން

ނޭޕާލްގެ އަންފާއާ ދެކޮޅަށް ބައެއް ފަރާތްތަކުން ވަނީ މުޒާހަރާވެސް ކޮށްފައި ---

"އަހަންނަކީ ނޭޕާލްގެ ފަހުރުވެރި ކުޅުންތެރިއެއް. ނޭޕާލަށް ސާފުން ފުރުސަތު ގެއްލުމަކީ އަހަރެންގެ ހިތްފަޅައިގެން ދިޔަ ކަމެއް. އަހަރެމެން އެ މުބާރާތުގައި ނޭޕާލް ތަމްސީލު ކުރީ ފަހުރާއި ޝަރަފާއެކު. އެކަން މިފަހަރަކު ނުވާނެ،" ކެޕްޓަން، ގޯލްކީޕަރު ކިރަން ޗެމްޖޮންގް ބުންޏެވެ.

ކިރަންއަކީ ސާފްގެ ތާރީހުގައި ފެނުނު މޮޅު ކީޕަރެކެވެ. އޭނާއަށް ސާފުން ހޯދުނު މަގުބޫލުކަމާއެކު މި ސަރަހައްދުގެ ވަރުގަދަ ލީގުތަކުގައި ކުޅުމަށް ފުރުސަތު ލިބިފައިވެއެވެ. އޭގެ ތެރޭގައި ރާއްޖެވެސް ހިމެނެއެވެ.

މާޔޫސްވީ ކިރަން އެކަންޏެއް ނޫނެވެ. އަންހެން ޓީމުގެ ކެޕްޓަން އަންޖިލާ ތުމްބާޕޯ ސުއްބާވެސް ބުނެފައި ވަނީ ކެރިއަރު ގެއްލި، މާޔޫސްވެފައިވާ ކަމަށެވެ. ކުރިން ގައުމީ ޓީމުގެ ކެޕްޓަން އުޕެންދްރާ މަން ސިންހްވެސް ވަނީ ކުޅުންތެރިންނަށް ގެއްލިގެންދާ މުހިއްމު ފުރުސަތުގެ ވާހަކަ ފާހަގަކޮށްފައެވެ.

ނޭޕާލް ކުޅުންތެރިންގެ އަތުގައި ކޮންޓްރޯލް ނެތް ކަމެއްގެ ސަބަބުން އެތައް ގޮތަކުން ލިބުނު ފުރުސަތު ގެއްލުނީއެވެ. ހާއްސަކޮށް ސާފް ސަރަހައްދުގައި ނޭޕާލް އައީ މަޑުމަޑުން ކުރިއަރަމުންނެވެ. ރާއްޖޭގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގައި އެގައުމުން ތާރީހު ލިޔެލީ ރާއްޖެވެސް އަމިއްލަ ގައުމުގައި ބަލިކޮށްފައެވެ. އެ ތާރީހީ ނަތީޖާތައް ދެމިގެންދާން އެދިއެދި ތިބި ނަމަވެސް ފުޓުބޯޅަ އޮތީ ބަނަކޮށެވެ.

ހައްލަކަށް މަސައްކަތް ކުރަން ފެށިއިރު ސާފަކަށް ވަގުތެއް ނެތް

16 އޮކްޓޯބަރު 2021: މާލެ، އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ނޭޕާލާއި އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން-- ވަން ފޮޓޯ: ޔޫސުފް ސޮފްވާން

ނޭޕާލްގެ ނޫސްތަކުން އިއްޔެ ބުނެފައިވާގޮތުގައި އަންފާގެ 14 އެކްސްކޯގައި ހިމެނޭ 14 މެންބަރަކު ވެގެން ފީފާއާއި އޭއެފްސީ މެދުވެރިވެ، ނޭޕާލް ފުޓުބޯޅައިގެ މައި އިދާރާ، ސަޓްޑޮބަޓޯގައި ހުންނަ އޮފީސް ހުޅުވަން މަޝްވަރާ ކޮށްފައިވެއެވެ. އެކަން ގަދަކަމުންވެސް ކުރަން އަންފާއިން މަސައްކަތް ފެށީ ރައީސްގެ ފަރާތުން އެއްބާރުލުން ނުލިބުމުން ކަމަށް ނޫސްތައް ބުނެއެވެ. ފުރަތަމަ ކަމަކީ ސަރުކާރާއެކު އަރާފައި އޮތް އޮޅުން ރަނގަޅުކޮށް، ޑެޑްލޮކުން ސަލާމަތް ކުރުމެވެ.

މިހާރު އެކްސްކޯގެ މުއްދަތު ހަމަވެ، ހާއްސަ ހައްލެއް ހޯދަން މަޖުބޫރެވެ. ހަބަރުތައް ބުނާގޮތުގައި އަންފާގެ އެކްސްކޯއިން ވިސްނި ވިސްނުމުގައި ސާފަށް އެގައުމަށް ވަގުތެއް ނެތެވެ. އެހެން ނަމަވެސް، މިހާރު އަލުން ޑޮމެސްޓިކް ފުޓުބޯޅަ ފެށުން އެއީ އެންމެ އިސްކަމަކަށް ފެންނަ ކަންތަކެވެ. އެކަމަށް ކުރިއަށް އޮތް ހަފުތާގައި މަސައްކަތް ފަށާނެ ކަމަށް ނޫސްތައް ބުނެފައިވާ އިރު، ނޭޕާލަށް އަދިވެސް އޮތީ ބުރަކޮށް މަސައްކަތް ކުރަން ޖެހިފައެވެ.

ސަރަހައްދީ ބާރުތަކުން ކުރިއަށް ޖެހެމުން އަންނަ ދަނޑިވަޅުގައި ނޭޕާލަށް އޮތީ ފަހަތުން އަރައި ހަމަކުރަން ޖެހިފައެވެ. ރާއްޖެއަށް މިދިޔަ ދުވަސްތަކުގައި ދިމާވި ހާލަތާއި ޕާކިސްތާނަށް ދިމާވި ހާލަތަށްވެސް ބަލާއިރު، ފުޓުބޯޅަ އަލުން ހޯދުމަކީ ވަގުތު ނަގާނެ ކަމެއްކަން ސާފެވެ.