އުތުރުގެ ތިން އަތޮޅަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "ދަނޑުވެރި މަންފާ" އެގްރިބިޒްނަސް މެޗިން ގްރާންޓްގެ ދެވަނަ ބުރަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މާދަމާ ކަމަށް އެސްއެމްއީ ޑިޖިޓަލުން ބުނެފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސްއާއި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހިންގާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)ގެ ދަށުން ދޫކުރާ މި އެހީއަކީ އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެން ކުރިއަށްގެންދާ ސްކީމެކެވެ.

އެސްއެމްއީ ޑިޖިޓަލުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، މި ސްކީމް އަމާޒުކޮށްފައިވަނީ ހއ. އަތޮޅާއި، ހދ. އަތޮޅުގެ އިތުރުން ށ. އަތޮޅުގައި މެޕް ޕްރޮގްރާމް ހިންގާ 26 ރަށެއްގެ ދަނޑުވެރިންނަށާއި، ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށެވެ. މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް ވެސް މި ގްރާންޓަށް އެދި ހުށަހެޅޭނެއެވެ.

މި ޕްރޮގްރާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކަށް މުޅި މަޝްރޫއަށް ހިނގާ ހަރަދުގެ 30 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ އަދަދެއް ހިލޭ އެހީގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މި ސްކީމްގެ ދަށުން ގިނަވެގެން ދޫކުރުމަށް ހަމަޖެހިފައިވަނީ 150،000 ރުފިޔާއެވެ. ގްރާންޓްގެ ދެވަނަ ބުރަށް ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަންގެ ދަށުން އާ ގްރީން ހައުސް ގާއިމުކުރުމަށާއި، ހައިޑްރޮޕޯނިކްސް ސިސްޓަމް ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ގިނަ ފަރާތްތަކަކުން އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް އެސްއެމްއީ ޑިޖިޓަލުން ފާހަގަކުރިއެވެ.

މި ސްކީމާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މާލީ ބުރަ ބޮޑުނުވާ ގޮތަށް ޒަމާނީ ދަނޑުވެރިކަމުގެ އާ އުކުޅުތައް ތަޖުރިބާކުރުމުގެ ފުރުސަތު ދަނޑުވެރިންނަށް މިހާރު ފަހިވެފައިވާ ކަމަށެވެ. "އަޅުގަނޑުމެންގެ މަގުސަދަކީ މިފަދަ ސްކީމްތަކާއި ދަނޑުވެރިންނަށް ދޫކުރާ ފައިނޭންސިން އެހީގައި ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކޮށް ދަނޑުވެރިންނަށް މި މަސައްކަތުން ލިބޭ ނަފާ އިތުރުވުން،" ބަދުރުއްދީން ވިދާޅުވިއެވެ.

މި ގްރާންޓާ ގުޅޭ މައުލޫމާތު ދިނުމަށާއި އެޕްލިކޭޝަން ހުށަހެޅުމުގައި އެހީތެރިވުމަށް އެސްއެމްއީ ޑިޖިޓަލްއާއި އެގްރިކަލްޗާ މިނިސްޓްރީން ވަނީ އުތުރުގެ ތިން އަތޮޅުގެ ދަނޑުވެރިންނާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުންތަކުގެ މައިގަނޑު ބޭނުމަކީ ދަނޑުވެރިކަން ކުރުމަށް ހުރި ފުރުސަތުތަކަށް ހޭލުންތެރިކަން އިތުރުކޮށް، ރާއްޖެއަށް ލިބެން ހުރި ހިލޭ އެހީގެ ފުރިހަމަ ބޭނުން ހިފުމަށް ދަނޑުވެރިންނާއި އެ ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކަށް ބާރުއެޅުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މިހާރު ކުރިއަށްދަނީ ގްރާންޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށް އެސްއެމްއީ ޑިޖިޓަލުން ބުންޏެވެ. އިވެލުއޭޓް ކުރުމަށްފަހު، އެހީ ދޫކުރުމަށް ކަނޑައަޅާ ފަރާތްތަކަށް ފައިސާ ދޫކުރުމުގެ މަރުހަލާ ކުރިއަށްގެންދާނީ އެ ކުންފުނިންނެވެ. މީގެ އިތުރުން، "ދަނޑުވެރި މަންފާ" ގްރާންޓްގެ ދެވަނަ ބުރުގެ ސުންގަޑި ހަމަވި ނަމަވެސް، ދަނޑުވެރިންނަށް ހާއްސަކޮށްގެން އިސްލާމިކް ފައިނޭންސްގެ އުސޫލުން ދޫކުރާ "ދަނޑުވެރި ނަފާ" ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ ފުރުސަތު އަދިވެސް ހުޅުވާލާފައިވާ ކަމަށް އެސްއެމްއީ ޑިޖިޓަލުން ބުނެފައިވެއެވެ.