ކޮންމެ 16 ގަޑިއިރަކުން ސްޓްރޯކެއް ޖެހިގެން މީހަކު ފަރުވާ ހޯދުމަށް އައިޖީއެމްއެޗްއަށް ދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ދުނިޔޭގެ ސްޓްރޯކް ދުވަހާ ގުޅިގެން ބާއްވާ ހަރަކާތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމަށް ސޯޝަލް މީޑިއާގައި އައިޖީއެމްއެޗުން ރޭ އާންމުކުރި ވީޑިއޯއެއްގައި އެކަން ފާހަގަކުރެއްވީ އެ ހޮސްޕިޓަލުގެ ނާރުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު، ޑރ. ސަލްމާން ނިޒާމްއެވެ.

"ކޮންމެ 16 ގަޑިއިރަކުން ސްޓްރޯކެއް ޖެހިގެން މީހަކު އައިޖީއެމްއެޗްއަށް އާދޭ،" ޑރ. ސަލްމާން ނިޒާމް ވިދާޅުވިއެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

އައިޖީއެމްއެޗުން މައުލޫމާތުދޭ ގޮތުގައި، ސްޓްރޯކަކީ ކޮންމެ މީހަކަށްވެސް ދިމާވެދާނެ ކަމެއް ކަމަށްވާ އިރު، އޭގެ އަލާމާތްތައް ދެނެގަނެ ލަސްނުކޮށް އަވަހަށް ފިޔަވަޅު އެޅުމަކީ ފުރާނަ ސަލާމަތްކުރެވިދާނެ ކަމެކެވެ.

މިއަހަރުގެ ދުނިޔޭގެ ސްޓްރޯކް ދުވަހާ ގުޅިގެން، މި ބައްޔާ މެދު އާންމުން ހޭލުންތެރިކުރުވުމަށާއި ސްކްރީނިން ހެދުމަށް ހާއްސަކޮށްގެން އައިޖީއެމްއެޗުން މިއަދު ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖައްސައިފައެވެ. މި ހަރަކާތް ކުރިއަށްދާނީ މިއަދު ހަވީރު 4:00 އިން ފެށިގެން 6:00 އަށް އާޓިފިޝަލް ބީޗުގައެވެ.

ސްޓްރޯކެއް ޖެހެނީ ސިކުނޑީގެ ލޭ ހޮޅިއެއް ބެދިގެން ނުވަތަ ލޭ ހޮޅިއެއް ފަޅައިގެން ގޮސްގެންނެވެ. މިކަމުގެ ސަބަބުން ސިކުނޑީގެ ސެލްތަކަށް އޮކްސިޖަނާއި ކާނާ ލިބުމަށް ހުރަސްއެޅި، ސިކުނޑިއަށް ދާއިމީ ގެއްލުންވުން ނުވަތަ ފުރާނައަށް ނުރައްކާވުން އެކަށީގެންވެއެވެ.

ސްޓްރޯކްގެ މައިގަނޑު ބާވަތްތަކުގެ ތެރޭގައި އެންމެ އާންމު ބާވަތް ކަމަށްވާ، ސިކުނޑިއަށް ލޭ ދައުރުވާ ހޮޅިއެއްގައި ލޭކޮޅެއް ގަނޑުވެ ބެދުމުން ޖެހޭ "އިސްކީމިކް ސްޓްރޯކް" އަދި ސިކުނޑީގެ ލޭ ހޮޅިއެއް ފަޅައިގެން ގޮސް ލޭ ފޭބުމުން ޖެހޭ "ހެމޮރޭޖިކް ސްޓްރޯކް" ހިމެނެއެވެ. މީގެ އިތުރުން، ކުޑަ ސްޓްރޯކެއްގެ ގޮތުގައި ސިފަކުރާ "ޓްރާންސިއަންޓް އިސްކީމިކް އެޓޭކް" (ޓީއައިއޭ) އަކީ ވަގުތީ ގޮތުން ސްޓްރޯކްގެ އަލާމާތްތައް ފެންނަ އަދި ކުރިއަށް އޮތް ތަނުގައި ސްޓްރޯކެއް ޖެހިދާނެ ކަމުގެ އިންޒާރެކެވެ.

މި ބަލީގެ އަލާމާތްތައް ދެނެގަތުމަށް މޫނުގެ އެއްފަރާތް ކުއްލިއަކަށް އެލިފައި ހުރުން، އެއް އަތް ވަރުދެރަވުން ނުވަތަ އައްސިވުން، އަދި ވާހަކަދައްކަން އުނދަގޫވުން ނުވަތަ އޮޅުންއެރުން ފަދަ ކަންކަމަށް ސަމާލުކަން ދޭންޖެހެއެވެ. އަދި ކުއްލިއަކަށް ލޮލުގެ ފެނުމަށް ބަދަލުއައުމާއި، ބޮލުގައި ވަރަށް ބޮޑަށް ރިއްސުމާއި، ބޯއެނބުރުމާއި، ހިނގަން އުނދަގޫވުން ފަދަ އަލާމާތްތައްވެސް ފެނިދާނެއެވެ.

ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމާއި، ހަކުރު ބައްޔާއި ކޮލެސްޓްރޯލް ކޮންޓްރޯލްކުރުމާއި، ގަވާއިދުން ކަސްރަތުކުރުމާއި، ފައިދާހުރި ކާނާ ބޭނުންކުރުމުގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން މުހިންމު ކަމަށް ސިއްހީ ހިދުމަތްތެރީން ފާހަގަކުރެއެވެ. އަލާމާތްތައް ފެންނަ ހިނދު ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަކީ ދިގު މުއްދަތަކަށް ނުކުޅެދުންތެރިކަން ތަހައްމަލުކުރަންޖެހުމުން ސަލާމަތްކޮށްދޭނެ ކަމެކެވެ. އަދި ފެންނަ އަލާމާތްތައް ވަގުތީ ގޮތުން ފިލައިގެން ދިޔަ ނަމަވެސް، ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.