ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު 104 ޑިގްރީގެ ގަދަ ހުމެއްގައި ހުރެ، އޭނާގެ ކުރިއަށް އޮތް ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް" ގެ ލަވައެއް ޝޫޓުކޮށްފިއެވެ. "ގިސް ގިސް ގިސް" ގެ ނަން ދީފައިވާ މި ލަވައިގެ ޝޫޓިންގައި އަކްޝޭއާއެކު ހަރަކާތްތެރިވި ބޯޖްޕޫރީ އެކްޓަރު އަކްޝަރާ ސިންގް ބުނި ގޮތުގައި، ބަލިވެ އުޅުނު ނަމަވެސް އަކްޝޭ ވަނީ އޭނާގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންގޮސްފައެވެ.

އޭއެންއައި އަށް ދިން އިންޓަވިއުއެއްގައި އަކްޝަރާ ބުނީ، ޝޫޓިން ކުރިއަށް ދިޔަ ވަގުތު އަކްޝޭ ހުރީ 103 އާއި 104 ޑިގްރީއާ ދެމެދުގެ ހުމެއްގައި ކަމަށެވެ.

“އެންމެ ބޮޑު ކަމަކީ ޝޫޓްކުރިއިރު އޭނާގެ 103-104 ޑިގްރީގެ ހުމެއް ހުރުން. އަހަރެން އޭނާއަށް ބަލަން ހުރިން، އަދި އޭނާ އަމިއްލަ މަސައްކަތަށް ލޯބިކުރާ މިންވަރު އިހުސާސްވި. އޭނާ މަސައްކަތްކުރަނީ ވަރަށް ބޮޑަށް ޒިންމާދާރުކަމަކާއި ޝައުގުވެރިކަމަކާ އެކު،” އަކްޝަރާ ބުންޏެވެ.

މަތީ ދަރަޖައެއްގެ ހުމެއްގައި ހުރެ، ހަށިގަނޑަށް ބުރަ ބޮޑު ނެށުމުގެ ހަރަކާތްތަކެއް އަކްޝޭ ފުރިހަމަކުރުމަކީ އޭނާގެ ޕްރޮފެޝަނަލްކަން ދައްކުވައިދޭ ކަމެއް ކަމަށް އަކްޝަރާ ފާހަގަކުރިއެވެ. މި ލަވައިގެ ޝޫޓިން ކުރިއަށްދިޔައިރު، އަކްޝޭގެ ފަރާތުން ވަރުބަލިކަމެއް ނުފެންނަ ކަމަށާއި، އޭނާގެ ހަކަތަ ހުރީ އާންމުކޮށް ވެސް ހުންނަ މިންވަރުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، މިފަދަ ހާލަތެއްގައި މަސައްކަތް ކުރުމަކީ ސެޓުގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތަކާ މެދު ސުވާލު އުފެދިދާނެ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

އަހުމަދު ހާން ޑައިރެކްޓުކޮށް، ގަނޭޝް އާޗާރިއާ ކޯރިއޮގްރާފްކޮށްފައިވާ މި ލަވަޔަކީ ވަރަށް ހަލުވި އަދި ހަކަތަ ބޭނުންވާ ހަރަކާތްތަކެއް އެކުލެވޭ ލަވައެކެވެ. ގިނަ ތަރިންތަކެއް ފެނިގެންދާ "ވެލްކަމް ޓު ދަ ޖަންގަލް" ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.