ސަލްޓަން ޕާކުގައި ހުންނަ ތާރީހީ އެންމެ މުހިންމު އެއް ބިނާ ކަމަށްވާ "އުސްގެކޮޅު" ގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި، އެ ތަނަށް ގެއްލުންދިން މައްސަލައެއް ފުލުހުންނާ ގުޅިގެން ބަލަން ފަށާފައިވާކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފިއެވެ.
ހެރިޓޭޖު މިނިސްޓްރީން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ އިހުގެ ރަސްކަމުގެ ބޮޑުގަނޑުވަރުން މިހާރު ފެންނަން ހުރި ހަމައެކަނި ބައި ކަމަށްވާ އުސްގެކޮޅަށް ގެއްލުންދީފައިވާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެ އަމަލު ހިންގި ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ސަގާފީ ތަރިކައިގެ ގާނޫނުގެ ދަށުން އެ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް މިނިސްޓްރީން ބުންޏެވެ. އެފަދަ އަމަލުތަކުގެ ސަބަބުން އެ ބިނާގެ ސަގާފީ އަގަށް އަސަރުކޮށް، އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބުމުގެ ބިރު އެބައޮތްކަމަށް ހެރިޓޭޖު މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް އެތަނުގައި "އިންޓްރެކްޓިވް މިޔުޒިއަމެއް" ހެދުމަށް ސަރުކާރުން ވަނީ ނިންމާފައި ކަމަށެވެ. ނަމަވެސް، އެ މަސައްކަތް ފެށުމަށްޓަކައި އެތަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްދޭން މާލޭ ސިޓީ ކައުންސިލުގައި އެދިފައިވީ ނަމަވެސް، އަދިވެސް އެތަން ހަވާލުކޮށްފައިނުވާކަމަށް މިނިސްޓްރީން ބުންޏެވެ.
އެހެންވެ، ގާނޫނީ އިމުގެ ތެރެއިން އެތަން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
އުސްގެކޮޅަކީ 1903 ވަނަ އަހަރު ސުލްތާން މުހައްމަދު އިމާދުއްދީން 6 ވަނަ، އެ މަނިކުފާނުގެ މިސްރުގެ އަނބިކަނބަލުންނަށް ބިނާކޮށްދެއްވި ހާއްސަ ގެކޮޅެކެވެ. ސަތޭކަ އަހަރަށް ވުރެ ގިނަ ދުވަސްވީ އެ ބިނާގައި އެންމެ ފަހުން ހިންގާފައިވަނީ ގައުމީ ދާރުލްއާސާރެވެ. މިއީ ރާއްޖޭގެ ތާރީހީއިމާރާތްކުރުމުގެ ފަންނުވެރިކަން ވަރަށް ފުރިހަމައަށް ރަމްޒުކޮށްދޭ ބިނާއެކެވެ.
އުސްގެކޮޅަކީ އާންމުކޮށް ތަޅުލާފައި ހުންނަ، އަދި ސަލްޓަން ޕާކުގެ ސީސީޓީވީ ކެމެރާތައް މެދުވެރިކޮށް މޮނިޓާކުރަމުންދާ ތަނެކެވެ.
މުހައްމަދު އިޝާން
އާޓްސް މިނިސްޓަރ
އާޓްސް މިނިސްޓަރ
އާޓްސް މިނިސްޓަރ
އާޓްސް މިނިސްޓަރ
ކޮމެންޓް