ގައުމީ އެއާލައިން، މޯލްޑިވިއަންގެ ވައިޑް ބޮޑީ އޮޕަރޭޝަންތަކަށް ދައުލަތުގެ ބަޖެޓުން އިންވެސްޓް ކުރުމަކީ ކުންފުންޏަށް ގެއްލުންވުން ނޫން ކަމަށާއި އެފަދަ ބޮޑެތި އިންވެސްޓްމަންޓްތަކަށް ދައުލަތުގެ ބަޖެޓުން އެހީވުމަކީ މައްސަލައެއް ނޫން ކަމަށް މިނިސްޓަރު އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މޯލްޑިވިއަނުން ވައިޑް ބޮޑީ މަތިންދާބޯޓެއް ގެނެސް އޭގެ ހިދުމަތް ރަސްމީކޮށް ފެށީ މީގެ 16 މަސް ދުވަސް ކުރިން 2025 ވަނަ އަހަރުއެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިޑް ބޮޑީ އޮޕަރޭޝަންތަކާ ބެހޭގޮތުން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު މިނިސްޓަރާ ސުވާލު ކުރެއްވީ، ދައުލަތުގެ ކުންފުނިތައް މާލީގޮތުން ދެބަޔަކަށް ބެހި، ސެލްފް ސަސްޓެއިނިން ކުންފުނިތަކާއި ބަޖެޓް ސަޕޯޓް ކުންފުނިތައް ހިމެނޭ އިރު، އައިލެންޑް އޭވިއޭޝަން އަކީ ކުރިން، ސެލްފް ސަސްޓެއިން ކުންފުންޏެއް ނަމަވެސް 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓާގައި ބަޖެޓް ކުންފުންޏަކަށް ވެފައިވަނީ ވައިޑް ބޮޑީގެ ސަބަބުން ކަމަށްވާތީއެވެ.
އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވި، މިފަދަ ބޮޑެތި އިންވެސްޓްމެންޓްތަކަށް ބަޖެޓް ސަޕޯޓް ބޭނުންވާނެ ކަމަށެވެ.
"އެއީ ހަމައެކެނި ދިވެހި ރާއްޖޭގައި އޮންނަ އުސޫލެއް ނޫން، އިންޑިއާގެ ބޮޑެތި އެއާލަންއިތަކަށްވެސް ވަރަށް ބޮޑެތި ސަޕޯޓްތައްދޭ، ވިމާ މިފަދަ ކެޕިޓަލް އިންވެސްޓްމެންޓްތައް ގެނައުމަށްޓަކައި ސަޕޯޓް ދިނުން އެއީ ކުންފުނީގެ މާލިއްޔަތަށް ޖުމްލަ ގޮތެއްގައި ގެއްލުން ވަމުން ދިއުމެއް ނޫން، އެންމެ މުހިއްމު ކަމަކީ އިކޮނޮމިކް ކޮންޓްރިބިއުޝަން،"
މިނިސްޓަރު ވިދާޅުވީ، އެއާލައިތައް ދުނިޔޭގައި އޮޕަރޭޓް ކުރަނީ ތިން މާޖިނެއްގައި ކަމަށެވެ. ނަމަވެސް ގައުމީ އެއާލައިންގެ ސަބަބުން ޓޫރިޒަމް ފުޅާ ކުރުމުގެ އިތުރުން، ރައްޔިތުންގެ ދަތުރު ފަތުރުތަކަށް ލުއިފަސޭހަކަން ލިބޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އަމިއްލައަށް އޮޕަރޭޓް ކުރެވޭ، ބޭނުން ތަނަކަށް ދެވޭގޮތަށް، މިފަދަ މަތިންދާބޯޓް ހުރުމަކީ ރައްޖޭގެ ސަލާމަތް ކަމަށް ވަަރަށް މުހިއްމު ކަމެއް ކަމަށެވެ.
އިބްރާހިމް ޒަކީ
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ކޮމެންޓް