ލަންޑަންގައި ކުރިއަށްދާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގައި، "ވިޒިޓް މޯލްޑިވްސް އިޔާ 2027 – ސެލެބްރޭޓް ދަ ސަނީ ސައިޑް" ކެމްޕޭން ރާއްޖެއިން ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި، ބައިނަލްއަގުވާމީ މީޑިއާތަކަށާއި ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރި ޕާޓްނަރުންނަށް އަމާޒުކޮށްގެން ފެށި މި ކެމްޕޭނަކީ، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، 2027 ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިޔާ" ގެ ގޮތުގައި ކަނޑައެޅުއްވުމާ ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމަށް ދޭ ހާއްސަ ދައުވަތެކެވެ.
"ސެލެބްރޭޓް ދަ ސަނީ ސައިޑް – އެން އިންވިޓޭޝަން ޓު ދަ ވޯލްޑް" ގެ ނަމުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ކެމްޕޭން ރަސްމީކޮށް ތައާރަފުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީނާއި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާސިރެވެ.
މި ބައްދަލުވުމުގައި ކެމްޕޭނުގެ ގައުމީ ތަސައްވުރަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، "ވިޒިޓް މޯލްޑިވްސް އިޔާ 2027" އަކީ ރާއްޖެ މުޅި ދުނިޔެއަށް ދައްކުވައިދިނުމަށް ރައްޔިތުންނާއި ފަތުރުވެރިކަމުގެ ސިނާއަތް އެކަތިގަނޑަކަށްވެގެން ކުރިއަށްދާ ގައުމީ ދަތުރެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ އަމިއްލަވަންތަކަމާއި، މުއްސަނދި ސަގާފަތާއި، މެހެމާންދާރީއާއި ތަފާތު ތަޖުރިބާތައް ފާހަގަކޮށް، ވިޔަފާރިތަކަށާއި މުޖުތަމައުތަކަށް އާ ފުރުސަތުތަކެއް ފަހިކޮށްދޭނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، އަމާޒަކީ ރާއްޖެއަށް މުޅި ދުނިޔޭގެ ޝައުގުވެރިކަން އުފައްދައި، ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ މައިދާނުގައި ރާއްޖޭގެ މަގާމު ވަރުގަދަކޮށް، 2027 ވަނަ އަހަރަކީ ހަނދާން އާކުރާނެ ފަދަ ކާމިޔާބު އަހަރަކަށް ހެދުން ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ހަފުލާގައި ވާހަކަދައްކަވަމުން ވީއެމްސީގެ ސީއީއޯ އަބްދުﷲ ޔާސިރު ވަނީ، މި ކެމްޕޭން ފެއްޓެވުމުގައި ރައީސް މުއިއްޒު ދެއްކެވި އިސްނެންގެވުމާއި ލީޑަޝިޕަށް ޝުކުރު އަދާކުރައްވައިފައެވެ. ޔާސިރު ވިދާޅުވި ގޮތުގައި، މިއީ ދުނިޔޭގެ ބާޒާރުގައި ރާއްޖޭގެ ފަތުރުވެރިކަން ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި ޑަބްލިއުޓީއެމް ފެއާގައި މި ކެމްޕޭން ލޯންޗުކުރުމަކީ ކުރިއަށް އޮތް އަހަރުތަކުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅުނު ވަރުގަދަ ބިންގަލެއް ކަމަށާއި، ފަތުރުވެރިންނަށް ހިތްވަރުދިނުމުގައި ސިނާއަތުގެ ބައިވެރިންނާއެކު ބާއްވާ ބަދަހި ގުޅުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގެ ތެރެއިން ހާއްސަ ލީޑަޝިޕް ޕެނަލް މަޝްވަރާއެއް ވެސް ކުރިއަށްގެންދިޔައެވެ. މި ޕެނަލްގައި މިނިސްޓަރު އަމީނާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ޗެއާމަން ހުސައިން އަފީފާއި، ވީއެމްސީގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ރިޔާޒްގެ އިތުރުން ވިލާ ރިސޯޓްސްގެ ޗީފް އޮޕަރޭޓިން އޮފިސަރު އިބްރާހިމް ސިޔާދު ގާސިމް ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްވަރާގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ ފަތުރުވެރިކަމުގެ ގައުމީ ތަސައްވުރާއި، ސިނާއަތުގެ ބައިވެރިވުމާއި، އިންވެސްޓްމަންޓްގެ ފުރުސަތުތަކާއި، ކެމްޕޭނުގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ބޭނުންވާ ބައިނަލްއަގުވާމީ ގުޅުންތަކުގެ މައްޗަށެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖެއަށް 1،762،751 (1.7 މިލިއަން) ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އޭގެ ތެރެއިން 56.9 އިންސައްތައަކީ ޔޫރަޕުގެ ގައުމުތަކުން އައި ފަތުރުވެރިންނެވެ. ވަކިވަކި ގައުމުތަކަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން އައި ޗައިނާއިން 331،817 ފަތުރުވެރިން، ދެވަނައިގައި އޮތް ރަޝިޔާއިން 256،822 ފަތުރުވެރިން، އަދި ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 135،897 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
އިނގިރޭސިވިލާތަކީ ރާއްޖެއަށް ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓަށްވާ އިރު، އެކްސެލް ލަންޑަންގައި އިއްޔެ ފެށި ތިން ދުވަހުގެ މި މައުރަޒުގައި ރާއްޖޭގެ 161 މަންދޫބުންގެ ވަފުދަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ 62 ކުންފުންޏަކުން ބައިވެރިވާ 136 ފަރާތެއް ހިމެނެއެވެ. މި މައުރަޒުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ތަޖުރިބާތަކާއި ދަތުރުފަތުރުގެ މައުލޫމާތު ހިމެނޭ "ވިޒިޓް މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް" ގެ 2027 ވަނަ އަހަރުގެ އެޑިޝަން ތައާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، 2027 ވަނަ އަހަރު ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމަށް ގުޅިގެން މާކެޓިން ހަރަކާތްތައް ހިންގުމާއި ޕާޓްނަޝިޕްތައް ގާއިމުކުރުމަށް ބައިނަލްއަގުވާމީ ޓުއާ އޮޕަރޭޓަރުންނާއި، އެއާލައިންތަކާއި، އޮންލައިން ޓްރެވަލް ޕްލެޓްފޯމްތަކުގެ އިތުރުން މީޑިއާ އިދާރާތަކާއެކު މަޝްވަރާތައް ކުރިއަށްގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް
ކޮމެންޓް