ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ބޭނުންވާ އެއްބަސްވުމުގައި އަންނަ މަހުގެ ތެރޭގައި ސޮއިކުރެވޭނެ ކަމަށް ޓޫރިޒަމް އެންޑް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ރާއްޖޭގެ މިހާރުގެ ޓްރާންސްޕޯޓް މޮޑެލްއަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. ހާއްސަކޮށް ސީޕްލޭން އޮޕަރޭޝަންތަކުގައި ރޭގަނޑުގެ ވަގުތުތަކުގައި ދަތުރު ނުކުރެވޭތީ، ރެޔާއި ދުވާލު އަދި ތަފާތު މޫސުންތަކުގައި ފަތުރުވެރިން އުފުލޭނެ އިންތިޒާމްތައް ހަމަޖައްސަންޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ހެލިކޮޕްޓަރުގެ ހިދުމަތް ތައާރަފު ކުރުމަކީ މި ދަތިތަކަށް ލިބޭނެ ދާއިމީ ހައްލެއް ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް ލިބިފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އަންނަ މަހު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ރާއްޖޭގެ ސިވިލް އޭވިއޭޝަން ގަވާއިދުތަކުގެ ދަށުން އެއާ އޮޕަރޭޓާ ސެޓްފިކެޓް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އެންމެ ލަސްވެގެން 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި މި ހިދުމަތް ރަސްމީކޮށް ފެށުން ކަމަށެވެ.

ހެލިކޮޕްޓަރު ހިދުމަތުގެ ތެރެއިން ފަތުރުވެރިން އުފުލުމުގެ އިތުރުން ސާޗް އެންޑް ރެސްކިއު އާއި މެޑިކަލް އިވެކުއޭޝަންގެ ހިދުމަތްވެސް ފޯރުކޮށްދޭން ޖެހެއެވެ. އަދި މިކަމަށްޓަކައި ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ހިދުމަތް ފަށާ ފުރަތަމަ ތިން އަހަރު ދުވަހު، ކޮންމެ މަހަކު 50 ގަޑިއިރަށް މެޑިކަލް އިވެކުއޭޝަންގެ ހިދުމަތް އެއްވެސް އަގަކާ ނުލާ ދޭންޖެހޭނެއެވެ.

މި ހިދުމަތް ދިނުމަށް ހޮވާ އޮޕަރޭޓަރުންނަށް އެންމެ ގިނަވެގެން ދިހަ އަހަރު ދުވަހުގެ މުއްދަތަށް ހުއްދަ ދޭނެއެވެ.