މިއަހަރުގެ މިހާތަނަށް ޕަބްލިކް ސެކްޓާ އިންވެސްޓުމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 3.2 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުގައި، މި އަހަރު ޕީއެސްއައިޕީ މަޝްރޫއުތަކަށް ޖުމްލަ 8.3 ބިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެއެވެ. މި އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް މި މަޝްރޫއުތަކަށް 3.2 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާ އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި މި އަދަދު ހުރީ 3.8 ބިލިޔަން ރުފިޔާގައެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ އިގުތިސޯދީ ދާއިރާއިންނެވެ. އެގޮތުން އެ ދާއިރާއަށް 1.3 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އޭގެ ތެރެއިން 997.6 މިލިޔަން ރުފިޔާއަކީ ދަތުރުފަތުރުގެ ވަސީލަތްތައް ގާއިމު ކުރުމަށް ކޮށްފައިވާ ހަރަދެވެ.
މީގެ އިތުރުން، ދައުލަތުގެ އާންމު ހިދުމަތުގެ ދާއިރާއަށް 576.9 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މި ދާއިރާއިން ކުރި ހަރަދުގެ ބޮޑު ބައެއް ހިއްސާ ކުރަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ބިންތައް ބެލެހެއްޓުމަށެވެ. އެ ބަޔަށް އެކަނި 571.8 މިލިޔަން ރުފިޔާ ވަނީ ހަރަދުވެފައެވެ.
ބޯހިޔާވަހިކަމުގެ ދާއިރާއަށް 480 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު 123 ޕަސަންޓުގެ ބޮޑު ކުރިއެރުމެކެވެ. މި ދާއިރާއިން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫއުތަކަށެވެ.
ސިއްހީ ދާއިރާއަށް 206.1 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ އިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި މި ދާއިރާއަށް ހަރަދުކުރީ 73.2 މިލިޔަން ރުފިޔާއެވެ.
އަލީ ޔާމިން
މާލީ ބަޔާން
މާލީ ބަޔާން
މާލީ ބަޔާން
މާލީ ބަޔާން
ކޮމެންޓް