އެއާޕޯޓް ޓެކުހާއި ފީ (އޭޓީއެފް) ގެ ގޮތުގައި މި އަހަރު 2.2 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްވާ ގޮތުން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.09 ބިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި 1.11 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު 15.7 ޕަސެންޓް އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެއާޕޯޓް ޓެކްސްގެ ގޮތުގައި ލިބުނީ 975.6 މިލިއަން ރުފިޔާއެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި ލިބުނީ 977.7 މިލިއަން ރުފިޔާއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސް (ޓީޖީއެސްޓީ) ގެ ގޮތުގައި ދައުލަތަށް 6.7 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓީޖީއެސްޓީގެ ގޮތުގައި 6.2 ބިލިއަން ލިބުނު އިރު، މިއީ 7.7 ޕަސެންޓްގެ އިތުރުވުމެކެވެ.

ޓީޖީއެސްޓީ އާއި އާންމު ޖީއެސްޓީ ހިމެނޭހެން މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސްގެ ޖުމްލަ އާމްދަނީ ވަނީ 9 ޕަސެންޓް އިތުރުވެ، 9.7 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މީގެ ތެރެއިން އާންމު ޖީއެސްޓީ ގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 12.1 ޕަސެންޓް އިތުރުވެފައެވެ.

ދައުލަތަށް ލިބުނު ޖުމްލަ ޓެކްސް އާމްދަނީ ވަނީ 17.6 ބިލިއަނަށް އަރައިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު، 11.3 ޕަސެންޓްގެ އިތުރުވުމެކެވެ. މިދިޔަ އަހަރު ލިބުނީ 15.8 ބިލިއަން ރުފިޔާއެވެ.