މިއަދުގެ ދިޔަވަރު ބޮޑުވި ވަގުތު މާލޭގެ އެކި ސަރަހައްދުތަކަށް އުދައަރައި، މަގުތަކުގައި ފެންބޮޑުވެ އާންމުންގެ މުދަލަށް ގެއްލުންތަކެއް ވެއްޖެއެވެ.
މިއަދު މެންދުރު 11:53 ހާއިރު ދިޔަވަރު އެންމެ ބޮޑުވި ވަގުތާ ދިމާކޮށް އެރި އުދައިގެ އަސަރު އެންމެ ބޮޑަށް ކުރީ ރާޅުގަނޑު ސަރަހައްދަށާއި އިންޑަސްޓްރިއަލް ވިލެޖަށެވެ. އިންޑަސްޓްރިއަލް ވިލެޖަށް ލޮނުގަނޑު ވަދެ، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ސައިކަލުތައް ވެއްޓި ލޮނުގެ ތެރޭގައި އޮޮތް މަންޒަރު ފެންނަ ވީޑިއޯތައްވަނީ އާންމުވެފައެވެ.
މީގެ އިތުރުން، ބޮޑުތަކުރުފާނު މަގަށާއި ރަސްފަންނު ސަރަހައްދަށް ވެސް ރާޅު އަރައި، މަގުމައްޗަށް ގަލާއި ވެލި ފެތުރިފައިވެއެވެ.
އެމެއެންޑީއެފުން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ އުދައެރުމުގެ ސަބަބުން މަގުތަކުގައި ބޮޑުވި ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)ން ބުނީ މިއަދު ދިޔަވަރު ބޮޑުވި ވަގުތު 0.74 މީޓަރަށް ލޮނުގަނޑު އުފުލުނު ކަމަށެވެ. އަދި މާދަމާ މެންދުރު 12:28 ހާއިރު ދިޔަވަރު މިއަށްވުރެ ބޮޑުވެ، 0.79 މީޓަރަށް އުފުލޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ދުވަސްވަރު ކަނޑުގެ ރާޅުތައް ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދުގެ އުސްމިނެއްގައި ހުންނާނެ ކަމަށްވެސް ލަފާކުރެވޭކަމަށް މެޓުން ބުންޏެވެ. މިއަދު މާލެ ސަރަހައްދަށް ވައި ޖެހިފައިވަނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގައެވެ.
ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރު ކުރުމުގެ ފުރުސަތު އޮންނާނެކަމަށް ލަފާކުރެވޭކަމަށް މެޓުން ބުންޏެވެ.
މުހައްމަދު އިޝާން
އުދަ އެރުން
އުދަ އެރުން
އުދަ އެރުން
ކޮމެންޓް