މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން، އެ ކުންފުނީގެ މާލީ މުއާމަލާތްތަކުގައި ބޮޑެތި ގޯސްތަކެއް ހުރިކަމާއި ކުންފުންޏަށް 34.5 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާކަން ހާމަވެއްޖެއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން މި މަހުގެ 20 ވަނަ ދުވަހު އާންމުކުރި ސްޕޯޓްސް ކޯޕަރޭޝަންގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި އެ ކުންފުނި އުފެދުނީއްސުރެ އާމްދަނީ ހޯދުމުގައި ވަނީ މުޅިން ނުކުޅެދިފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، 2024 ވަނަ އަހަރުގެ ނިޔަލަށް ކުންފުނީގެ ޖުމްލަ ގެއްލުން 34.5 މިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓުގައި ވަނީ ފާހަހަކޮށްފައެވެ.

ކުންފުނީގެ ހިންގުމުގެ ހަރަދުތައް އެއްކޮށް ދައުލަތުގެ ބަޖެޓުން ހަމަޖައްސަމުން ދިޔައިރު، ހަރަދުތައް ކުޑަކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާކަން ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އަދި ކުންފުނީގެ އާމްދަނީގެ ގޮތުގައި އެއްވެސް ފައިސާއެއް ނުލިބޭ އިރު މުވައްޒަފުންގެ މުސާރަ އާއި އިދާރީ ހިންގުމަށް އެތައް މިލިއަން ރުފިޔާއެއް ކޮންމެ އަހަރަކު ހޭދަކޮށްފައިވުމަކީ ދައުލަތުގެ މާލިއްޔަތަށް އުފުލަން ޖެހުނު އިންތިހާއަށް ބޮޑު ބުރައެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، އޮޑިޓަށް ބޭނުންވާ ބައެއް މުހިންމު ލިޔެކިޔުންތައް ފުރިހަމައަށް ބަލަހައްޓާފައި ނުވުމުގެ ސަބަބުން މާލީ ބަޔާންތަކުގައި ހިމެނޭ ބައެއް އަދަދުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އޮޑިޓަރުންނަށް ހުރަސްތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި ކުންފުނީގެ އެސެޓް ރަޖިސްޓްރީ ފުރިހަމައަށް ބަލަހައްޓާފައި ނުވުމާއި މާލީ ހިސާބުތައް ތައްޔާރު ކުރުމުގައި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އަމަލުކޮށްފައި ނުވާކަންވެސް ފާހަގަކޮށްފައިވެއެވެ.

އޮޑިޓުގައިވާ ގޮތުން އެންމެ ސީރިއަސް އެއް މައްސަލައަކީ ހުޅުމާލޭގައި ތަރައްގީ ކުރުމަށް ރާވާފައިވާ ސްޕޯޓްސް ސްކޫލް މަޝްރޫއާ ގުޅޭގޮތުން ހިންގާފައިވާ މާލީ މުއާމަލާތްތަކެވެ. މި މަޝްރޫއަށް ހިނގާފައިވާ ހަރަދުތަކުގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ކަނޑައެޅިގެން ހިލާފަށް ހަރަދުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

އެގޮތުން ޕްރޮކިއުމަންޓްގެ އުސޫލުތަކާ ހިލާފަށް އާންމުކޮށް އިއުލާނު ކުރުމެއް ނެތި ބޮޑެތި އަދަދުތަކުން މަސައްކަތްތައް އަމިއްލަ ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމާއި އެ މަސައްކަތްތަކަށް އެޑްވާންސްގެ ގޮތުގައި ދޫކުރި ފައިސާގެ ރެކޯޑުތައް ރަނގަޅަށް ބަލަހައްޓާފައި ނުވާކަން ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އޮޑިޓުގައިވާ ގޮތުން ސްޕޯޓްސް ކޯޕަރޭޝަނުން ވަނީ ބައެއް ހިދުމަތްތައް ހޯދުމުގައި އެއްބަސްވުންތަކެއް އެކުލަވާލުމެއް ނެތި ފައިސާ ދޫކޮށްފައިވާ ކަމާއި މަސައްކަތް ނުނިމެނީސް ބިލުތަކަށް ފައިސާ ދައްކައިފައެވެ. މި މައްސަލައިގައި ކޮރަޕްޝަންގެ އަމަލުތަކެއް އެކުލެވިގެންވާ ކަމަށް ބެލެވޭތީ، މިއީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިތުރަށް ތަހުގީގު ކުރަންޖެހޭ މައްސަލައެއް ކަމަށް އޮޑިޓާ ޖެނެރަލް ވަނީ ނިންމަވައިފައެވެ.

ކުންފުނީގެ ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކަށް ބަލާއިރު، ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ ބޯޑުން ކަނޑައަޅާފައިވާ ކޯޕަރޭޓް ގަވަނަންސް ކޯޑާ އެއްގޮތަށް ކުންފުނި ހިންގަމުން ގޮސްފައި ނުވާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، އެތެރޭގެ އޮޑިޓް ނިޒާމެއް ގާއިމުކޮށްފައި ނެތުމާއި މާލީ ކަންކަން ނިންމުމުގައި ބޯޑުގެ ބައިވެރިވުން ކުޑަވުމަކީ ކުންފުނީގެ މާލީ ހާލަތު ދަށަށް ދިއުމަށް މެދުވެރިވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަންކަން ބަޔާންކޮށްފައިވެއެވެ.

އޮޑިޓު ރިޕޯޓުގައި ވަނީ މައްސަލަތައް ހައްލުކުރަން ގިނަ ލަފާތަކެއް ދީފައެވެ. އެންމެ ފުރަތަމަ ކަމަކަށް، ކުންފުނީގެ މާލީ ރެކޯޑުތައް ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާ ކުރުމަށާއި ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އަންގާފައިވެއެވެ.

މީގެ އިތުރުން ހުޅުމާލޭ ސްޕޯޓްސް ސްކޫލް މަޝްރޫއާ ގުޅިގެން ގެއްލިފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދިއުމަށާއި އެކަމުގައި އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވަނީ ލަފާދީފައެވެ. އަދި ކުންފުނިން ކުރާ ހަރަދުތައް ކުޑަކުރުމަށާއި އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދުމަށް ދިގު މުއްދަތުގެ ޕްލޭނެއް އެކުލަވާލުމަށް ވަނީ އިރުޝާދު ދީފައެވެ.

ނަމަވެސް، ކުންފުނި ހިންގަމުންދާ ގޮތަށް ބަލާއިރު ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ނުލިބޭނަމަ، ދައުލަތަށް ލިބެމުންދާ މާލީ ގެއްލުން ކުޑަކުރުމަށްޓަކައި ކުންފުނީގެ މުސްތަގުބަލާ މެދު ސަރުކާރުން ގޮތެއް ނިންމުމަށްވެސް ރިޕޯޓުގައި ލަފާދީފައިވެއެވެ.

އެ ލަފާގެ މަތިން ސަރުކާރުން މިހާރު ވަނީ ސްޕޯޓްސް ކޯޕަރޭޝަން އުވާލައިފައެވެ.