ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ގޭބަންދުގައި ހުންނަވާތާ ފަސް މަސް ދުވަސް ފާއިތުވެއްޖެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ސައީދު ސިއްހީ ސަބަބުތަކަށްޓަކައި ގޭބަންދަށް ބަދަލުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.
"އަދިވެސް ގޭބަންދުގައި ހުރީ" މައުލޫމާތު އެނގޭ ފަރާތަކުން "ވަން" އަށް ބުންޏެވެ.
މިކަމާ ގުޅިގެން ކަރެކްޝަންގެ ބަހެއް ހޯދުމަށް އެތަނަށް ގުޅުމުން އެތަނުގެ މީޑިއާ އޮފިޝަލްވެސް އެކަން ދޮގެއް ނުކުރެއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.
ސައީދުގެ މައްޗަށް ހަތަރު އަހަރުގެ ހުކުމް އައީ 2019 ވަނަ އަހަރު ފެނަކައިން ބްލޭޒަން އިންކް ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެ ކުންފުނިން ކުރަންޖެހޭ މަސައްކަތް ފުރިހަމަނުކުރަނީސް އަދި މަސައްކަތް ނިމުނުކަން ކަށަވަރު ނުކޮށް، އެ ކުންފުންޏަށް ފައިސާ ދޫކުރި މައްސަލައިގަ އެވެ. އެ މައްސަލަ ސައީދުގެ ފަރާތުން މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެެ.
މި މައްސަލައިގެ އިތުރުން، ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓެއް ފެނަކައަށް ގަތުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ވެސް އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވެ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިހާރު ވަނީ ފަށާފައެވެ.
އަލީ ޔާމިން
އަހުމަދު ސައީދު ފެނަކައިގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު
ކޮމެންޓް