މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާއިން ކުރިޔަށްގެންދާ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެމީހުންގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ "ރިވެލި އެވޯޑު 2026" އަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
ރިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނާއި، އެފަރާތްތަކަށް އިގްތިސާދީ އަދި އިޖުތިމާއީ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ "އޯގާތެރި މުޖުތަމައު" ގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ހިންގާ މުހިންމު ގައުމީ ހަރަކާތެކެވެ.
އެ އެވޯޑު ދިނުމުގެ މަގުސަދަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކޮށް، އެފަރާތްތައް ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ހިދުމަތްތައް ފާހަގަކުރުމެވެ.
"ރިވެލި އެވޯޑުން ހާސިލުކުރުމަށް ބޭނުންވާ ނަޠީޖާ:
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރި ކުރުވުން
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެފަރާތްތަކުގެ ލާބަޔަށް އެކި ފަރާތްތަކުން މަސައްކަތްތަކުގެ އަގު ވަޒަންކުރުމާއި އެކަމަށް ހިތްވަރު ދިނުން
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާއި ބެހޭގޮތުން އާއްމުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުން
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް، އެފަރާތްތަކަށް މުޖުތަމައުގެ ދާއިރާތަކުން ފުރުސަތުތައް ފަހިކޮށްދިނުން
- ނުކުޅެދެންތެރިކަން ހުންނަ ފަރާތްތަކުގެ އަމިއްލަ މިނިވަންކަމަށް ވަކާލާތުކޮށް، އެފަރާތްތަކުގެ ކުރިއެރުމަށް މަގުފަހިކުރުން
އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ހަ ކެޓަގަރީއަކުންނެވެ.
ކެޓަގަރީތައް:
1. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ
2. އެކި ގޮތްގޮތުން ދިވެހި ރާއްޖެއަށް ރީތި ނަމާއި ކާމިޔާބީތައް ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް
3. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ދާއިރާ (ސަރުކާރު އަދި އަމިއްލަ ފަރާތްތައް)
4. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ
5. ފަންނީ އަދި ފަރުދީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ
6. ނުކުޅެދުންތެރިކަން ހުންނަ މީހުން އިގްތިސާދީ ގޮތުން ބާރުވެރިކުރުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް (އަމިއްލަ ކުންފުންނި / ސަރުކާރު ހިއްސާވާ ކުންފުނި)
އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ ލިޔުމާއި އެޕްލިކޭޝަން ފޯމް އަދި އެވޯޑު ދިނުމުގެ އުސޫލު މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ، އުމަރު ޒާހިރު އޮފީސް ބިލްޑިންގެ ކައުންޓަރުންނާއި، އެ މިނިސްޓްރީގެ ވެބްސައިޓް health.gov.mv އަދި މިނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ގާއިމް ކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުތަކުން ލިބޭނެއެވެ.
ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމުތަކާއި ގުޅުންހުރި ލިޔުންތައް މިނިސްޓްރީގެ ކައުންޓަރަށާއި އަދި މެއިލް އެޑްރެސް [email protected] އަށް ހުށަހެޅޭނެއެވެ. މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، މިމަހުގެ 30ވާ އާދިއްތަ ދުވަހުގެ 13:00 އެވެ.
"ރިވެލި އެވޯޑު"ގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އޮންނަ އިތުބާރު ބޮޑުވެ، މުޖުތަމައުގެ ތަފާތުކުރުންތައް ކުޑަވެގެންދާނެ ކަމަށް މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާއިން ބުނެއެވެ. އަދި އެދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބޭ ހިތްވަރާއެކު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، މުޖުތަމައުގެ ބައިވެރިވުން އެދާއިރާއަށް އިތުރުވެގެންދާނެކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ފާތިމަތު ލިއުޝާ
ނުކުޅެދުންތެރިކަން ހުންނަ މީހުން
ނުކުޅެދުންތެރިކަން ހުންނަ މީހުން
ކޮމެންޓް