ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން އިތުރު މަސައްކަތްތަކެއް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސީދާ އެ މަނިކުފާނާ ހިއްސާކުރުމަށް ބާއްވަމުން އަންނަ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ހުރިހާ ފަރާތްތަކަކަށް ވެސް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަކީ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.

މި ޕްރޮގްރާމުގައި ބައިވެރިވި ނުކުޅެދުންތެރިކަން ހުންނަ މީހަކު ވަނީ، މަތީ ތައުލީމު ހާސިލުކޮށްގެން ތިބޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ވަޒީފާ ހޯދުމުގައި ގިނަ ހުރަސްތަކެއް ހުރިކަން ފާހަގަކޮށްފައެވެ. މީގެ އިތުރުން، ތެރަޕީ ފަދަ ސިއްހީ ހިދުމަތްތައް ހޯދުމުގައި ހުރި ދަތިތައް ވެސް އޭނާ ހިއްސާކުރިއެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ވަޒީފާގެ ފުރުސަތުތައް ހޯދައިދޭން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި ފާހަގަކުރި މައްސަލަތަކަށް ހައްލެއް ގެންނަވާނެ ކަމަށެވެ. އަދި އެކަމުގައި މަސައްކަތްކޮށްދެއްވުމަށް މިނިސްޓަރުންނަށާއި ކުންފުނިތަކުގެ ވެރިންނަށް ވެސް ދަންނަވާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެކަމުގައި އިތުރު މަސައްކަތްކުރާނަން. މިހާރު އިތުރު މަސައްކަތްތަކެއް ފަށައިގެންފައިވަނީ. އެހެންވީމާ ކުރިއަށްދާނެ. ޖުމްލަކޮށްވެސް އަޅުގަނޑުގެ ވަރަށް ބޮޑު ސިޔާސަތެއް މިއީ އިންކްލޫސިޓިވިޓީއަކީ، ވަޒީފާގެ ގޮތުން ވިޔަސް، އަދި ހުރިހާ ކަހަލަ ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ ގޮތުން ވެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް،" އެމަނިކުފާނު ވިދާޅުވިއެވެ.

29 އޮކްޓޯބަރު 2026، "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މުޖުތަމައުން ހަވާސާވެފައި ތިބޭ ފަރާތްތައް މުޖުތަމައުގައި ޝާމިލުކުރުމަށް އަންނަ އަހަރު ގައުމީ ފެންވަރުގެ ހާއްސަ މަޝްރޫއެއް ފައްޓަވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، "އަޅުގަނޑު އޮންނާނީ ދަންނަވާފައި، ނޭޝަން ވައިޑް ހާއްސަ ޕްރޮގްރާމެއް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އަދިވެސް ހަވާސާވެފައި ތިބޭ ފަރާތްތައް މެއިންސްޓްރީމްކުރުމަށް. އެކި ފުރުސަތުތައް ފަހިކޮށްދޭން ނޭޝަނަލް ޕްރޮގްރާމެއް އާ މަޝްރޫއެއް ގޮތުގައި ހުރިހާ ދާއިރާއަކުން ވެސް، ތެރަޕީތައް ހޯދުން. ސިއްހީ ދާއިރާގައި އަދި ތައުލީމީ ދާއިރާ، ހުރިހާ ދާއިރާއަކުން އިރާދަކުރެއްވިއްޔާ އާ މަޝްރޫއެއް މި އަންނަ އަހަރު ތެރޭގައި ހިންގާނަން. މިހާރު ކުރާ މަސައްކަތް އިތުރަށް ވަރުގަދަކޮށް، ހޮސްޕިޓަލުތަކާއި ހެލްތު ސެންޓަރުތަކުން އޮންލައިން އަދި ފިޒިކަލީ ހޯދާ ހިދުމަތްތައް ވެސް ވަރަށް ބޮޑު މަސައްކަތެއް ކުރާނަން އަޅުގަނޑުމެން،” ކަމަށެވެ.

ޝާމިލު މުޖުތަމައެއް ބިނާކުރުމުގެ ގައުމީ މަޝްރޫއެއް ފެށުމަށް އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓުގައި ވަނީ ހިމަނައިފައެވެ. ރައްޔިތުންގެ މަޖިލީހަށް މިއަދު ބަޖެޓު ހުށަހަޅުއްވައިދެއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ، އިޖުތިމާއީ ތަރައްގީ އާއި ދީނީ ރިވެތި އަހުލާގީ ނިޒާމެއް ދެމެހެއްޓުމަކީ، މި ސަރުކާރުން އަބަދުވެސް އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދޭ ދާއިރާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް، ދިރިއުޅުމުގެ އެންމެހައި ކަންކަމުގައި ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އެގޮތުން، ރާއްޖޭގައި ނާޒުކު އާބާދީތައް ބާރުވެރިކުރުވުމަށްޓަކައި ޝާމިލު މުޖުތަމައެއް ބިނާކުރުމުގެ ގައުމީ މަޝްރޫއެއް ފެށުމަށް ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ، މުޖުތަމައުގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެއްވެސް ދަތިކަމެއް ނެތި، އެންމެ ބޭނުންވާ ހިދުމަތްތައް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

"މިގޮތުން، އެ ފަރާތްތަކަށް މަގުތަކާއި ސްކޫލުތަކާއި ހެލްތު ސެންޓަރުތަކުން ހިދުމަތް ހޯދުމުގައި އިންކްލޫސިވް އަދި އެކްސެސިބަލް ކުރުމަށް ހާއްސަ އިސްކަމެއް ބަޖެޓުގައި ދީފައިވާނެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް އުފައްދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިއީ އެ ފަރާތްތަކަށް އިޖުތިމާއީ ގޮތުން ބާރުވެރިކަން ލިބި، އިގުތިސޯދީ ގޮތުން އަމިއްލަ ފުދުންތެރިކަން ހޯދުމަށް ލިބިގެންދާނެ ފުރުސަތެއް ކަމަށެވެ.

މީގެ އިތުރުން މުޖުތަމައުގައި ހަމަހަމަކަން ގާއިމުކޮށް، ސިޔާސަތުތައް ތަންފީޒުކުރުމުގައި ޖެންޑާ އީކުއަލިޓީއަށް ދެވޭ އިސްކަން އިތުރުކޮށް، އެކަން މޮނިޓާކުރުމުގެ ބޭނުމުގައި، މިންތިތަކަށް ކުރާ ހަރަދު ދެނެގަނެވޭނެ ގޮތަށް، ޖެންޑާ އީކުއާލިޓީ އެންޑް ސޯޝަލް އިންކްލޫޝަން، ނުވަތަ "ޖެސީ" ބަޖެޓު އަންނަ އަހަރު ތަރުތީބުކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.