ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެމްބަރުން ހޮވުމަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބު، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ. މި އިންތިހާބު ބާއްވާ ގޮތަށް ކުރިން ތާވަލުކޮށްފައި އޮތީ ކުރިއަށް އޮތް ހޮނިހިރު ދުވަހުއެވެ.
އެލްޖީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ އޮތޯރިޓީގެ ބޯޑަށް މެމްބަރުން ހޮވުމުގެ އިންތިހާބު ފަސްކުރަން ޖެހުނީ އިންތހާބާ ގުޅިގެން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ނިމިފައި ނުވާތީ ކަމަށެވެ.
ނަމަވެސް، އެ މަސައްކަތްތަކާ ގުޅޭ އެއްވެސް އިތުރު ތަފުސީލެއް އެލްޖީއޭއިން ހިއްސާއެއް ނުކުރެއެވެ.
އެލްޖީއޭގެ ބޯޑަކީ ޖުމްލަ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ބޯޑެކެވެ. އޭގެ ތެރޭގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރަކާއި، އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެމްބަރެކެވެ.
މީގެ އިތުރުން ސިޓީ ކައުންސިލަރުންގެ ތެރެއިން ހޮވާ މެމްބަރަކާއި، އަތޮޅު ކައުންސިލްތަކުގެ ރައީސުންގެ ތެރެއިން ހޮވާ މެމްބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން އިންތިހާބުކުރާ މެމްބަރެއްގެ އިތުރުން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފަކުވެސް ބޯޑުގައި ހިމެނެއެވެ.
މުހައްމަދު އިޝާން
އެލްޖީއޭ
އެލްޖީއޭ
ކޮމެންޓް