ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ރަށު ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އިންތިހާބު ކުރާ މެންބަރެއް ހޮވުމަށް ބޭއްވި އިންތިހާބު ޕީއެންސީން ކާމިޔާބުކޮށްފިއެވެ.

މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 10:00 އިން ހަވީރު 4:00އަށެވެ.

މި އިންތިހާބުގައި ރަށު ކައުންސިލް މެންބަރުންގެ ތެރެއިން އެލްޖީއޭ ބޯޑަށް ކުރިމަތިލާފައި ވަނީ ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު އަދި ނ. މަނަދޫ ކައުންސިލް ރައީސް އަލީ ތޯފިރުއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން ކުރިމަތިލީ ލ. ގަމު ރައީސް މަރްޔަމް ނީނާ އަދި ށ. ފުނަދޫ ރައީސް މަރްޔަމް ޒީނާއެވެ.

ރަށު ކައުންސިލް މެންބަރުންގެ ތެރެއިން އެލްޖީއޭ ބޯޑަށް އިންތިހާބުވެފައިވަނީ ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދުއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން ބޯޑަށް އިންތިހާބުވެފައިވަނީ ށ. ފުނަދޫ ރައީސް މަރްޔަމް ޒީނާއެވެ.

މި ބޯޑަށް ސިޓީ ކައުންސިލުގެ ތެރެއިން އިންތިހާބު ކުރަންޖެހޭ މަގާމަށް ކުރިމަތިލީ ހަމައެކަނި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފްއެެވެ. އެހެންވެ، އެ މަގާމަށް އޭނާ ވަނީ ވޯޓަކާނުލާ އިންތިހާބުވެފައެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 807 ފަރާތަކަށް ލިބިފައިވެއެވެ. އެއީ ކައުންސިލްތަކުގެ 625 ކައުންސިލަރުންނަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ 182 ރައީސުންނަށެވެ.

މި އިންތިހާބުގައި މާލެ ހިމެނޭހެން 19 އަތޮޅެއްގައި ވޯޓުފޮށި ބެހެއްޓިއެވެ.