ލުބުނާނުގައި ގެދޮރު ގެއްލިފައިވާ 821،077 މީހުން އެނބުރި ރަށަށް ދާން ފަށާފައިވާ ކަމަށް އދ.ގެ އިންސާނީ އެހީއާ ބެހޭ އިދާރާ (އޯޗާ) އިން އަންގާރަ ދުވަހުގެ ރޭ ބުނެފިއެވެ.

އޯޗާއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ޖުލައި 30 ވަނަ ދުވަހާ ހަމަޔަށް އެ އަދަދަށް މީހުން އެނބުރި ރަށަށް ގޮސްފައިވާއިރު، އަދިވެސް 360،000 އަށް ވުރެ ގިނަ މީހުން ތިބީ ގެދޮރު ގެއްލިފައެވެ. އޭގެ ތެރެއިން 26،000 އެއްހާ މީހުން ދިރިއުޅެމުންދަނީ ސަރުކާރުން ގާއިމުކޮށްފައިވާ ވަގުތީ ހިޔާތަކުގައެވެ.

މި މީހުން އެނބުރި ރަށަށް ދާން ފަށާފައިވަނީ، އިސްރާއީލާއި ހިޒްބުالله އާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ހަމަލާތައް މަޑުޖެހިފައިވާ ދަނޑިވަޅެއްގައެވެ. ހަމަލާތައް މެދުކަނޑާލުމާ ގުޅިގެން ގިނަ ބަޔަކު އެނބުރި ރަށަށް ދިޔަ ނަމަވެސް، ބައެއް ސަރަހައްދުތަކުގެ އުމްރާނީ ވަސީލަތްތަކަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޯޗާއިން ފާހަގަކުރެއެވެ.

މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ އިސްވެ އޮވެ، ލުބުނާނާއި އިސްރާއީލާ ދެމެދު އިޓަލީގެ ރޯމްގައި ފަށާފައިވާ މަޝްވަރާތައް ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.