މަރުގެ އަދަބު އުވާލަން ލުބުނާނުގެ 128 މެންބަރުންގެ މައްޗަށް އެކުލެވޭ ގާނޫނުހަދާ މަޖިލީހުގެ އަގުލަބިއްޔަތުން އިއްޔެ ފާސްކޮށްފިއެވެ.

މި ނިންމުމާއެކު ލުބުނާނު ވެފައިވަނީ މަރުގެ އަދަބު އުވާލި އަރަބި ދުނިޔޭގެ ފުރަތަމަ ގައުމަށެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މަރުގެ އަދަބުގެ ބަދަލުގައި ދެން ދޭނީ ބުރަ މަސައްކަތާއެކު އުމުރުދުވަހުގެ ޖަލު ހުކުމެވެ.

ލުބުނާނުގައި 2004 ވަނަ އަހަރުން ފެށިގެން މަރުގެ އަދަބު ތަންފީޒުކުރުން ވަނީ ހުއްޓާލައިފައެވެ. ނަމަވެސް، ލުބުނާނުގެ ޖަސްޓިސް މިނިސްޓްރީގެ ތަފާސްހިސާބުތަކާ ހަވާލާދީ އަލްޖަޒީރާއާއި ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރުގެ ނިޔަލަށް 85 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވެއެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން ލުބުނާނުގެ ޖަސްޓިސް މިނިސްޓަރު އާދިލް ނައްސާރު ވިދާޅުވި ގޮތުގައި، މިއީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި އެ ގައުމަށް އެޅުނު ތާރީހީ ފިޔަވަޅެކެވެ. މީގެ އިތުރުން، އެމްނެސްޓީ އިންޓަނޭޝަނަލް އާއި ހިއުމަން ރައިޓްސް ވޮޗް ފަދަ ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވަނީ މި ނިންމުމަށް މަރުހަބާ ކިޔާފައެވެ.

މި ބިލަށް ވޯޓަށް އެހުމަށް ބޭއްވި ޖަލްސާގައި ހިޒްބުﷲ ޖަމާއަތަށް ނިސްބަތްވާ މެންބަރުން ވަނީ ބިލާ ދެކޮޅުހަދައި ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގެންފައެވެ. އެހެންކަމުން މި ބިލު ފާސްކޮށްފައިވަނީ އެ މެންބަރުންގެ ވޯޓާ ނުލައެވެ.

މަޖިލީހުގެ މެންބަރު އަބްދުއްރަހްމާން އަލް ބިޒްރީ ހުށަހެޅުއްވި އިސްލާހުތަކާއެކު ފާސްކުރި މި ގާނޫނުގައި ބުނެފައިވާ ގޮތުން، ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ އަދަބުވެސް އުމުރުދުވަހުގެ ޖަލު ހުކުމަކަށް ބަދަލުވާނެއެވެ. އަދި ލުބުނާނުގެ ގާނޫނުލްއުގޫބާތުގައި މަރުގެ އަދަބު ކަނޑައަޅާފައިވާ ހުރިހާ މާއްދާތަކެއް އުވާލެވޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލު ގާނޫނަކަށް ވެގެންދާނީ ލުބުނާނުގެ ކެބިނެޓުން ފާސްކުރުމަށްފަހު، ރައީސް ޖޯސެފް އައުން ތަސްދީގުކުރެއްވުމުންނެވެ.