އެންސްޕާއިން އެހީދެނީ ހައްގުވެރިންނަށްކަން ކަށަވަރުކުރުމަށް ކުރިޔަށްގެންދިޔަ ހޯދުންތަކުން މަރުވެފައިވާ 700 އަށްވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާ ކުރެވިފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން ބުނެފިއެވެ.
އެންސްޕާގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވީ، އެންސްޕާއިން އެހީ ދޭ ފަރާތްތަކުގެ މޮނިޓަރިން މަސައްކަތް ހުއްޓުނީ 2020 ވަނަ އަހަރު ސެކްޝަން އުވާލުމުން ކަމަށެވެ.
އޭގެފަހުން 10 މިލިޔަނަށްވުރެ ގިނަ ރުފިޔާ އުސޫލުން ބޭރުން ޖާމާވެފައިވާ ކަން ފާހަގަވެފައިވާ ކަމަށެވެ. އެ ސިސްޓަމްތައް ރަނގަޅު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ޝިރުނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އިޖުތިމާއީ އެހީތެރިކަމާއި ގުޅުންހުރި ޕްރޮގްރާމްތަކުން އެހީ ފޯރުކޮށްދެވެނީ ސީދާ އޭގެ ހައްގުވެރިންނަށްކަން ކަށަވަރުކުރުމުގެ މަސައްކަތް އެންސްޕާއިން ފަށައިފައިވާ ކަމަށެވެ. އެ މަސައްކަތުން އެންސްޕާއަށް ފާހަގަވީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވަމުންގޮސްފައިވާކަމަށެވެ.
"ގާތްގަނޑަކަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ނިޔާވެފައިވާ މީހުންގެ އެކައުންޓްތަކަށް ޖަމާވެފައިވާކަން ވަނީ ހާމަވެފައި. މިހާރު މިދަނީ އަލުން އެސެކްޝަންގެ މަސައްކަތް އިޔާދަކޮށް ސިސްޓަމް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް މިދަނީ ކުރަމުން." ޝިރުނާ ވިދާޅުވިއެވެ.
ޝިރުނާ ވިދާޅުވީ އެންސްޕާގައި 15000 އެއްހާ މީހުން ރަޖިސްޓްރީވެފައިވާ އިރު، މަރުވެފައިވާ 700 އަށްވުރެ ގިނަ މީހުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރެވިފައިވާކަން އެންސްޕާގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
އެންސްޕާގެ މޮނީޓަރިން ސެކްޝަންގެ ބެލުމުގެ ދަށުން، ގުރައިދޫގައި ހުންނަ މަރުކަޒުގައި ތިބޭ މީހުންނާއި އެންސްޕާގެ ރަޖިސްޓްރީގައި ތިބި ފަރާތްތަކުގެ ތެރެއިން، އެކަނި ދަރިން ބަލަހައްޓާ ފަރާތްތަކާއި ފަގީރު ހާލަތުގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދެމުންދާ މީހުންގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލުތައް ގާތުން ބަލައި އެމައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް އެމަސައްކަތް ހުއްޓާލުމާ ގުޅިގެން ހާލަތު ބަދަލުވީ މީހުންގެ މައުލޫމާތު އަދާހަމަނުކުރެވުމާއި މަރުވެފައިވާ މީހުންގެ މައުލޫމާތު އަދާހަމަނުކުރެވޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން ހައްގު ނޫން ފަރާތްތަކަށް ފައިސާ ފޯރުކޮށްދެވުމުގެ މައްސަލަ ފެންމަތިވެ އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝިރުނާ ވިދާޅުވިއެވެ.
އާއިލީ މާލީ ހާލަތު ހުންނަ ގޮތުން ނުވަތަ ދިމާވާ އެކި ހާލަތްތަކުގައި އިޖުތިމާއި އެހީތެރިކަމަށް އެދޭ ފަރާތްތަކަށް މާލި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތަކީ އެންސްޕާގެ މަސްއޫލިޔަތެކެވެ.
އޭގެ ތެރޭގައި ފަގީރު ހާލަތުގައި ދަރިން ބަލަހައްޓާ އެކަނިވެރި މައިން ނުވަތަ ބަފައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އެ ނޫނަސް، ދަތި ހާލުގައި ކުދިން ބަލަހައްޓާ މީހުންނަށް ދޭ އެހީތެރިކަމާއި ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންސްޕާއިން ކޮށްދެއެވެ.
ފާތިމަތު ލިއުޝާ
އެންސްޕާ
އެންސްޕާ
އެންސްޕާ
އެންސްޕާ
ކޮމެންޓް