މިހާރު ހިނގަމުން މިދާ ޤާނޫނުއަސާސީއަށް ނުވަތަ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީ 2008 އަށް، (7 އޮގަސްޓު 2026 ގައި) 18 އަހަރުވީއެވެ. މި ޤާނޫނުއަސާސީ ހިންގަން ފެށުނީ މީގެ 18 އަހަރު ކުރިން 7 އޮގަސްޓު 2008 ގައި ރައީސުލްޖުމްހޫރިއްޔާ ނުވަތަ ދައުލަތުގެ އެންމެމަތީ ވެރިޔާ (ރައީސް މައުމޫން ނޣޢވ) މި ޤާނޫނުއަސާސީ ތަސްދީގުކުރެއްވުމުންނެވެ. މި ޤާނޫނުއަސާސީއަށް 18 އަހަރުވުމަކީ މި ޤާނޫނުއަސާސީގެ ފޮނިމީރު ކަމަށް" ބަލާއިރު، ރަނގަޅުކަން ނުވަތަ ނުރަނގަޅުކަން ބެލިދާނެ މުއްދަތެއް ފާއިތުވީއެވެ. މައުނަވީގޮތުން ބަލާއިރު" ކުޑަކުއްޖެއްގެ އުމުރު ފާއިތުވެ ބޮޑުވެ ތަސައްރަފު ފުދޭ އުމުރު ފެށުނީއެވެ.

"މިޤާނޫނުއަސާސީއަކީ، 2 ޖުމާދަލްއާޚިރާ 1425، 19 ޖުލައި 2004، ހޯމަދުވަހު އެއްކުރެވުނު، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން 4 އަހަރުގެ ތެރޭގައި، 22 ޖުމާދަލްއާޚިރާ 1429، 26 ޖޫން 2008 ބުރާސްފަތިދުވަހު، މަސައްކަތް ނިންމައި އެކުލަވައިލެވުނު ޤާނޫނުއަސާސީ އެވެ. މި ޤާނޫނުއަސާސީއަކީ، ޒަމާނީ ޑިމޮކުރަސީއަށް ރާއްޖެ ފަރުމާކުރި، ފައްކާކުރި ޤާނޫނުއަސާސީއެވެ. މިކަމުގެ ހެކިތައް ގިނަގުނައެވެ. ދައުލަތުގެ ތިންބާރުކަމުގައިވާ ޤާނޫނުހެދުމުގެބާރު، ވެރިކަންހިންގުމުގެބާރު، ޢަދުލުއިންޞާފުޤާއިމުކުރުމުގެބާރު ފުރިހަމައަށް ވަކިވެފައިއޮތުމާއެކު، އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ބާބެއް ފުރިހަމަގޮތެއްގައި މި ޤާނޫނުއަސާސީގައި އެކަށައެޅި ބަޔާންވެގެން ވެއެވެ. މީގެތެރޭގައި ރައްޔިތުންނަށް މިޒަމާނުގައި ލިބެންވާ މިނިވަންކަމާއި ޙައްޤުތަކާއި ޚިދުމަތްތައް އެކަށޭނަގޮތެއްގައި ހިމެނެއެވެ.

މިގޮތުން ބަލާއިރު މަލްޓިޕާޓީ ޑިމޮކްރަސީއެއް ދިވެހިރާއްޖޭގައި ކުރިއަށް ގެންދިއުމަށް މިޤާނޫނުއަސާސީން ވަނީ ވަރަށް ފުރިހަމައަށް މަގުކޮށައިދީ އަލިކޮށްދީފައެވެ. ދިވެހިރާއްޖޭގެ އެއްވެސް ޤާނޫނުއަސާސީއެއްގައި ބަޔާންވެގެން ނުވާ، މިޤާނޫނުއަސާސީގައި ހަމައެކަނި ބަޔާންވެފައިވާ ބާބުތަކަށް ބަލާއިރު، ސަލާމަތީ ޚިދުމަތްތައް، ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުން، ދައުލަތުގެ މިލްކުވެރިކަމާއި މާލީ ޒިންމާތަކާއި ދަޢުވާތައް، މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމުތައް، މިފަދަ ބާބުތައް ހިމެނެއެވެ.

މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ އެއްވެސް ޤާނޫނުއަސާސީއެއްގައި ބަޔާންވެގެން ނުވާ، މިޤާނޫނުއަސާސީގައި ހަމައެކަނި ބަޔާންވެފައިވާ، ކޮމިޝަންތަކާއި މަޤާމުތަކުގެ ތެރޭގައި، ހިއުމަން ރައިޓްސް ކޮމިޝަން، އިލެކްޝަން ކޮމިޝަން، ސިވިލް ސަރވިސް ކޮމިޝަން، އެންޓި ކޮރަޕްޝަން ކޮމިޝަން، ޖުޑީޝަލް ސަރވިސް ކޮމިޝަން، އަދި ޕްރޮސިކިއުޓަރ ޖެނެރަލް ހިމެނެއެވެ.

މިނޫންވެސް އެތައް ކަމަކާއި ރޮނގުތަކާއި ގޮތްތަކާއި ސަބަބުތަކަށް ބަލާއިރުވެސް މި ޤާނޫނުއަސާސީއަކީ ވަރަށް ފުރިހަމަ ޤާނޫނުއަސާސީއެކެކެވެ.

ޤާނޫނުއަސާސީއަކީ ޤައުމުގެ އެންމެމަތީ ޤާނޫނެވެ. ޤައުމުގެ އަސާސްތައް ކަނޑައަޅައިދޭ ދުސްތޫރެވެ. ހަމަ އެހެންމެ، ހުރިހާ ޤާނޫނުތަކެއް އަދި އުޞޫލުތަކެއް ވެސް އެ ޤާނޫނާ ތައާރަޒުވެގެން ނުވާނެ ޤާނޫނުވެސް މެއެވެ. އެހެންކަމުން ޤާނޫނުއަސާސީއަކީ އެހެން ޤާނޫނުތަކާ ޚިލާފު އެ ޤާނޫނު ތަކުގެ މަތީ ޤާނޫނެކެވެ. އެހެން ޤާނޫނުތަކަކީ އޭގެ ދަށުގައިވާ ޤާނޫނުތަކެކެވެ.

ތާރީޚީ ގޮތުން ޤާނޫނުއަސާސީތަކަށް ބަލައިލުން

22ޑިސެމްބަރ 1932 ގައި ރާއްޖޭގައި ޤާނޫނުއަސާސީއެއްގެ ދަށުން ވެރިކަން ހިނގަންފެށިތާ މިވީ 94 ވަރަކަށް އަހަރަށް ބަލާއިރު ރާއްޖެ ތަޖުރިބާ ކުރި ނިޒާމުތައް ނުވަތަ ދިވެހި ދައުލަތް ހިނގިގޮތަށް ބަލާއިރު ފާހަގަ ކުރެވޭ ޚާއްޞަ ބައެއް ކަންތައްތަކެއް ވެއެވެ. އެގޮތުން ފުރަތަމަ 22 ޑިސެމްބަރު 1932ގައި ހިނގަން ފެށި ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގައިވާ ގޮތުން ދައުލަތް ހިންގުމުގެ މަސްއޫލިއްޔަތު އުފުލާ ތިން މަޖިލީސް ހިމެނެއެވެ. އެއީ ވަޒީރުންގެ މަޖިލީސް، ޤާނޫނު ހަދާ މަޖިލީސް، އަދި ރައްޔިތުންގެ މަޖިލީހެވެ. އެ ޤާނޫނުއަސާސީގައިވާ ގޮތުން ދައުލަތުގެ އެންމެހައި ކަންތައްތައް ހިންގުމާއި، އެކަމުގެ ޒިންމާދާރީކަން އުފުއްލާ މަޖިލީހަކީ ވަޒީރުންގެ މަޖިލީހެވެ. ކީރިތިމަހާރަދުން، ވަޒީރުލް އައުޒަމް (ބޮޑުވަޒީރު) އިޚްތިޔާރު ކުރައްވާނީ ޤާނޫނުހަދާ މަޖިލީހުގެ މަޝްވަރާއާ ލައިގެން އެ މަޖިލީހުގެ މެންބަރުންގެ ތެރެއިންކަން ބަޔާންކުރެވިގެންވެއެވެ. އޭގެ ފަހުގައި ވަޒީރުން އިޚްތިޔާރު ކުރައްވާނީ ރަދުންގެ އަމުރުފުޅާލައިގެން ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ތެރެއިން ވަޒީރުލްއައުޒަމް ކަން ބަޔާންކުރެވިގެންވެއެވެ. މިއިން އެނގެނީ ބޮޑުވަޒީރާއި ކޮންމެ ވަޒީރަކީވެސް ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއްކަމެވެ. އެހެންކަމުން މިއީ ބަރުލަމާނީ ނިޒާމާއި (ޕާލަމެންޓްރީސިސްޓަމާއި) ވައްތަރު ގޮތެއްކަމަށް ބެލެވެއެވެ.

ފުރަތަމަ ޤާނޫނުއަސާސީއަށް (1932 ގެ ޤާނޫނުއަސާސީއަށް) ބަލާއިރު ޤާނޫނު ހަދާ މަޖިލީހާއި ރައްޔިތުންގެ މަޖިލީހަކީ، ވަކި ދެ މަޖިލީހެކެވެ.

ފުރަތަމަ ޤާނޫނުއަސާސީއަށް ގެނެވިފައިވާ އިޞްލާޙުތަކަށް ބަލާއިރު ޤާނޫނު ހަދާ މަޖިލީހާއި ރައްޔިތުންގެ މަޖިލީސް އެއް މަޖިލީހަކަށް ވެ، ނަމަކީ ރައްޔިތުންގެ މަޖިލީސް ކަމުގައިވުމާއެކު ދައުލަތް ހިންގުމުގެ މަސްއޫލިއްޔަތު އުފުލާނީ ދެ މަޖިލީހުން ކަމުގައި ވެގެންދިޔައެވެ. އެއީ ރައްޔިތުންގެ މަޖިލީހާއި ވަޒީރުންގެ މަޖިލީހެވެ.

ބަރުލަމާނީ ނިޒާމުގައި ހިމެނޭގޮތުން ބޮޑުވަޒީރާއި ހުރިހާ ވަޒީރުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންކަމުގައި ހިމެނިފައިވާކަން، ފުރަތަމަ ޤާނޫނުއަސާސީއަށް ގެނެވިފައިވާ އިޞްލާޙުތަކުގައިވެސް ފާހަގަ ކުރެވިފައިވެއެވެ.

22 ޑިސެމްބަރ 1932ގައި ރާއްޖޭގައި ޤާނޫނުއަސާސީއެއްގެ ދަށުން ވެރިކަން ހިނގަން ފެށުނީ އެ ޤާނޫނުއަސާސީގައި ވެސް ވާ ފަދައިން ' ދިވެހިރާއްޖޭގައި އެކުވެރިކަން ކުރިއަރުވައި، ރައްޔިތުންގެ އެންމެންގެ މައްޗަށް ޢަދުލުއިންޞާފުގައި އެއްގޮތްވާގޮތުގެމަތިން ވެރިކަން ހިންގުމަށާއި، ވެރިކަން ހިންގުމުގެ ތެރޭގައި އެމީހުންގެ އެންމެން އެކުލެވި ޝާމިލްވެގެން ތިބުމަށާއި، އެމީހުންނަށް މިނިވަންކަން ލިބި އަމާންކަމުގައި އުޅުމަށް ރުއްސަވައިގެން، ރާއްޖޭގެ އެންމެންނަށް އުފާވެރިކަމާއި ޞުލްޙަމަސަލަސްކަން ލިބޭނެ ގޮތުންނާއި، އަދި މީގެ ފަހަށް މިތަޚްތަށް (އެބަހީ ރާއްޖޭގެ ރަސްކަމުގެ ތަޚުތަށް) އިސްވާނޭ ރަސްރަސްކަލުންނާއި، ރާއްޖޭގެ މީހުންނަށް ވެސް ކަންތައްތައް ލުއިފަސޭހަ ވާނޭ ގޮތްމަތިން'' އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3ވަނަ) އެ ޤާނޫނުއަސާސީ ރާއްޖޭގެ މައްޗަށް ޤަބޫލް ކުރައްވައި ތަޞްދީޤުކުރައްވައި، އެމައްޗަށް ދައުލަތް ހިންގެވުމަށް އަމުރުކުރައްވައިގެންނެވެ. (މިކަން އެ ޤާނޫނުއަސާސީ ފެށޭ ތާނގައި ބަޔާންވެގެންވެއެވެ.)

މިއީ ޤައުމެއްގައި އެންމެ ފުރަތަމަ ޤާނޫނުއަސާސީއެއް ހިންގާއިރު ރަދުން ޢަމަލު ކުރައްވަން ރަނގަޅު ގޮތެއްކަމަށް ޤަބޫލު ކުރަން ޖެހެއެވެ. ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީއަށް 5 ޖުލައި 1943ގައި ގެނެވުނު ފުރަތަމަ އިޞްލާޙުވެސް އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން ތަޞްދީޤު ކުރެއްވިއެވެ.

ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީއަށް ދެވަނަ ފަހަރަށް ގެނެވުނު އިޞްލާޙު ތަޞްދީޤު ކުރެއްވީ އޭރުގެ ރަދުން އައްސުލްޠާން ޙަސަން ނޫރުއްދީނު (2ވަނަ) އެވެ. އެ ޤާނޫނުއަސާސީ، ރާއްޖޭގެ މައްޗަށް ޤަބޫލު ކުރައްވައި އެ މައްޗަށް ދައުލަތް ހިންގުމަށް އަމުރުކުރެއްވީވެސް އެ ޤާނޫނުއަސާސީގައި ވާ ފަދައިން އެރަދުންނެވެ. މިކަން އެޤާނޫނުއަސާސީ ފެށޭތާނގައި ބަޔާންވެގެންވެއެވެ.

އެއަށް ފަހު ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ދިވެހި ގައުމު ''ކުއްލި ނުރައްކަލުގެ ޙާލަތުގައި ވާތީ'' 31 ޖެނުއަރީ 1940ގައި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ މަޖިލީހުގެ ޖަލްސާއަކުން ފާސްވީ ''މިރާއްޖޭގެ ޙާލަތާ އެކަށީގެން ނުވާތީ ޤާނޫނުއަސާސީއާ އަޙުކާމުއާންމާނެތުން'' މިގޮތަށެވެ. މިހެންވެ ދުވަސްތަކަކަށްފަހު 23 އޭޕްރީލް 1942 ގައި އާ ޤާނޫނުއަސާސީއެއް (ރާއްޖޭގެ ދެވަނަ ޤާނޫނުއަސާސީއަށް) ޢަމަލުކުރަން ފެށުނެވެ.

އާދަޔާ ޚިލާފު މިޤާނޫނު އަސާސީއަކީ މަޝްހޫރު ''ކުޑަ ޤާނޫނުއަސާސީ''އެވެ. އެ ޤާނޫނުއަސާސީގައިވާ ގޮތުން ދައުލަތުގެ އެންމެ މަތީ ވެރިކަން ވަނީ ޝަރަފުވެރި ވެރީންގެ ގޮތުގައި ދެބޭފުޅަކަށެވެ. އެއީ ރަދުންނާއި ބޮޑުވަޒީރެވެ. ސަރުކާރުގެ ވެރިޔަކީ (ހެޑްއޮފް ގަވަރްންމަންޓް) ބާރުގަދަ ވަޒީރުއްދާޚިލިއްޔާ އެވެ.

އޭރު ވަޒީރުއްދާޚިލިއްޔާއަކީ އަލްއަމީރު ޙަސަން ފަރީދެވެ. އެ ޤާނޫނުއަސާސީ ނުވަތަ ރާއްޖޭގެ ދެވަނަ ޤާނޫނުއަސާސީ ތަޞްދީޤު ކުރެއްވީ އެ ޤާނޫނުއަސާސީގައިވާ ގޮތުން ދައުލަތުގެ އެންމެ މަތީ ވެރީން ކަމުގައިވާ ރަދުން އައްސުލްޠާން ޙަސަން ނޫރުއްދީނު، އަދި ބޮޑުވަޒީރު އަލްއަމީރު މުޙައްމަދުފަރީދެވެ. މި ދެބޭފުޅުންގެ ނަންފުޅު އެ ޤާނޫނުއަސާސީ ނިމޭތާނގައި ބަޔާންވެގެންވެއެވެ.

ރާއްޖޭގެ ދެވަނަ ޤާނޫނުއަސާސީއަށް 13 މެއި1951ގައި ގެނެވުނު ފުރަތަމަ އިޞްލާޙު ތަޞްދީޤު ކުރެއްވީ އޭރު ރަސްކަލަކު ނެތުމާއެކު ރަދުންގެ ބަދަލުގައި ދައުލަތުގެ އެންމެ މަތީ ވެރިކަން ބަލަހައްޓަވަމުން ގެންދެވި ވަލީ ކޮމެޓީގެ ފަރާތުން އެ ކޮމެޓީގެ ރައީސް އަލްއަމީރު މުޙައްމަދު އަމީނާއި، އެ ކޮމެޓީގެ މެންބަރު ޢަބްދުﷲ ފަހުމީދީދީ އެވެ. މި ދެބޭފުޅުންގެ ނަންފުޅު އެ ޤާނޫނުއަސާސީ ނިމޭތާނގައި ބަޔާންވެގެންވެއެވެ.

ރާއްޖޭގެ ތިންވަނަ ޤާނޫނުއަސާސީއަކީ ރާއްޖޭގެ ވެރިކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލުވެގެން އައި ޤާނޫނުއަސާސީއެވެ. މި ޤާނޫނުއަސާސީގެ ފެށުމުގައި ވެއެވެ. ''ދިވެހިރާއްޖެއަށް ޓަކައި އެކަށައަޅާފައިވާ ޤާނޫނުއަސާސީ ބަދަލުކޮށް، އެހެން ޤާނޫނުއަސާސީއެއް އެކަށައެޅުމަށް ޤާނޫނީ ހަމަތަކުގެ މަތީން، ދިވެހި ރައްޔިތުން ޤަޞްދުކޮށްފޫއެވެ. ނެގުނު އާންމު ވޯޓެއްގެ ނަތީޖާއެއް ކަމުގައިވީ، އެ ޖުމްހޫރިއްޔާގެ ފުރަތަމަ ''ވަލިއްޔުލްއަމްރު''އަކު ކަމުގައި އަލްއަމީރު މުޙައްމަދު އަމީނު ބިންއަލް އަމީރު އަޙްމަދު ދޮށިމޭނާ ކިލެގެފާނު، ހުރެގެން، ދިވެހި ރަސްކަން ޖުމްހޫރިއްޔަތަކަށް އަނބުރާލުމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ރައްޔިތުން ޤާނޫނީ ހަމަތަކުގެ މަތީން ޤަޞްދުކުރަނީ، މި ޤާނޫނުއަސާސީ ދިވެހިރާއްޖެއަށް ލިބިގަތުމަށެވެ.''

ފުރަތަމަ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އެ ޖުމްހޫރިއްޔާގެ ވެރިޔާ ވަލިއްޔުލްއަމްރު މުޙައްމަދު އަމީނު ތަޞްދީޤުކުރެއްވީ ވެސް އަދި ޢަމަލުކުރަން ފެށުނީވެސް އެ ޖުމްހޫރިއްޔާ ފެށުނު ދުވަސްކަމަށްވާ، 1 ޖެނުއަރީ 1953ގައެވެ. ހަތްމަހާ ވިހިދުވަސް ވީތަނާ އޮގަސްޓް 21، 1953ގައި ޖުމްހޫރިއްޔާ އިންޤިލާބުކޮށްލެވި އެ ޤާނޫނުއަސާސީވެސް އުވިގެން ހިނގައްޖެއެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީގެ ބަނޑޭރިގަނޑު 22 ޑިސެންބަރު 1932 ---

ފުރަތަމަ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަކީ، ޖުމްހޫރިއްޔާއެއްގެ ނަމުގައި އޮތަސް މިހާ ތަނަށް ރާއްޖޭގައި ހިންގުނު އެންމެ ޚުދުމުޚްތާރު ބާރުތަކެއް އެކަކަށް ލިބިފައިވީ، ޤާނޫނުއަސާސީކަން އެ ޤާނޫނުއަސާސީ ބަލައިލުމުން ދޭހަވެއެވެ. އެއީ ރައްޔިތުންގެ ޙައްޤުތައް ނުހިމެނޭ ހަމައެކަނި ޤާނޫނުއަސާސީވެސް މެއެވެ.

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ގޮތުގައި 1 ޖެނުއަރީ 1953 އިން 21 އޮގަސްޓް 1953 އަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ތިންވަނަ ޤާނޫނުއަސާސީގެ ދަށުން ދިވެހި ދައުލަތުގެ ނިޒާމަކީ، ރިޔާސީ ނިޒާމާއި (ޕްރެޒިޑެންޝަލް ސިސްޓަމާއި) ކޮންމެވެސް ވަރަކަށް ވައްތަރު ގޮތެއްކަންވެސް ފާހަގަ ކުރެވެއެވެ.

އޭގެ ފަހުން ރާއްޖޭގެ ހަތަރުވަނަ ޤާނޫނުއަސާސީގެ ދަށުން 7 މާރޗް 1954 ގައި ރަސްކަމެއް ފެށުނެވެ. ހަތަރުވަނަ ގާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުނީ ވެސް އެދުވަހުއެވެ.

އެ ޤާނޫނުއަސާސީގައިވާ ގޮތުން ދިވެހިރާއްޖޭގެ ވެރިކަމަކީ، އިންތިޚާބީ ރަސްކަމެކެވެ. ހަތަރުވަނަ ޤާނޫނުއަސާސީގެ ދަށުން 7 މާރޗް 1954ގައި ފެށުނު ރަސްކަމުގައި ދިވެހި ދައުލަތުގެ ނިޒާމަކީ، ބަރުލަމާނީ ނިޒާމާއި (ޕާލަމެންޓްރީ ސިސްޓަމާއި) ވައްތަރު ނިޒާމެއްކަން ފާހަގަކުރެވެއެވެ.

ދައުލަތުގެ ބާރުތައް، ޤާނޫނު ހެދުމުގެ ބާރު، ވެރިކަން ހިންގުމުގެ ބާރު، އަދި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރު، އެންމެ ފުރިހަމަގޮތެއްގައި، މަސްއޫލިއްޔަތު އުފުލާ މިނިވަން މުސްތަޤިއްލު ގޮތެއްގައި ހިނގަމުންދިޔަ، ރާއްޖޭގައި ޑިމޮކްރަސީއެއް އެ ދުވަސްވަރާ ގުޅޭގޮތުން ހިންގިފައިވާ ކަމުގެ ނަމޫނާއެއް ކަމުގައި ހިމެނުނު ޤާނޫނުއަސާސީއަކީ ވެސް ހަތަރުވަނަ ޤާނޫނުއަސާސީއެވެ. އަދި ރާއްޖޭގައި މިހާތަނަށް ހިންގުނު އެންމެ ފުރިހަމަ ޤާނޫނުއަސާސީއަކީ ވެސް އެ ޤާނޫނުއަސާސީކަމާއި، ޑިމޮކްރެޓިކް މުއައްސަސާތައް އެ ޤާނޫނުއަސާސީގައި ވަނީ ވަރަށް ފުރިހަމަގޮތެއްގައިކަން ފާހަގަކުރަން ޖެހެއެވެ.

''ރައްޔިތުންގެ ޚާއްސަ މަޖިލީހުން ފާސްކުޅަ ޤާނޫނުއަސާސީ، އަހުރެން ބަލައި ތަޞްދީޤުކޮށް މި ޤާނޫނުއަސާސީ ދިވެހިރާއްޖޭގައި ހިންގުމަށް ވަޒީރުލްއައުޒަމަށް އަމުރުކޮށްފީމެވެ.'' ދިވެހިރާއްޖޭގެ ރަދުން އައްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލުގެ ނަންފުޅުގައި، އެ ޤާނޫނުއަސާސީ ނިމޭތާނގައިވާ، އެ ޤާނޫނުއަސާސީ ތަޞްދީޤު ކުރެއްވިކަން ހާމަކޮށްދޭ ލިޔުމުގައި ވެއެވެ.

ރާއްޖޭގެ ހަތަރުވަނަ ޤާނޫނުއަސާސީއަށް ގެނެވުނު ފުރަތަމަ އިޞްލާޙުގެ ދަށުން ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުނީ 4 ޖޫން 1964ގައެވެ. ދިވެހިރާއްޖޭގެ ރަދުން އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލުގެ ނަންފުޅުގައި، އެ ޤާނޫނުއަސާސީ ތަޞްދީޤު ކުރެއްވިކަން ހާމަކޮށްދޭ ލިޔުމެއް އެ ޤާނޫނުއަސާސީ ނިމޭތާނގައިވެއެވެ. އަދި ރާއްޖޭގެ ހަތަރުވަނަ ޤާނޫނުއަސާސީއަށް ގެނެވުނު ދެވަނަ އިޞްލާޙުގެ ދަށުން އެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުނީ 10 ޖުލައި 1967ގައެވެ. ދިވެހިރާއްޖޭގެ ރަދުން ޖަލާލަތުލް މަލިކު މުޙައްމަދު ފަރީދުލް އައްވަލު، އެ ޤާނޫނުއަސާސީ ތަޞްދީޤު ކުރެއްވިކަން ހާމަކޮށްދޭ ލިޔުމެއް މި ޤާނޫނުއަސާސީގެ ވެސް ނިމޭތަނގައި ވެއެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ރާއްޖޭގެ ފަސްވަނަ ގާނޫނުއަސާސީއަކީ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާގެ ރިޔާސަތުގެދަށުން ރާއްޖޭގެ ވެރިކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލުވެގެން އައި، ނުވަތަ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއެވެ.

11 ނޮވެމްބަރ 1968ގައި އަމަލުކުރަން ފެށުނު، ރާއްޖޭގެ ފަސްވަނަ ޤާނޫނުއަސާސީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާޞިރު ތަޞްދީޤުކުރެއްވިކަމުގެ ލިޔުމެއް ނެތެވެ. އަދި މި ގާނޫނުއަސާސީއަށް، ފުރަތަމައަށް ގެނެވުނު އިޞްލާޙުތަކަށް 26 އޭޕްރީލް 1970 ގައި ޢަމަލުކުރަން ފެށުނެވެ. އަދި ދެވަނަ ފަހަރަށް މި ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙުތަކާއެކު، ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުނީ 1 އޮގަސްޓް 1972ގައެވެ. ތިންވަނަ ފަހަރަށް މި ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙުތަކާއެކު، ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުނީ 21 އޭޕްރީލް 1975ގައެވެ. މިއިން އެއްވެސް ފަހަރެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާޞިރު ގާނޫނުއަސާސީ ތަޞްދީޤުކުރައްވިކަމުގެ ލިޔުމެއް ނެތެވެ. އަދި ޤާނޫނުއަސާސީގައި ޤާނޫނުއަސާސީއަކީ، ތަޞްދީޤު ކުރަން ޖެހޭނެ ޤާނޫނެއްކަން އޭރުގެ ޤާނޫނުއަސާސީގައި ބަޔާންކުރެވިގެން ނުވެސްވޭ މެއެވެ.

ރާއްޖޭގެ ފަސްވަނަ ގާނޫނުއަސާސީގެ ދަށުން، ނޮވެމްބަރު 11، 1968ގައި ދެވަނަ ޖުމްހޫރިއްޔާ ފެށުމާއެކު، ދިވެހި ދައުލަތުގެ ނިޒާމަކީ، ރިޔާސީ ނިޒާމަކާ (ޕްރެޒިޑެންޝަލް ސިސްޓަމަކާ) ކޮންމެވެސް ވަރަކަށް ވައްތަރުގޮތެއްްކަންވެސް ފާހަގަ ކުރެވެއެވެ. އެހެންނަމަވެސް ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ބާރުތައް ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކުގެ ތެރޭގައި ހިމެނި އެކަކަށް (ރައީސުލްޖުމްހޫރިއްޔާއަށް) ބާރު ލިބިފައިވާ ޚުދުމުޚްތާރު ނިޒާމަކަށް ދައުލަތް ހިންގަން ފެށުނެވެ. އެދުވަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ފުރުއްވަން ފެށްޓެވީ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނު ނިޝާން ޣާޒީ އިއްޒަތްތެރިވެރިޔާ އެވެ. ދައުލަތުގެ އެންމެ މަތީ ވެރިޔަކީ އަދި ސަރުކާރުގެ ވެރިޔަކީ، އަދި ޢަދުލުއިންސާފު ޤާއިމުކުރުމުގެބާރަށް ނުފޫޒު ފޯރުވޭ ވެރިޔަކީ، ރައީސުލްޖުމްހޫރިއްޔާކަމުގައި ވިއެވެ. މިއީ ކުރިން އެކަކަށް ލިބިފައިވާ ބާރުތަކެއް ނޫނެވެ. މިހެންނަމަވެސް ނާޞިރުގެ ރައީސްކަމުގައި 4 އަހަރުވެސް ނުވަނީސް މިއުޞޫލަށް ބަދަލު އައެވެ. 1 އޮގަސްޓް 1972ގައި ޢަމަލުކުރަން ފެށުނު ޤާނޫނުއަސާސީގެ އިޞްލާޙާއެކު (ރާއްޖޭގެ ފަސްވަނަ ޤާނޫނުއަސާސީގެ ދެވަނަ އިޞްލާޙާއެކު) ބޮޑުވަޒީރެއްގެ މަޤާމު އުފެދުނެވެ. ދައުލަތުގެ އެންމެމަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާކަމަށާއި، ސަރުކާރުގެ ވެރިޔަކީ ބޮޑުވަޒީރުކަމުގައި ޤާނޫނުއަސާސީގައި ވެއެވެ.

ބޮޑުވަޒީރަކަށް ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޚިޔާރުކުރެއްވި ބޭފުޅަކަށް ވެވަޑައިގަތީ، އަޙުމަދު ޒަކީ އެވެ. އެހެންކަމުން 1 އޮގަސްޓް 1972ގައި ޢަމަލުކުރަން ފެށުނު ޤާނޫނުއަސާސީގެ އިޞްލާޙާ އެކު ދިވެހި ދައުލަތުގެ ނިޒާމަކީ، ރިޔާސީ ބަރުލަމާނީ ނިޒާމާއި (ސެމީ ޕްރެޒިޑެންޝަލް ސިސްޓަމާއި) ވައްތަރުވާ ގޮތެއްކަމުގައި ހަމަޖެހުނީއެވެ.

ޤާނޫނުއަސާސީ ތަސްދީގުކުރެއްވުމުގެ ދަރުބާރުގެ ތެރެއިން ... 7 އޮގަސްޓު 2008 ---

އެހެންނަމަވެސް މިއާ ނިޒާމު 3 އަހަރުވެސް ނުވަނީސް 21 އޭޕްރީލް، 1975 ގައި ޢަމަލުކުރަން ފެށުނު ޤާނޫނުއަސާސީގެ އިޞްލާޙާއެކު (ރާއްޖޭގެ ފަސްވަނަ ޤާނޫނުއަސާސީގެ ތިންވަނަ އިޞްލާޙާއެކު) އުވިގެން ހިނގައްޖެއެވެ. ބޮޑުވަޒީރެއްގެ މަޤާމު އެދުވަހުން ފެށިގެން ނެތުނީއެވެ. 21 އޭޕްރީލް 1975ގައި (ރާއްޖޭގެ ފަސްވަނަ ޤާނޫނުއަސާސީއަށް ތިންވަނަ ފަހަރަށް ގެނެވުނު އިޞްލާޙުތަކާއެކު) ޢަމަލުކުރަން ފެށުނު ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށްޓަކައި 29 ނޮވެމްބަރ 1980ގައި ރައްޔިތުންގެ ޚާއްޞަ މަޖިލީސް އެއްކުރެވުނެވެ. މި މަޖިލީހުން ޤާނޫނުއަސާސީ ހެދުމަށް ގާތްގަނޑަކަށް 17 އަހަރު ވޭތުވެގެން ދިއުމުން 21 އޭޕްރީލް 1975ގައި ޢަމަލުކުރަން ފެށުނު ޤާނޫނުއަސާސީ ވަނީ ރާއްޖޭގެ ތާރީޚުގައި ބަދަލެއްނެތި އެންމެ ގިނަދުވަހު ހިންގުނު ޤާނޫނުއަސާސީކަމުގައެވެ. އަދި 29 ނޮވެމްބަރު 1980ގައި އެއްކުރެވުނު ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ޤާނޫނުއަސާސީގެ މަސައްކަތް ނިންމީ 1997ވަނަ އަހަރުކަމަށް ވާތީ އެ ޚާއްޞަ މަޖިލީސް ވެސް ވަނީ އެންމެ ގިނަދުވަހު ދެމިއޮތް ޚާއްޞަ މަޖިލީސް ކަމުގައިވެފައެވެ. އެ ޤާނޫނުއަސާސީ 27 ރަޖަބް 1418، 27 ނޮވެމްބަރ 1997ގައި މާލޭގައި ބޭއްވުނު ބޮޑު ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމް ތަޞްދީޤުކުރެއްވިއެވެ.

ޤާނޫނުއަސާސީ ތަސްދީގުކުރެއްވުމުގެ ދަރުބާރުގެ ތެރެއިން ... 7 އޮގަސްޓު 2008 ---

މިގާނޫނުއަސާސީގެ 154 ވަނަ މާއްދާ ބުނަނީ، ''މިގާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާނީ، ރައްޔިތުންގެ ޚާއްސަ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރުމަށްފަހު، މި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައި އިޢްލާނު ކުރާ ދުވަހުން ފެށިގެންނެވެ.''

ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައި އިޢްލާންކުރެއްވީ މި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށޭނީ 1 ޖެނުއަރީ 1998ގައި ކަމަށެވެ. މި ގާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާއެކު، 11 ނޮވެމްބަރު 1968ގައި ޢަމަލުކުރަން ފެށިފައިވާ ''ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އުވުނީއެވެ.'' މި ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގައި ވެއެވެ. މިއާއެކު ގިނަ ސުވާލުތަކެއް އުފެދެއެވެ. އެއީ އެ ޤާނޫނުއަސާސީ ހެދުމަށް ރައްޔިތުންގެ މަޖިލީހުން، ޑިސެމްބަރު 31، 1978ގައި ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވި ޤާނޫނު ނަމްބަރު އެކެއް އޮބްލިކް ހަތްދިހަ ނުވައެއް (ގާނޫނުއަސާސީ އިޞްލާޙުކުރުމުގެ ޤާނޫނު) ގައި އޮތީ 21 އޭޕްރީލް 1975ގައި ޢަމަލުކުރަން ފެށިފައިވާ ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ ވާހަކައެވެ.

ޤާނޫނުއަސާސީ ތަސްދީގުކުރެއްވުމުގެ ދަރުބާރުގެ ތެރެއިން ... 7 އޮގަސްޓު 2008 ---

ރާއްޖޭގެ ޤާނޫނުއަސާސީތަކަށް ނަޒަރުހިންގާލާއިރު ފެންނަން އޮތް ޙަޤީޤަތަކީ، މިހާރުގެ ޤާނޫނޫއަސާސީގެ ކުރިން، ޖުމްހޫރީ ވެރިކަމުގެ ނަމުގައި ނުވަތަ ގޮތުގައި ހިނގަމުން ދިޔަ ވެރިކަންތަކަށްވުރެ ރަސްކަމުގެ ނަމުގައި ހިނގަމުންދިޔަ ވެރިކަންތަކުގައި ދައުލަތުގެ ޑިމޮކްރަޓިކް ބައެއް މުއައްސަސާތަކާއި، ޢަދުލްއިންޞާފު ޤާއިމްކުރުން އޮތީ މިނިވަން މުސްތަޤިއްލުގޮތެއްގައިކަމެވެ.

އެޑިޓަރުގެ ނޯޓު:

މުޙައްމަދު ޝާޠިރު އިންފޮމޭޝަންގެ ދާއިރާތަކާއި ލިޔުންތެރިކަމުގެ ދާއިރާގައި، ގައުމީ ފެންވަރުގައި މަސައްކަތްކުރާތާ މިހާރު 35 އަހަރުވެއްޖެއެވެ. އުމުރުން 20 އަހަރު ނުވަނީސް ގައުމީ ތާރީޚީ ލިޔުންތައް ނޫސްމަޖައްލާތަކުގައި ލިޔެ، ރޭޑިއޯޓީވީތަކުގައި މައުލޫމާތުދީ، 1990 ގެ އަހަރުތަކުގައި އެންމެ ޒުވާން މުއައްރިޚުގެ ގޮތުގައި މަގުބޫލުވެ، މަޝްހޫރުވިއެވެ. މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ނޫހުގައި15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު، ދައުލަތުގެ ލިޔެކިޔުންތަކާއި ގައުމުގެ ރެކޯޑްސްގެ ގާނޫނީ އެންމެ އިސް މަގާމު، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް ކަމުގެ މަގާމު އެންމެ ފުރަތަމައަށް އަދާކޮށްފައިވެއެވެ. މިގޮތުން 7 އަހަރު އެ މަގާމު އަދާކުރިއެވެ. އަދި 5 މިނިސްޓްރީގައި (ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ފިނޭންްސް އެންޑް ޓްރެޒަރީ، އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ކޮމިއުނިކޭޝަން ސަައިންްސް އެންޑް ޓެކްނޯލޮޖީ، އެންވަޔަރަންމަންޓް ސައިންސް އެންޑް ޓެކްނޯލޮޖީ ގައި) ޑެޕިއުޓީ މިނިސްޓަރުކަން 12 އަހަރު އަދާކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު ވަނީ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.