ގދ. ގައްދޫގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ޕާސްޕޯޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، ގައްދޫގައި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް މޯލްޑިވްސް އިމިގްރޭޝަނުން ރަސްމީކޮށް ފަށައިފިއެވެ.

މި ހިދުމަތް ގައްދޫގައި ފެށުމާއެކު، އެ ރަށާއި ކައިރި ރަށްރަށުގެ ރައްޔިތުން ޕާސްޕޯޓު ހެދުމަށާއި ޕާސްޕޯޓާ ގުޅޭ އެހެނިހެން ހިދުމަތްތައް ހޯދުމަށް މާލެއަށް ނުވަތަ އަތޮޅު ވެރިކަން ކުރާ ރަށަށް ކުރަންޖެހޭ ދަތުރުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަދި މިއީ އާންމުންގެ އަތުން ދަތުރުފަތުރަށް ހިނގާ ހަރަދާއި ހޭދަވާ ވަގުތު ސަލާމަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅަކަށް ވެގެންދާނެއެވެ.

އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ގައްދޫން ޕާސްޕޯޓަށް އެދި ހުށަހެޅުމާއި ޕާސްޕޯޓު ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނީ އިމުގާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅުމަށްފަހު، ތައްޔާރުވާ ޕާސްޕޯޓު އެ ރަށުން ނެގޭނެ އިންތިޒާމު ހަމަޖެހޭނެއެވެ. މިގޮތުން ޕާސްޕޯޓު ނެގުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ކައުންސިލް އިދާރާއާ ގުޅިގެންނެވެ.

މި ބަދަލަކީ ސަރުކާރުން އިމިގްރޭޝަންގެ ހިދުމަތްތައް ލާމަރުކަޒީކޮށް، އަތޮޅުތަކުގެ ރަށްރަށަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ނިންމި ނިންމުމެކެވެ. މީގެ ކުރިންވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕާސްޕޯޓުގެ ހިދުމަތް ދޭން ފަށާފައިވާ އިރު، އެ މުއައްސަސާގެ މަގުސަދަކީ ހުރިހާ ރައްޔިތުންނަށްވެސް ގާތުން އަވަސް ހިދުމަތެއް ފޯރުކޮށްދިނުމެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ކޮންމެވެސް އެއް ރަށަކުން ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ އިމިގްރޭޝަންގެ މައިގަނޑު އެއް އަމާޒެވެ. ހިދުމަތް ހޯދާ ފަރާތްތަކުގެ އަދަދަށް ބަލައި އިތުރު ރަށްރަށުގައިވެސް މި ހިދުމަތް ފުޅާކުރަމުން އަންނަ އިރު، ހުރިހާ އަތޮޅެއްގައި ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.