ލުބުނާނުގެ ދެކުނުގައި އޮންނަ ޒައުތަރު އަލް-ގަރްބިއްޔާއަށް އިސްރާއީލު ސިފައިން ރޭ ދަންވަރު ވަދެ، އެ ރަށުގައި ވެލީގެ ހުރަހެއް ހަދާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

އޭއެފްޕީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ލުބުނާނުގެ ނޭޝަނަލް ނިއުސް އޭޖެންސީ (އެންއެންއޭ) އާއި އެ ރަށުގެ މޭޔަރު ވަނީ މެންދަމުން އަލިވެ ކުޑައިރުކޮޅެއްގެ ތެރޭގައި އިސްރާއީލު ސިފައިން އެ ރަށަށް ވަދެފައިވާ ކަމަށް ބުނެފައެވެ. އަދި އިސްރާއީލު ސިފައިން އެ ރަށަށް ވަދެ، ވެލި ބޭނުންކޮށްގެން ބޮޑު ހުރަހެއް ހަދާފައިވާ ކަމަށް އެ ފަރާތްތަކާ ހަވާލާދީ އޭއެފްޕީން ބުނެފައިވެއެވެ.

ޒައުތަރު އަލް-ގަރްބިއްޔާއަކީ އެމެރިކާއިން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އެކުލަވާލާފައިވާ ފްރޭމްވޯކް އެއްބަސްވުމެއްގެ ދަށުން ކަނޑައަޅާފައިވާ "ޕައިލެޓް ޒޯން" ތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. މި އެއްބަސްވުމުގެ ދަށުން، އިސްރާއީލު ސިފައިން އެ ސަރަހައްދުން ފޭބުމަށް ފަހު، ސަލާމަތީ ކަންކަން ބެލެހެއްޓުމާ ހަވާލުވާނީ ލުބުނާނުގެ އަސްކަރިއްޔާއިންނެވެ. މީގެ ކުރިން ލުބުނާނުގެ އަސްކަރިއްޔާއިން ވަނީ އިސްރާއީލު ސިފައިން ފޭބުމާ ގުޅިގެން އެ ރަށުގައި ހަރަކާތްތެރިވާން ފަށައިފައެވެ. މި ޕައިލެޓް ޒޯން ޕްރޮގްރާމްގެ ދަށުން ޒައުތަރު އަލް-ގަރްބިއްޔާގެ އިތުރުން ފްރޫން އަދި ސްރީފާގައި ވެސް ލުބުނާނުގެ ސިފައިން ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ އިސްރާއީލު ސިފައިން ފޭބުމަށް ފަހު، ހިޒްބުﷲ އިން ހަތިޔާރު ބެހެއްޓުމުގެ ކަންކަން ކުރިއަށްދާ ގޮތް ބެލުމާއެކު، ލުބުނާނުގެ ސިފައިންނަށް އެ ސަރަހައްދުތަކުގެ ކޮންޓްރޯލް ނެގޭނެކަން ޔަގީންކުރުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާއާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޒައުތަރު އަލް-ގަރްބިއްޔާއަށް ސިފައިން ވަދެފައިވާ ކަމަށް ބުނާ މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.