ހދ. ހިރިމަރަދޫ މީހުންނަށް ހަނިމާދޫގައި ގެ އަޅައިދީ އެ ރަށަށް މީހުން ބަދަލުކުރުމުގެ މަސައްކަތް ލަސްވެ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ނުލިބި ވާނުވާގައި ތިބި ކަމަށް ބުނެ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދި އިދިކޮޅު އެމްޑީޕީން މިއަދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ހުށަހެޅުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވީ، ހިރިމަރަދޫ ރައްޔިތުންގެ ހާލަތު ބެލުމަށް އެ ކޮމިޓީން ފެކްޓް ފައިންޑިން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ރަށުގައި 300 އަށްވުރެ ގިނަ ރައްޔިތުން ދިރިއުޅެމުންދާ އިރު، ދައުލަތުން އެކަށީގެންވާ ބެލެނިވެރިކަމެއް ނުދިނުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނިޔާޒް ވިދާޅުވި ގޮތުގައި އެމްޑީޕީން އެދެނީ، ހިރިމަަރަދޫ މީހުންނަށް ހަނިމާދޫގައި ގެ އަޅައިދީ އެ ރަށަށް ބަދަލުކުރަން ސަރުކާރުން ބޭނުން ނުވާ ނަމަ، އެއީ ފަޅުރަށެއް ކަމަށް ކަނޑައެޅި ގަރާރު ބާތިލުކޮށް އެ ރަށުގައި އަލުން ކައުންސިލެއް ހަދައި އިންތިހާބު ބޭއްވުމަށް ކަމަށެވެ.

"އެގޮތަށް އެކަން ނުވާ ކަމަށް ވާނަމަ، ގަރާރުގައި (ހިރިމަރަދޫ) އަކީ ފަޅުރަށެއް ކަމަށް ކަނޑައަޅުއްވައި ރަައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ބުނެފައި އޮތް ގޮތަށް 18 މަސްދުވަހުުގެ ތެރޭގައި ހިރިމަރަދޫގެ ރައްޔިތުން ހަނިމާދުއަށް ގެންގޮސް އާބާދުކޮށް، އެ މީހުންނަށް ބޭނުންވާ 180 އަށް ވުރެ ގިނަ ހައުސިން ޔުނިޓްތައް ހަނިމާދޫގައި އަޅައިދިނުމަށާ އެމީހުން އެ ތަންތަނަށް ބަދަލުކުރުމަށް ގޮވާލަން،" ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ، ހިރިމަރަދޫ މީހުންނަށް ހަނިމާދޫން 18 މަސް ދުވަހުގެ ތެރޭގައި ހައުސިން ޔުނިޓު ނުދެވޭނެ ކަމަށާއި އެ ހައުސިން ޔުނިޓުތައް ހަދާ ބިންވެސް އަދި ސާފުނުކުރާ ކަމަށެވެ.

ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ބޭނުންވާ ހައުސިން ޔުނިޓުތައް ހަދަން ސަރުކާރުން ހަވާލުކޮށްފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި އެ އެއްބަސްވުމުގެ ދަށުން ހިރިމަރަދޫގެ ހުރިހާ ރައްޔިތުންނަށް ހުރިހާ ގޯތިތަކަށް، ގެއެއް އިމާރަތް ކުރާނެ ކަމަށެވެ. ހިރިމަރަދޫގައި އޮތީ ގާތްގަނޑަކަށް 154 ގޯތި ކަމަށާއި އެހެންކަމުން ހަނިމާދޫގައިވެސް އިމާރަތްކުރާނީ ގާތްގަނޑަކަށް 154 ވަރަކަށް ގެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.