އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ޕްރޮސްޓޭޓް ކެންސަރު ކަށިތަކަށް ފެތުރި، އެކަމުގެ ވޭން ވަރަށް ބޮޑަށް ތަހައްމަލުކުރައްވަމުން ގެންދަވާ ކަމަށް އެ މަނިކުފާނުގެ ދަރިކަލުން ހަންޓަރ ބައިޑަން ވިދާޅުވެއްޖެއެވެ.
ބީބީސީގެ “ނިއުސްނައިޓް” ޕްރޮގްރާމަށް ދިން އިންޓަވިއުއެއްގައި ހަންޓަރ ބައިޑަން ވިދަޅުވީ ގޮތުގައި، އުމުރުފުޅުން 83 އަހަރުގެ ޖޯ ބައިޑަންގެ ހާލަތު ދަށް ވެ، ކެންސަރު ވަނީ ކަށިތަކަށާއި ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ފެތުރިފައި ކަމަށެވެ. މިއީ ވަރަށް ވޭންދެނިވި އަދި ބަލިކަށިކޮށްލާ ފަދަ ހާލަތެއް ކަމަށް ވިދާޅުވިއެވެ.
“ކެންސަރު ވަނީ ފެތުރިފައި. ކަށިތަކަށާއި އެހެން ތަންތަނަށް ވެސް ފެތުރިފައިވޭ. މިއީ ވަރަށް ވޭންހުރި އަދި ގިނަ ގޮތްގޮތުން މީހާ ބަލިކަށިކޮށްލާ ކަމެއް،” ބައްޕަގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ހަންޓަރ ބައިޑަން ވިދާޅުވިއެވެ.
މީގެ އިތުރުން، ބައްޕަގެ މި ހާލަތަކީ އާއިލާއަށް ވަރަށް ހިތާމަވެރި ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ
ކެންސަރު ފެތުރިފައިވާ މިންވަރާއި މިހާރުގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ބައިޑަންގެ ރަސްމީ މެޑިކަލް ޓީމުން ނުވަތަ އޮފީހުން ފަހުގެ އެއްވެސް މައުލޫމާތެއް އަދި އާންމުކޮށްފައެއް ނުވެއެވެ. އެހެންކަމުން، ބަލީގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން އާންމުވެފައިވަނީ ހަމައެކަނި ހަންޓަރ ބައިޑަން ދެއްވި މައުލޫމާތެވެ.
ބައިޑަންއަށް ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވާކަން އެމަނިކުފާނުގެ އޮފީހުން އެންމެ ފުރަތަމަ އިއުލާންކުރީ 2025 ވަނަ އަހަރުގެ މެއި މަހުއެވެ. އެއީ ބައިޑެން ރައީސްކަމުގެ މަގާމުން ވަކިވެވަޑައިގަތްތާ ހަތަރު މަސް ފަހުންނެވެ. އޭގެ ފަހުން ބައިޑެން ވަނީ ރޭޑިއޭޝަން އަދި ހޯމޯން ތެރަޕީގެ ފަރުވާ ހޯއްދަވައިފައެވެ. ސިއްހީ ހާލަތު ގޯސްވުމާއި އުމުރުފުޅުން ދުވަސްވެފައިވުމަކީ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވަން ބައިޑަން ނިންމެވި މައިގަނޑު އެއް ސަބަބެވެ.
މިހާރު އާންމުކޮށް ނުފެނުނު ނަމަވެސް، ބައިޑަން އަދިވެސް ގައުމާ މެދު ވިސްނަވާ ކަމަށާއި، މުހިންމު ކަންކަމުގައި ބަސްވިދާޅުވަމުން ގެންދަވާ ކަމަށް ހަންޓަރ ބައިޑަންގެ އިންޓަވިއުގައި ފާހަގަކުރައްވާފައިވެއެވެ.
ޖޯ ބައިޑެން
ޖޯ ބައިޑެން
ޖޯ ބައިޑެން
ޖޯ ބައިޑެން
ކޮމެންޓް