ޕީއެސްއެމް ކުޅިވަރު ޓީމުގެ ކުޅަދާނަ ނޫސްވެރިޔާ ސާއިދު އަހުމަދު ހާލު ވަރަށް ބޮޑަށް ދެރަވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

ސާއިދަކީ ދެ ކިޑްނީވެސް ފެއިލްވެގެން ފަރުވާ ހޯދަމުން އަންނަ ފަރާތެކެވެ.

އެނގިފައިވާ ގޮތުގައި ސާއިދުގެ ހާލު ދެރަވީ އާދައިގެ މަތިން ޑައިލިސިސް ހަދަން ހޮސްޕިޓަލަށް ދިޔަ ތަނާއެވެ. އަދި އޭނާގެ ހާލު ދެރަވެގެން މިހާރު ފަރުވާ ދެމުންދަނީ އައިޖީއެމްއެޗުގެ އައިސީޔޫގައި ކަންވެސް އެނގިފައިވެއެވެ.

ސާއިދުގެ ދެ ކިޑްނީ ވެސް ފެއިލްވެފައިވާކަން އެނގުނީ އިންފެކްޝަނެއް އުފެދިގެން ޑޮކްޓަރަށް ދެއްކުމުން 2018 ވަނަ އަހަރުގެ ޖޫން މަހުއެވެ. އޭގެ ފަހުން އޭނާ ވަނީ އެކަމަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދައިފައެވެ.

ސާއިދުގެ ހާލު ސީރިއަސްވެފައި މިވަނީ ކިޑްނީ ޓްރާންސްޕްލާންޓު ކުރުމަށް އޭނާ ތައްޔާރުވަމުން އަންނަނިކޮށެވެ. އެނގިފައިވާ ގޮތުގައި އޭނާއަށް ޑޯނަރެއް ވެސް ވަނީ ހަމަޖެހިފައެވެެ.

ސަންއެފްއެމް އިން 2009 ގައި ނޫސްވެރިކަމުގެ ދާއިރާ އަށް ނުކުތް ސާއިދު ޕީއެސްއެމްއާ ގުޅުނީ 2015 ގައެވެ.