ތިނަދޫ ސިޓީގައި މީހުން އަލުން އާބާދުވިތާ 60 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް ބާއްވާ ހާއްސަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
މި ދަތުރުފުޅަކީ ތިނަދޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ތާރީހީ މުނާސަބަތުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެ ދެ ރައީސުންނަށް ދެއްވި ހާއްސަ ދައުވަތަކާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ. މިއީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ތިނަދޫގައި ހިނގައިދިޔަ ހާދިސާއަށްފަހު އެ ރަށުގައި މީހުން އަލުން އާބާދުކުރި ތާރީހީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތެކެވެ.
ތިނަދޫ ސިޓީ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، އެ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ ރަސްމީ ޖަލްސާއާއި ސަގާފީ ހަރަކާތްތަކުގައި ދެ ރައީސުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ތިނަދޫން 1962 ގައި މީހުން ބާލާފައިވަނީ، 1959 ވަނަ އަހަރު ރާއްޖޭގެ ދެކުނުގެ އައްޑޫ އާއި ފުވައްމުލަކު އަދި ހުވަދު އަތޮޅު، މައި ސަރުކާރުން ވަކިވެ، އުފެއްދި ވަގުތީ "ޔުނައިޓެޑް ސުވަދީބު ޖުމްހޫރިއްޔާ" އުފެއްދުމަށް ހިންގި ސުވަދީބު ހަރަކާތް ކޮންޓްރޯލުކުރުމަށެވެ. ތިނަދޫން މީހުން ބޭލުމަށްފަހު، އަލުން އާބާދުކުރީ އޭގެ ހަތަރު އަހަރު ފަހުންނެވެ.
ތިނަދޫގައި މި ފާހަގަކުރެވޭ 60 އަހަރީ މުނާސަބަތާ ގުޅިގެން ތިނަދޫ ސިޓީގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ. އެގޮތުން ކުޅިވަރުތަކާއި ސަގާފީ ކުޅިވަރުތަކުގެ އިތުރުން ތަފާތު ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ހަރަކާތްތައް މިމަހުގެ 21 ވަނަ ދުވަހުގެ ހެނދުނު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ގދ. ތިނަދޫ
ގދ. ތިނަދޫ
ގދ. ތިނަދޫ
ގދ. ތިނަދޫ
ކޮމެންޓް