ގދ. ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ތިނަދޫގެ މޭޔަރު ސައުދު އަލީގެ މައްޗަށް ކޮށްފައިވާ ދެ ދައުވާގައި، މި މަހުގެ 10 ވަނަ ދުވަހު ކުރިމިނަލް ކޯޓުގައި ބާއްވާ ޝަރީއަތުގެ މަޖިލީހުގައި، އެ ދައުވާގެ ދިފާއުގައި ހާމަކުރަންޖެހޭ ހެކިންގެ ބަޔާއި، ދައުވާއަށް ޖަވާބުދާރީވާނެ ގޮތް ހުށަހަޅަންޖެހޭނެ ކަމަށް ސައުދަށް އަންގައިފިއެވެ.

އެކަން ސައުދަށް އެންގީ، އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ.

އެކަން ސައުދަށް އަންގަވަމުން މި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ދިފާއީ ވަކީލެއް ހަމަޖައްސަން އެކި ފަހަރުމަތިން ސައުދަށް 25 ދުވަހުގެ މުއްދަތެއް ދެވިފައިވާ ކަމަށެވެ.

ނަމަވެސް މިއީ ވަކީލަކު ހަމަޖައްސަންދޭ އެންމެ ފަހު ފުރުސަތުކަން ފާހަގަކުރައްވައި ގާޒީ ވިދާޅުވީ، މިމަހުގެ 10 ވަނަ ދުވަހު މި މައްސަލަތަކުގެ އަޑުއެހުމެއް ބާއްވަވާނެ ކަމަށެވެ.

އެ ދުވަހަށް ވަކީލަކާއެކު އައިސް ދައުވާގައި ހާމަކުރަން ބޭނުންވާ ހެކިންނާއި، ދައުވާއަށް ޖަވާބުދާރީވާނެގޮތް ހުށަހަޅަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ގާޒީ ވިދާޅުވީ، ވަކީލަކު ހަމަނުޖެހުނު ނަމަވެސް އެ ދުވަހުގެ އަޑުއެހުން ކުރިއަށްދާނެ ކަަމަށެވެ. އަދި ވަކީލަކު ހަމަނުޖެހޭނަމަ އަމިއްލައަށް ނަމަވެސް އެ ދުވަހުގެ އަޑުއެހުމުގައި އެކަންތައްތައް ޝަރީއަތަށް ހުށަހަޅަންޖެހޭނެ ކަމަށް ސައުދަށް ގާޒީ އެންގެވިއެވެ.

ގާޒީ ވިދާޅުވީ، ހެކި ސިއްރު ކުރުމަށް ނެރެދިނުމަށް ސައުދުގެ ފަރާތުން އެދިފައިވާ ވަގުތީ އަމުރާމެދުވެސް އެދުވަހުގެ އަޑުއެހުމުގައި ގޮތެއް ނިންމަވާނެ ކަމަށެވެ.

މި މައްސަލައިގައި ސައުދުގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާއާއި، ރަސްމީ އިދާރާއަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ.

މިއަދުގެ އަޑުއެހުމުގައި، ދައުވާ ލިބޭ ފަރާތަށް ލިބިގެންވާ ބައެއް ހައްގުތައް ގާޒީ، ސައުދަށް އިއްވެވިއެވެ. އަދި ދައުލަތުން ސައުދުގެ މައްޗަށް ކުރާ ދެ ދައުވާ ސައުދަށް އެންގުމަށާއި، އެއާ ގުޅިގެން ލިބޭ ހައްގުތައް އިއްވައިދެއްވުމަށް ދައުލަތުގެ ވަކީލުގެ ކިބައިން ގާޒީ އެދިލެއްވިއެވެ.

އެކަމާ ގުޅިގެން ދެ ދައުވާ އިއްވެވުމަށްފަހު، ސައުދަށް ލިބިގެންވާ ހައްގުތައް ކިޔުއްވައިދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، އެ މައްސަލަތަކުގައި އިއުތިރާފުގެ އެއްބަސްވުމަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އިބްތިދާއީ އަޑުއެހުމުގައި އިއުތިރާފު އެއްބަސްވުމުގެ ދަށުން އަދަބު ކަނޑައަޅާނަމަ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާގެ އަދަބު އެއް އަހަރާއި 12 ދުވަހަށް ކުޑަވާނެ ކަމަށެވެ. އަދި ރަސްމީ އިދާރާއަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ އަދަބު ތިން މަހަށް ކުޑަވާނެކަން ދައުލަތުގެ ވަކީލު ފާހަގަކުރެއްވިއެވެ.

ދައުލަތުން ދައުވާ ހުށަހެޅުމުން ސައުދު ވިދާޅުވީ، ލިޔެކިޔުންތައް ދިރާސާ ކުރުމަށާއި ވަކީލަކު އައްޔަނުކުރުމަށް ވަގުތު ބޭނުންވާ ކަމަށާއި، އެ ފުރުސަތު ދިނުމަށް އެދޭ ކަމަށެވެ. ހަމައެއާއެކު، މޭޔަރުގެ ހައިސިއްޔަތުން މަސައްކަތްތައް ކުރަންޖެހެނީ ތިނަދޫގައި ހުރެގެން ކަމަށާއި، ރަސްމީ މަސައްކަތުގެ ހައިސިއްޔަތުން ލަސްތަކެއް އައިސްފައިވާ ކަމަށެވެ.