މާލޭގެ އަސުރުމާ ގޯޅިން އުތުރަށް ހިނގުން މަނާކޮށް، އޭނާ މަރާލައި ކޮށާލާނެ ކަމަށް އިންޒާރުދިން މީހަކު 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ހުކުމް ކުރީ، މ. ދާރުލް ގަރާރު އިސްމާއީލް ވިޝާލްގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުލަތުން ކުރީ، ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރު ދެއްކުމުގެ ކުށުގެ ދައުވާއެކެވެ.

އެ ދައުވާ ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވެފައި ވަނީ 14 ސެޕްޓެމްބަރު 2025 ވަަނަ ދުވަހުގެ މެންދުރެއްހާއިރު ނ. ލަންދޫ އުދަރެއް އިނާޒު މުހައްމަދު މާލޭގެ އަސުރުމާ ގޯޅިން ހިނގާފައި މ. ކުނޫޒާ ދިމާލަށް ދަނިކޮށް، އެނާ އެމަގުން އިތުރަށް ނުހިނގުމަށާއި، އެމަގުން އިތުރަށް ގޮސްފިނަމަ މަރާލާނެ ކަމަށާއި ކޮށާލާނެ ކަމަށް ބުނެ އިސްމާއީލް ވިޝާލް އިންޒާރު ދިން ކަމަށެވެ.

އޭގެ އިތުރުން އިނާޒްގެ ފަހަތުން ގޮސް، ވަޅިއަކުން އޭނާއަށް ހަމަލާދިނުމަށް އިނާޒްގެ ބުރަކައްޓާ ދިމާލަަށް އެވަޅި ވިޝާލް މަރާލި ކަމަށްވެސް ވިދާޅުވިއެވެ.

މި ދައުވާއަށް އިންކާރުކޮށް ވަކީލަކާއެކު ކުރިއަށްދާން ބޭނުންވާ ކަމަށް ވިޝާލް ބުންޏެވެ.

ނަމަވެސް ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.

ފެނުނު ކަމަށް ބުނާ ފަރާތްތަކަކާއި، ސިއްރު ހެކިން ތަކަކެއްގެ އިތުރުން، އެ ހާދިސާގެ ތެރެއިން ވިޝާލްގެ ޖީބުން ވަޅިއެއް ނެގި ކަމަށާއި، އިނާޒް ފަހަރުން ވިޝާލް ހިނގާ މަންޒަރާއި، އޭނާއާ ދިމާލަށް ވަޅި ހޫރާލާ މަންޒަރާއި، އެއްޗަކުން ޖަހާ މަންޒަރު ފެންނަ ވީޑިއޯ ފްޓޭޖް ދައުލަތުން ހެކިންގެ ގޮތުގައި ހުށަހެޅިއެވެ.

ނަމަވެސް ބައެއް ސިއްރު ހެކިން ބުނެފައި ވަނީ، މަސްތުވެގެން ތިބުމުގެ ސަބަބުން، އެ ހާދިސާ ހިނގި ތާރީހާއި ތަނާއި ތިބި މީހުން ހަނދާންނެތް ކަމަށެވެ.

ބައެއް ހެކިން ބުނެފައިވަނީ، ވިޝާލް އާއި އިތުރު މީހަކާ ދެެމެދު އެތަނުގައި ހަމަނުޖެހުމެއް ހިނގި ކަމަށާއި، ވިޝާލް އެމީހާގެ ފަހަތުން ކުނޫޒު ގޯޅިގަނޑުގެ ތެރެއިން ދިޔަ ކަމަށެވެ. އަދި ކާއެއްޗެހި އަޅާފައޮތް ކޮތަޅަކުން އޭނާގެ މޫނުމަތީގައި ޖެހި ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އަޑުގަދަވެގެން ގެއިން ނުކުތްއިރު، ވިޝާލް މީހަކާ ޒުވާބުކުރަމުންދާ މަންޒަރު ފެނުނު ކަމަށާއި، އެ މީހާ ކުނޫޒު ގޯޅިއަށް ދާންވެގެން ދިއުމުން ވިޝާލް އެމީހާގެ ފަހަތުން ދިޔަ ކަމަށާއި، ކާއެއްޗެހި އަޅާފައި ވިޝާލްގެ އަތުގައި އޮތްކޮތަޅަކުން އެ މީހާގެ ގައިގައި ޖެހި ކަމަށްވެސް އިތުރު ހެކިން ބުނެފައިވެއެވެ. އެއަށްފަހު ވިޝާލްގެ ބަނޑުދަށުން ތޫނު ހަތިޔާރެއް ނެގި ކަމަށާއި، އެންމެ ކައިރި ކުރަނީ ވަޅިއަކާ ކަމަށާއި، އެ ވަޅި އެމީހާއާ ދިމާލަށް ހޫރުވި ކަމަށާއި، އެމީހާއާ ދިމާލަށް މަރާލާނެ ކަމަށް ބުނެ އިންޒާރު ދިން ކަމަށްވެސް ހެކިވެރިއަކުން ބުނެފައިވެއެވެ.

އެހެންކަމުން ވިޝާލްގެ މައްޗަށް ދައުލަތުން ކުރި، ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރު ދެއްކުމުގެ ކުށުގެ ދައުވާ، ޝައްކެއް ނެތް މިންވަރަށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ވަނި ހުކުމް ކޮށްފައެވެ. އަދި 750،000 ރުފިޔާއިން ޖޫރިމަނާކޮށް، ދެ އަަހރު ދުވަހުގެ ތެރޭގައި އެ ފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށްވެސް ވަނީ ހުކުމް ކޮށްފައެވެ.