ހަތަރު ކިލޯއަށްވުރެ ޑްރަގް ރާއްޖެއަށް އެތެރެކުރި އިންޑިއާ މީހަކު 12 އަހަރު ދުވަހުގެ މުއްދަތަށް ޖަަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަަލައިގައި ޖަދުވަލު އެކެއްގައިވާ މަސްތުވާ އެއްޗެއް ރާއްޖެއަށް އެތެރެ ކުރުމުގެ ކުށުގެ ދައުވާ، ދައުލަތުން ކޮށް، ހުކުމް ކުރީ އިންޑއާ ރައްޔިތެއް ކަމަށްވާ ލަލްތުލަންޕަރި ކިޔާ މީހެއްގެ މައްޗަށެވެ.
އެ މައްސަލައިގައިވާ ގޮތުން، ލަލްތުލަންޕަރި ރާއްޖެ އައީ 12 އޭޕްރީލް 2023 ވަނަ ދުވަހު، ދުބާއީ މަގުން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި އެމިރޭޓްސް އެއާލައިންގެ ފްލައިޓަކުންނެވެ.
އޭނާ ރާއްޖެއަށް އައިއިރު އޭނާގެ ލަގެޖް ބަލައި ފާސް ކުރަންޖެހޭ ކަމަށް ކަސްޓަމްސްގެ އިންޓެލިޖެންސް އިން އޮތީ މައުލޫމާތު ދީފައެވެ.
އެހެންކަމުން އޭނާ ގެނައި ޓްރޮލީ ބޭގް ކަސްޓަމްސް އޮފިސަރުން ބަލައި ފާސްކުރި އިރު، އޭގެ ތެރޭގައި އޮތް ހޭންޑްބޭގެއްގެ ތެރޭގައި އިން ފޮތިކޮޅު ފަހާފައިވާ ކަމަށް ފާހަގަ ކުރެވިގެން އެ ފޮތިކޮޅު ކަފާލައިގެން ބަލަންޖެހުނެވެ.
އެގޮތަށް ބެލުމުގައި، ހޭންޑް ބޭގްގެ ދެ އަރިމަތިން ފެނުނު ކަޅު ކުލައިން ޓޭޕްކޮށްފައި އޮތް ރަބަރު ޕެކެޓް އަކާއި ނޫކުލައިން ޓޭޕް ކޮށްފައި އޮތް ރަބަރު ޕެކެޓަކާއި ނޫކުލައިން ޓޭޕް ކޮށްފައި އޮތް ރަބަރު ޕެކެޓުން ވަނީ ކޮކޭން އާއި ޑައިމޯފިން ފެނިފައެެވެ.
އޭގެ އިތުރުން އެ ބޭގް އިތުރަށް ބެލިއިރު އެ ބޭގުގައި ކޮންސީލްމަންޓެއް ހަދާފައި ހުރި ކަމަށް ޝައްކު ކުރެވިގެން ޓްރޮލީ ބޭގްގެ އިސްކުރުތައް ނައްޓައި ކޮންސީލްމަންޓް ނަގައި ބެލިއިރު، ޓްރޮލީ ބޭގްގެ މަތީފުށުން ވެސް ޑައިމޯފިން ހުރި ރަބަރު ޕެކެޓެއް ވަނީ ފެނިފައެވެ.
މި މައްސަލަ ކޯޓުގައި ކުރިއަށްދަނިކޮށް، ކުށްވެރިޔާ އާއި ޕްރޮސިކިއުޓާ ޖެނެރަލް އައެކު އިއުތިރާފްގެ އެއްބަސްވުމެއް ހެދިއެވެ.
އެ އެއްބަސްވުމަށްބަލައި، 12 އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް ޖަަލަށްލާން ކުރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އަދި މި މައްސަަލައާ ގުޅިގެން 50،000 ރުފިޔާއިން އޭނާ ޖޫރިމަނާކޮށް، އެ ފައިސާ ހަ މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ތެރެވިއު އޮތޯރިޓީއަށް ދައްކަންވެސް ވަނީ އަންގައިފައެވެ.
އިބްރާހިމް ޒަކީ
މަސްތުވާތަކެތި އެތެރެކުރުން
މަސްތުވާތަކެތި އެތެރެކުރުން
މަސްތުވާތަކެތި އެތެރެކުރުން
ކޮމެންޓް