ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވި މީހަކު 24 އަހަރަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އެ މައްސަލައިގައި ދައުވާކޮށްފައިވަނީ ޝަޔާލް ބިން ރިލްވާންގެ މައްޗަށެވެ. އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާކުރީ، މިދިޔަ އަހަރުގެ އޭޕްރިލްގައި ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޝަޔާލްގެ އަތުގައި އޮތް ތަޅުދަނޑިއަކުން ސައިކަލެއްގެ މަޑިދަށް ހުޅުވައި، މަޑިދަށުގައި އޮތް ފޮތި ކޮތަޅެއް ހާވަނިކޮށް މަސްތުވާތަކެތި ފެނިގެންނެވެ.

އެގޮތުން ފޮތި ކޮތަޅެއްގެ ތެރެއިން ރަބަރު ޕެކެޓުތަކުން ޖުމުލަ 30 ގުރާމުގެ ޑައިމޯފިން ހުރި ކަމަށް އެ ތަކެތީގެ ތަހުލީލުން ދެއްކި ކަމަށް ހުކުމުގައިވެއެވެ. އެ މަޑިދަށުން ރަބަރު ޕެކެޓާއި ކައްޓާ ފަދަ، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް ބޭނުންކުރާ ފަދަ ތަކެތި ވެސް ފެނިފައިވާ ކަމަށް ހުކުމުގައިވެއެވެ.

އެ މައްސަލައިގެ އިބުތިދާއީ އަޑުއެހުމުގައި ޝަޔާލް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އަދި މަސްތުވާތަކެތި ފެނުނު ސައިކަލަކީ އޭނާގެ ސައިކަލެއް ނޫން ކަމަށާއި އެ ސައިކަލުގެ ތަޅުދަނޑިއަކީ ވެސް އޭނާގެ އެއްޗެއް ނޫން ކަމަށްވަނީ ބުނެފައެވެ.

އެ މައްސަލައިގެ ހުކުމުގައި ވަނީ، ޝަޔާލް ދައުވާއަށް އިންކާރު ކުރި ނަމަވެސް، ޕްރޮސިކިއުޝަނުން ޝަރީއަތަށް ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަތްކުރާއިރު، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތުވާ ކަމަށެވެ.

އެހެންވެ، އޭނާ 24 އަހަރާއި 11 މަހަށް ޖަލަށްލުމާއެކު، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.