ޑޮލަރު ވިއްކާނެ ކަމަށް ބުނެ މީހެއްގެ އަތުން ފައިސާ ހޯދައިގެން ޑޮލަރު ގަތުމަށްފަހު، އެމީހާއަށް ޑޮލަރުވެސް ފައިސާ ވެސް ނުދިން މައްސަލައިގައި މީހަކު ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ކުރިމިނަލް ކޯޓުން ހުކުމްކުރީ، މ. އައްސިދަ، މުހައްމަދު ސައީދަށެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ކުރީ، ޓެކުމުގެ ކުށުގެ ދައުވާއެކެވެ.
އެ ދައުވާގައި ދައުލަތުން ބުނެފައި ވަނީ 2025 ވަނަ އަހަގެ ސެޕްޓެމްބަރު މަހުގެ އެކި ދުވަސްތަކުގައި މުހައްމަދު ސައީދު، ހުޅުމާލެ ފްލެޓް ނަމްބަރު 10019 މޫސާ ރަޝީދަށް ޑޮލަރު ހޯދައިދެމުންދާ ކަމަށެވެ.
އެގޮތުގެމަތިން ތިނެއް ސެޕްޓެމްބަރު 2025 ވަނަ ދުވަހު މޫސާ ރަޝީދު ހިއްސާވާ ކުންފުންޏެއް ކަމަށްވާ އައިމޯ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ޑޮލަރު ގަތުމަށްޓަކައި އެ ކުންފުނީގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުން އޭނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް 203500 ރުފިޔާ ޖަމާކުރުމުން، އެ ފައިސާއިން ޑޮލަރު ހޯދުމަށްފަހު މޫސާ ރަޝީދު އާ ޑޮލަރު ހަވާލު ނުކޮށް ފައިސާވެސް އަނބުރާ ރައްދުކޮށްދީފައި ނުވާ ކަމަށް ބުނެފައިވެއެވެ.
މި މައްސަލައިގައި ޓެކުމުގެ ދައުވާގެ އިތުރުން، މޫސާ ރަޝީދަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުން 203500 ރުފިޔާ މުހައްމަދު ސައީދުގެ އަތުން ނަގައިދިނުމަށް ވެސް ދައުލަތުން ދައުވާކޮށްފައިވެއެވެ.
މި ދއުވާއަށް ސައީދު އިންކާރު ކުރި ނަމަވެސް ހެކިންގެ ހެކި ބަހުން އޭނާގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމް ކުރިއެވެ. އަދި މި މައްސަލައިގައި އައިމޯ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، 203500 ރުފިޔާ އެ ފަރާތައް ދައްކަންޖެހޭ ކަމަށް ކަނޑައަޅައި، އެ ފައިސާ އެ ކުންފުންޏަށް ދިނުމުގެ ގޮތުން، ދެ އަހަރު ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް މި ފައިސާ ދެއްކުމަށް ވެސް ހުކުމްގައި ވަނީ، މުހައްމަދު ސައީދަށް އަންގައިފައެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް